twitterviber whatsapp telegramfacebookyoutube instagram
18th May 2024

ބަންގްލަދޭޝް އިން ސިއްހީ މާހިރުން ހޯދަން ސޮއި ކުރަނީ

ނަބީލާ އިސްމާޢީލް
Dec 21, 2021

ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުގައި އެ ގައުމުން ސިއްހީ ދާއިރާގެ މާހިރުން ގެންނަން ރާއްޖެއާ އެކު އެއްބަސްވުމެއްގައި ސޮއިކުރައްވާނެ ކަމަށް ބަންގްލަދޭޝްގެ ފޮރިން މިނިސްޓްރީން ބުނެފި އެވެ.

މިކަން ހާމަކުރައްވާފައިވަނީ ޝެއިޚް ހަސީނާ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާ ގުޅޭ ގޮތުން އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ. އޭކޭ އަބްދުލް މޫމިން ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅުގައި ރާއްޖެ ވަޑައިގަންނަވާނީ ބުދަ ދުވަހުގެ މެންދުރުފަހުގެ ވަގުތެއްގައެވެ. ސޮއިކުރެއްވުމަށް ހަމަޖެހިފައިވާ އެއްބަސްވުންތަކުގެ ތެރޭގައި އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން، ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމަކާއި ޒުވާނުންނާއި ކުޅިވަރާ ގުޅޭދާއިރާގެ އެއްބަސްވުމެއް ހިމެނެއެވެ. އަދި ސިއްޙީ ދާއިރާއިން މީހުން ތަމްރީނުކުރުމަށް ރާއްޖެއާއި ބަންގްލަދޭޝްއާދެމެދު ވެފައިވާ އެއްބަސްވުން އައުކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

އޭގެ އިތުރުން ސިއްހީ މާހިރުން ބަންގްލަދޭޝް އިން ރެކްރޫޓް ކުރުމާ ގުޅޭ އެއްބަސްވުމެއްގައި ސޮއިކުރާނެ ކަމަށް އެ ނޫހުގައި ބުނެފައިވެ އެވެ.

ހަސީނާ މާދަމާ ރާއްޖެ ވަޑައިގަތުމަށްފަހު ބުރާސްފަތި ދުވަހަށް ކުރިއަށް ގެންދަވާނީ ދަތުރުފުޅުގެ ރަސްމީ ބައެވެ. އޭގެފަހުން މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް އެކަނަމާ ރާއްޖޭގައި ޗުއްޓީ ހޭދަކުރައްވާނެ އެވެ.

ޝައިހް ހަސީނާ ރާއްޖެ ވަޑައިގަންނަވަނީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައުވަތަކަށެވެ.

މި ދަތުރުފުޅުގައި ނާއިބުރައީސް ފައިސަލް ނަސީމާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާނާ ހޮޓެލް ޖެންގައި ބައްދަލު ކުރައްވާނެއެވެ.

މި މަހުގެ 24 ވަނަ ދުވަހު ރާއްޖޭގައި އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންނާ ވާރޗުއަލްކޮށް އެކަމަނާ ބައްދަލު ކުރައްވާނެއެވެ. މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ގައުމަށް ވަޑައިގަންނަވާނީ މި މަހުގެ 27 ވަނަ ދުވަހު ކަމަށް ބަންގްލަދޭޝްގެ މީޑިއާއިން ވަނީ ރިޕޯޓްކޮށްފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355