ރާޒުވާ ނުވަތަ އިނގިރޭސިބަހުން ބުނާނަމަ ޗެސްއަކީ ބުއްދީގެ ކުޅިވަރެކެވެ. 64 ގޮޅި ކުރަހާފައިވާ ފިލާގަނޑެއްގެ މަތީގައި ކުޅޭ މިކުޅިވަރަކީ ވަރަށް ޝައުގުވެރި އަދި އެމީހެއްގެ ވިސްނުން ތޫނުކަން އިމްތިހާނުކޮށްލާ ކުޅިވަރެކެވެ.
ރާޒުވާ ކުޅެން ގެންގުޅޭ 64 ގޮޅި ކުރަހާފައިވާ ފިލާގަނޑަށް ކިޔަނީ ރާޒުވާ ގޮނޑިއެވެ. މި ގޮނޑީގެ ކޮންމެ ފަރާތެއްގައި 8 ގޮޅިވާއިރު އެ ގޮޅިތަކަށް ކިޔަނީ ގެ އެވެ. ގެތަކުގައި ދެ ކުލައަކުން ކުލަ ޖައްސާފައިވެ އެވެ. މިސާލަކަށް ކަޅާއި ހުދެވެ. ހުދު ގެއަކާއި ޖެހިގެން ކަޅު ގެއެއް ވާ އުސޫލުންނެވެ.
ދުނިޔޭގައިވާ އެންމެ މަޝްހޫރު ކުޅިވަރުތަކުގެ ތެރެއިން ކުޅިވަރެއްގެ ގޮތުގައި ފާހަގަކުރެވޭ ރާޒުވާއަކީ ގައުމެއް ކުރިއަރާފައިވާ މިންވަރު ބުނެދޭ މިންގަނޑެއް ކަމުގައި ވެސް ބެލެވިފައިވެ އެވެ.
ދިގު ތާރީހެއް ލިބިފައިވާ ރާޒުވާ އިހުގެ މީހުންވެސް ކުޅުނުއިރު މިއީ ވަރަށް ގިނަ ދުވަސްވެފައިވާ ކުޅިވަރެކެވެ. އެންމެ އިތުބާރުހުރި ލިޔުންތައް ބުނާގޮތުގައި ރާޒުވާ އުފެދުނީ، މެދުއިރުމައްޗާއި އިންޑިއާގަ އެވެ.
ބައެއް ލިޔުންތަކުން ރާޒުވާ އުފެދުނީ މިސްރާއި ޗައިނާއާއި ފާރިސްކަރައިގައި ކަމަށް ބުނާއިރު މިޒަމާނުގައި ރާޒުވާ ކުޅޭ ހަމަތައް އުފެދި ތަރައްގީވެގެން އައިސްފައި މިވަނީ އެތައް ގޮތަކަށް ކުޅެ އެތައް ދުވަހެއްވީ ފަހުންނެވެ.
އެކި ގައުމުތަކުން މިކުޅިވަރުގެ ބާނީންގެ ގޮތުގައި ނުވަތަ މިކުޅިވަރު އީޖާދުކުރިކަމުގެ ޝަރަފު ހާސިލްކުރަން ތަފާތު ވާހަކަތައް ހަދަ ހަދައިގެން ދައްކާއިރު އެފަދަ ވާހަކަތަކުގެ ތެރެއިން ވެސް އެންމެ މަގުބޫލީ އިންޑިއާގެ ވާހަކައެވެ.
މިނިވަން އެކުމާފާނުގައި މީހަކު ލިޔެފައިވާ އެވާހަކައިގައިވާ ގޮތުން މުނިފޫހިފިލުވާދޭ ކުޅިވަރެއް އީޖާދުކުރުމަށް ރަސްގެފާނު އެދިވަޑައިގަތުމުން ވަޒީރަކު، ރާޒުވާ އީޖާދުކުރައްވާ ރާޒުވާ ކުޅޭ ގޮތް ރަސްގެފާނުގެ އަރިހުގައި ވަޒީރު ދެންނެވުމުން، އޭގެ މޮޅުކަމާމެދު ހައިރާންވެވަޑައިގަތެވެ. އަދި އެ ވަޒީރަށް، އޭނާ އެދިވަޑައިގަތް އެއްޗެއް އިމާނެއް ކަމުގައި ހަމަޖެއްސެވި އެވެ.
ދެން ވަޒީރު އެދިވަޑައިގަތީ ރާޒުވާ ގޮނޑީގެ ފުރަތަމަ ގެއަށް އެންމެ ގޮދަން ފުކެއް ދެއްވުމަށް ކަމަށާއި ދެވަނަ ގެއަށް ދެފުށް ދެއްވުމަށެވެ. ތިންވަނަ ގެއަށް ދެވަނަ ގޭގައިވާ އެއްޗެއްގެ ދެބާރު ދެއްވުމަށެވެ. އެއީ، ހަތަރު ފުކެވެ. މިގޮތަށް ގޮސް މުޅި ގޮނޑީގައިވާ ގެތަކަށް ވާ ވަރަށް ގޮދަން ދެއްވުމަށެވެ. ރަސްގެފާނު ހިއްތެވީ މިއީ ވަރަށް ފަސޭއިން ދެއްވިދާނެ ކުޑަކުޑަ އިނާމެއް ކަމަށެވެ. ދެން ވަޒީރަށް އެ އިނާމު ދިނުމަށް ޚަޒާނާތަކުގެ ވެރިޔާއަށް ރަސްގެފާނު އަމުރުފުޅު ކުރެއްވި އެވެ. ނަމަވެސް، އިންޑިއާގައިވާ ހުރިހައި ގޮދަނެއް ހުސްވިއިރު ވެސް އެ އިނާމު ފުރިހަމަކޮށެއް ނުދެވުނެވެ.
