ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލައި ޕީޕީއެމް/ޕީއެންސީން މާލޭގައި ކުރަމުން ގެންދާ މުޒާހަރާގެ ތެރެއިން އިއްޔެ ހައްޔަރު ކުރި މީހުންގެ ތެރެއިން ދެ މީހަކު ފިޔަވައި އެހެން އެންމެން ދޫކޮށްލައިފި އެވެ.
މި ހަރަކާތުގައި ބައިވެރިވި އެ ދެ ޕާޓީގެ ސަޕޯޓަރުން ވަނީ އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އަޑުއުފުލާފަ އެވެ. "އިންޑިޔާ އައުޓް" ގެ ނަމުގައި އިދިކޮޅުން ބާއްވާ ސިލްސިލާ އެއްވުމުގެ ތެރެއިން އަމުރަށް ނުކިޔަމަންތެރިވި ކަމަށް ބުނެ ފުލުހުން އިއްޔެ ވަނީ 29 މީހަކު ހައްޔަރު ކޮށްފަ އެވެ.
ޕީޕީއެމްގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެފައި ވަނީ ދޫނުކޮށްލާނެ ކަމަށް ފުލުހުން ބުނި ދެ މީހުންގެ ތެރެއިން އެކަކީ އަންހެނެއް ކަމަށެވެ. އެ އަންހެން ސަޕޯޓަރަށް ރޭ އަސްތަމާ އެޓޭކެއް ވެސް އައި ކަމަށާއި ފުލުހުން އޭނާ އަށް ވަރަށް އަނިޔާ ކުރި ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
އިދިކޮޅު ލީޑަރު، ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަންވެވަޑައިގަތް ފަހުން ޕީޕީއެމް/ޕީއެންސީން ވަނީ އިންޑިޔާ އައުޓް ހަރަކާތްތައް ފުޅާކޮށްފަ އެވެ. މާލޭގެ އިތުރުން އެހެން ރަށްރަށުގައި ވެސް ޔާމީން ވަޑައިގެން އިންޑިޔާ ސިފައިން ތިބުމާ ދެކޮޅަށް ވާހަކަ ދައްކަވާފަ އެވެ.
އިއްޔެ ހައްޔަރުކުރި މީހެއްގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް ފުލުހުން ވަނީ ކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސް އެޅުމުގެ ތުހުމަތާއި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގުމާއި ފުލުހުންގެ ވެހިކަލަކަށް ގެއްލުން ދިނުމުގެ ތުހުމަތު އެ މީހާގެ މައްޗަށް ފުލުހުން ކުރި އެވެ.
އިއްޔެގެ އެއްވުން ވެސް ފުލުހުން ވަނީ ބާރުގެ ބޭނުންކޮށްގެން ރޫޅާލާފަ އެވެ.
ފުލުހުން ވަނީ އެއްވުމުގެ ބައިވެރިންގެ ގަޔަށް ޕެޕާ ސްޕްރޭ ޖަހާފަ އެވެ. ބައެއް މީހުންގެ މޫނަށް ސީދާ އަމާޒުކޮށް ވެސް ޕެޕާ ސްޕްރޭ ޖަހާފައިވެ އެވެ.