twitterviber whatsapp telegramfacebookyoutube instagram
29th March 2024

ނޮޅިވަރަންފަރުގައި ކޮމިއުނިޓީ ސްޕްރެޑެއް، ފިޔަވަޅުތައް ވަރުގަދަކޮށްފި

ޚަދީޖާ އާދަމް
Jan 12, 2022

ހދ ނޮޅިވަރަންފަރުގައި މިވަގުތު ކޮވިޑް ކޭސްތައް އިތުރުވެ ކޮމިއުނިޓީ ސްޕްރެޑަކަށް ގޮސްފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެ އެވެ.

ކޭއޯއަށް މައުލޫމާތު ދެމުން ނޮޅިވަރަންފަރު ކައުންސިލްގެ ރައީސް އަބްދުﷲ ނަދީމް ވިދާޅުވީ އެރަށުގައި މި ވަގުތު ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަމަށް ގަބޫލް ކުރެވޭކަމަށެވެ. އޭނާ ވިދާޅުވީ މި ވަގުތު އެރަށުގެ އެކްޓިވް ކޭސްތަކުގެ އަދަދަކީ 65 އެވެ. އެންމެ ފުރަތަމަ އެރަށުން ކޮވިޑް ކޭހެއް ފެނުނީ މިމަހު 4 ވަނަ ދުވަހުއެވެ.

ނަދީމް ވިދާޅުވީ ކޮވިޑް ކޮންޓްރޯލް ކުރުމަށްޓަކައި ފިޔަވަޅުތަކެއްވެސް އަޅާފައިވާ ކަމަށާއި އެގޮތުން ވިޔަފާރީ ކުރަން ވަކި ހާއްސަ ގަޑިތަކެއް ކަނޑައަޅާ ކާފިއު ގަޑިތައްވެސް އިއުލާންކޮށްފައިވާކަމަށެވެ.

އެގޮތުން ހަވީރު 6:00 ން ހެނދުނު 6:00 ކާފިއު ހިންގަން ނިންމާފައިވާއިރު ކާފިއު ވަގުތު ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުންނަމަ އެރަށު ޕޮލިސް ސްޓޭޝަންއަށް ގުޅައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ކައުންސިލުން ވަނީ އަންގާފައެވެ.

ކާފިއު ނޫން ވަގުތުތަކުގައިވެސް ޒަރޫރީ ބޭނުމެއްގައި ފިޔަވާ ބޭރަށް ނުނިކުތުމަށާއި ރޯގާގެ އަލާމާތްތައް ހުރި ފަރާތްތަކުން ގެއިން ބޭރަށް ނުނިކުތުމަށްވެސް ވަނީ އަންގާފައެވެ. އަދި ރޯގާގެ އަލާމަތްތައް ހުރިކަން ސިއްހީ މަރުކަޒަށް އެންގުމަށް ކައުންސިލުން އެދިފައިވެއެވެ.

ވިޔަފާރީ ކުރަން ފިހާރަތަކަށް ވަދެވޭނީ މަދުވެގެން ދެ މީހުންނަށްކަމަށާއި ކާފިއު ގަޑީގައި ވިޔަފާރީތަކަށް ކުރެވޭނީ ހަމައެކަނި ޑެލިވަރީކަމަށްވެސް ކައުންސިލުން އަންގާފައި ވެއެވެ. މީގެ އިތުރުން ޓޭކްއަވޭ ފިޔަވާ ހޮޓާ ކެފޭތަކުން ދޭ އެހެނިހެން ހިދުމަތްތައް ހުއްޓާލުމަށްވެސް ވަނީ އަންގާފައެވެ. ޓޭކްއަވޭ ހިދުމަތްވެސް ދެވޭނީ ހެނދުނު 06:00 ން ރޭގަނޑު 12:00 ށެވެ.

ކޭސްތަކާއި ގުޅިގެން މިވަގުތު އެރަށުގެ 55 ގެއެއް ވަނީ މޮނީޓަރިންގެ ހާލަތަށް ގެނެސްފައެވެ. ޕޮޒިޓިވްވި ފަރާތްތަކުގެ ތެރޭގައާއި ކޮންޓެކްޓުންގެ ތެރޭގައިވެސް ހައި ރިސްކު މީހުން ހިމެނޭކަމަށާއި ނަމަވެސް އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ނަދީމް ވިދާޅުވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355