twitterviber whatsapp telegramfacebookyoutube instagram
8th September 2024

ކޮމަންޑޫއާ މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ޚަދީޖާ އާދަމް
Jan 13, 2022
1

ށ. ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ ހަވާލުކޮށްފިއެވެ.

މި މަސައްކަތް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރުން އެމްޓީސީސީއާއި ހަވާލުކުރީ 250 މިލިއަން ރުފިޔާއަށެވެ.

އެ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް އަންވަރ އަލީއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އާދަމް އާޒިމްއެވެ.

730 ދުވަހުގެ ތެރޭގައި ނިންމާގޮތަށް އެ ކުންފުންޏާ ޙަވާލު ކުރި މި މަޝްރޫއު ގައި 1690 މީޓަރުގެ ޝޯ ޕްރޮޓެކްޝަން ރެކްޓިފިކޭޝަން މަސައްކަތް ކުރުމާއި މަތިކޮމަންޑޫގައި 16.7 ހެކްޓަރުގެ ބިން ހިއްކުން ހިމެނެއެވެ. އަދި 1250 މީޓަރުގެ ބޮޑުހިލައިގެ ތޮށި ލުމާއި 353 މީޓަރުގެ ބޮޑުހިލައިގެ ފައިކައްޓާއި 112 މީޓަރުގެ ޖިއޯބޭގް ތޮށި މަތިކޮމަންޑޫގައި ގާއިމުކުރުމަށް ވެސް ވަނީ ނިންމާފައެވެ.

މީގެ އިތުރުން މި މަޝްރޫއުގައި 200 މީޓަރުގެ ދިގުމިނުގެ ލިންކަކުން ކޮމަންޑޫއާއި މަތިކޮމަންޑޫގައި ހިއްކާ ސަރަހައްދު ގުޅާލައި އެ މަސައްކަތަށް ބޭނުންވާ ތިމާވެށީގެ ދިރާސާތަކާއި ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓު ވެސް ތައްޔާރުކުރާނެއެވެ.

ދެ ކޮމަންޑޫ ލިންކަކުން ގުޅުވައިލުމަށް ހަމަޖެހިފައިވާ އިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް އަންނަ ހުކުރު ދުވަހު ފެށުމަށް އަންނަނީ ތައްޔާރުވަމުންނެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355