ވަޒީރަށް ދޭންޖެހޭ ގޮދަނުގެ މިންވަރު މިޒަމާނުގައި ބައެއް ފަރާތްތަކުން ހިސާބުކޮށް ނަތީޖާ ނެރުނުއިރު އެއީ ވިހި ވިޔައަކުރުގެ ބިޔަ އަދަދެކެވެ. އެއިން އެނގޭ ގޮތުގައި އެ ގޮދަންފުށްތަކުގެ އަދަދު، 36 މިލިއަން ޓްރިލިއަނަށް ވުރެ ގިނަކަމަށްވެ އެވެ.
މިޒަމާނުގައި ރާޒުވާ ކުޅިބައި އެކުލެވިގެންވަނީ 32 ކުޅިންނެވެ. ރާޒުވާ ކުޅޭ ދެ ކުޅުންތެރިންކުރެ ކޮންމެ ކުޅުންތެރިއަކަށް 16 ކުޅި ލިބޭއިރު އޭގެ ތެރެއިން 8 ކުޅިއަކީ މަނާތަކެވެ. މަނާތަކުގެ އިތުރުން ލިބޭ ކުޅި ތަކަކީ، 2 ރިޔާ، 2 އަސް، 2 ބޮޑުބޯ، މަންތިރިއެއް، އަދި ބޮނދެއް މި އެވެ.
މިޒަމާނުގައި ރާޒުވާ ކުޅޭއިރު، ގޮނޑި ބަހައްޓަން ޖެހޭ ރަނގަޅު ގޮތަކީ، ކޮންމެ ކުޅުންތެރިއެއްގެ އެންމެ ކަނާތްފަރާތުގައި ހުދުކުލައިގެ ގެއެއް ވާ ގޮތަށެވެ. އަދި ހުދު މަންތިރި ވާނީ ހުދު ގެއެއްގަ އެވެ. ކަޅު މަންތިރި ވާނީ ކަޅު ގެއެއްގަ އެވެ. ދެން އެހެން ކުޅިތައް ވާނީ އޭގެ ދެފަރާތުގައެވެ. ދެވަނަ ސަފުގައިވާނީ މަނާތަކެވެ.
ފުރަތަމަ އަބަދުވެސް ކުޅޭނީ ހުދެވެ. ފުރަތަމަ ކުޅުމަށްފަހު ދެން ކުރިއަށް ގެންދެވޭނީ ފަހަރަކު ކުޅުންތެރިއެއް ކޮންމެވެސް އެއް ކުޅި އެވެ. ކުޅިތައް ގެންދެވޭނީ ހުސްގޮޅިއަކަށް ނުވަތަ ކުޅިންތެރިޔާއާއި ވާދަކުރާ އަނެއް ކުޅުންތެރިޔާގެ ކުޅިއެއް އިން ގޮޅިއަކަށެވެ.
ކުޅުންތެރިޔަކަށް އޭނާގެ ބޮނދަށް ހަމަލާ އަންނަ އެއްވެސް ކުޅުމެއް ނުކުޅެވޭނެ އެވެ. ކުޅުންތެރިޔާއަށް ގަވާއިދާ އެއްގޮތްވާގޮތަށް ކުރެވޭނެ ހަރަކާތެއް ނެތިއްޖެނަމަ ކުޅުން ނިމުނީ އެވެ. މިގޮތަށް ވާން ދިމާވީ ކުޅުންތެރިޔާގެ ބޮނދަށް ހަމަލާ ދީގެންނަމަ ސައިކިޔުނީ އެވެ. ނޫންނަމަ ދެކުޅުންތެރިން އެއްވަރުވީމަ އެވެ.
ކޮންމެ ކުޅިއެއްވެސް ހަރަކާތްކުރާ ހާއްސަގޮތްތަކެއް ވެއެވެ. އެއީ:
1. ބޮނދު ކުރިއަށްދާނީ ކޮންމެ ދިމާލަކުންވެސް އެއް ގޮޅިއަށެވެ.
2. ރިޔަލަށް ކުރިއަށްދެވޭނީ ސީދަލަށް މައްޗަށް ތިރިޔަށް އަދި ވައަތަށް ކަނާއަތަށެވެ.
3. ބޮޑުބޮލަށް ކުރިއަށް ދެވޭނީ ކައްޗަށް އެކަންޏެވެ.
4. އަހަށް ކުރިއަށް ދެވޭނީ L ބައްޓަމަށެވެ.
5. މަނަލަށް ކުރިއަށް ދެވޭނީ ޖެހިގެން މައްޗަށް އިންގޮޅީގައި އެހެން ކުޅިއެއް ނެތްނަމައެވެ. ފުރަތަމަ ފަހަރު 2 ގޮޅި ކުރިއަށް ދެވޭނެ އެވެ.
މިނިވަން އެކުމާފާނުގައި ކުޅިވަރުތަކާއި މިނޫންވެސް އެކި ކަންކަމާ ބެހޭ ވަރަށް ގިނަ މައުލޫމާތު ލިބެންހުރެ އެވެ. މިނިވަން އެކުމާފާނު ކިޔުމަކީ އެމީހެއްގެ މައުލޫމާތު މުއްސަނދިވާނެ ކަމެކެވެ.