އިިންޓަނެޓު އަގު މިހާރު ވަނީ ހެޔޮ ވެފައި
ނެޓު ސްލޯ ވުމުގެ ވާހަކައާއި އަގުބޮޑު ވުމުގެ ޝަކުވާ މިހާރު އެއްވެސް ބަޔަކު ނުކުރޭ: ފައްޔާޒް
ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ހެޔޮވެ ރާއްޖޭގެ އިގްތިސޯދަށް އިންގިލާބީ ބަދަލުތަކެއް އަންނާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ފައްޔާޒް އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީގެ ފަރާތުން ވާދަކުރާ ކެންޑިޑޭޓު މުހައްމަދު ރާޝިދުގެ ކެމްޕެއިން އިފްތިތާހު ކުރުމަށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ފައްޔާޒު ވިދާޅުވީ ކޮވިޑް ބަލިމަޑުކަމުގެ ތެރޭގައިވެސް ވިޔަފާރިވެރިންނާއި މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ސަރުކާރުން ވަރަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެގޮތަށް މަސައްކަތް ކުރެވުނީ ހިކުމަތްތެރިކަމާއެކު އަދި ތަފާތު ހާލަތްތަކުގައިވެސް ކަންކަން ކުރުމުގެ ގާބިލުކަމާއި ވިސްނުންތެރިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ސަރުކާރުގައިވެސް ހުރުމުން ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ތެރޭގައި އިގްތިސާދު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ އެކު ކުރިއަށް އޮތް ދުވަސްތަކުގައި ޑޮލަރުގެ އަގު ހެޔޮވެގެންދާނެ ކަމަށެވެ. ރާއްޖެއަކީ ބޭރުން ގެންނަ މުދަލަށް ބަރޯސާވާ ގައުމަކަށްވެފައި ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު ބޮޑުވުމުން ރާއްޖެއަށް ވެސް އަސަރުކުރާނެ ކަމަށާއި ނަމަވެސް ލިބޭ ގެއްލުން ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރަމުންދާ ކަމަށްވެސް ވިދާޅުވި އެވެ.
ހަމައެހެންމެ އިިންޓަނެޓު އަގު ވެސް މިހާރު ހެޔޮ ވެފައިވާ ކަމަށާއި ނެޓު ސްލޯ ވުމުގެ ވާހަކައާއި އަގުބޮޑު ވުމުގެ ޝަކުވާ މިހާރު އެއްވެސް ބަޔަކު ނުކުރާ ކަމަށް ފައްޔާޒް ވިދާޅުވިއެވެ.
މިނިމަމް ވޭޖު ކަނޑައަޅައިފައިވާ ކަން ފާހަގަކުރައްވައި އޭނާ އިތުރަށް ވިދާޅުވީ ވޭތުވެދިޔަ 30 އަކަށް އަހަރުގެ ތެރޭގައި ނުކުރެވި ހުރި އުމްރާނީ އެތައް ކަމެއް މުޅި ދުނިޔެ ހުއްޓުމަށް އައިސްފައި ވަނިކޮށް، މި ސަރުކާރުން ފަށައިގެން ކުރިޔަށް ގެންދާ ކަމަށެވެ. އަދި މި ކަންކަމަކީ މީގެ ކުރިން އެއްވެސް ސަރުކާރަކަށް ކޮށްދެވިފައި ނުވާ ކަންކަން ކަމަށް ވެސް ވިދާޅުވިއެވެ.
ރާއްޖޭގައި މީހުން ދިރިއުޅޭ 186 ރަށުގެ ތެރެއިން 100 އަށް ވުރެ ގިނަ ރަށުގައި ބަނދަރު ހެދުމުގެ މަސައްކަތް މިސަރުކާރުގައި ކުރިއަށްދާ ކަމަށާއި ރާއްޖޭގެ އެކި އަތޮޅުތަކުގައި 100 އަށް ވުރެ ގިނަ ރަށްރަށުގައި ފެނާއި ނަރުދަމަގެ ނިޒާމު ގާއިމުކުރުމުގެ މަސައްކަތާއި، އެތައް ރަށެއްގައި އާ އިންޖީނުގެތައް އެޅުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވަނީ މި ސަރުކާރު "ހަމަ ސްލޯ ތޯ" ސުވާލުކުރައްވައިފައެވެ. އަދި ވިދާޅުވީ "އަދިވެސް ބުނާނެ ސްލޯއޭ، ކަމެއް ނުކުރެވެޔޭ،" ފައްޔާޒް ވިދާޅުވިއެވެ.