22 އަހަރަށްފަހު މިއަހަރު އޯލެވެލް ހަދަން ތައްޔާރުވާއިރު ސްކޫލުގައި ވެރިޔަކު ނެތް. 900 އަށްވުރެގިނަ ދަރިވަރުން ކިޔަވާ އެ ސްކޫލުގައި ޕްރިންސިޕަލެއް ނެތްތާގައި ޑެޕިއުޓީ ޕްރިންސިޕަލެއް އަދި އެޑްމިނިސްޓްރޭޓަރެވެސް ނެތް.
ކުޅުދުއްފުށީގައި ހުންނަ ހދ އަތޮޅު ތައުލީމީ މަރުކަޒަކީ 900 އަށްވުރެގިނަ ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ ސްކޫލެކެވެ. އެކަމަކު މިއަހަރުގެ ދިރާސީ އާ އަހަރު ފެށިގެން މާގިނަ ދުވަސްތަކެއް ނުވަނީސް ސްކޫލުގެ ޕްރިންސިޕަލް މަގާމު ހުސްވި އެވެ.
އެއަށްފަހު މިއަދާ ޖެހެންދެންވެސް ސްކޫލު ހިންގަމުން ގޮސްފައިވަނީ ވަގުތީގޮތުން އެކި ބޭފުޅުންނާ ހަވާލުކުރައްވައިގެންނެވެ. އެގޮތުން މިހާރު އެ ސްކޫލް ހިންގެވުމާ ހަވާލުވެ ހުންނެވީ އަފީފުއްދީން ސްކޫލްގެ ޑެޕިއުޓީ ޕްރިންސިޕަލް ޝަޒްނާ އިބުރާހިމެވެ.
ޕްރިންސިޕަލްގެ މަގާމު ހުސްވެފައިވާތާ ގިނަ ދުވަސްތަކެއް ވެގެންދިޔައިރު ދެ ފަހަރެއްގެ މަތިން ޕްރިންސިޕަލަކު ހޯދަން އިއުލާނުވެސް ކުރިނަމަވެސް ޕްރިންސިޕަލަކު އެ ސްކޫލަށް ހަމަޖައްސާފައެއް ނުވެ އެވެ.
މިހެންވުމުން ސްކޫލުން ހިންގުމުގައި ބޮޑެތި ދަތިތަކާ ކުރިމަތިވެ ދަރިވަރުންގެ މުސްތަގުބަލަށް ނޭދެވޭ އަސަރުތަކެއް ކުރަމުންދާތީ އެކަމުގެ ކަންބޮޑުވުން ބެލެނިވެރިން ވަނީ ކައުންސިލާ ހަމައަށްވެސް ގެންގޮސްފަ އެވެ.
ގާތްގަނޑަކަށް 14 ވަރަކަށް ބެލެނިވެރިން ހޯމަދުވަހު ސިޓީ ކައުންސިލަށް ގޮސް މޭޔަރާއި ކައުންސިލަރުންނަށް ވަނީ ސްކޫލުގެ ހާލަތު ކިޔައިދީ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ. އެ ބައްދަލުވުމުގައި ބައިވެރިވި ބެލެނިވެރިން ބުނީ، ސްކޫލުގައި ޕްރިންސިޕަލަކު ނެތްތާގައި ޑެޕިއުޓީ ޕްރިންސިލެއް އަދި އެޑްމިނިސްޓްރޭޓަރެއްވެސް ނެތް ކަމަށެވެ.
އެހެންވުމުން ސްކޫލަށް ގެއްލުންތަކެއް ލިބެމުންދާ ކަމަށާއި ހުރިހާވެސް ގެއްލުމެއް ލިބެމުންދަނީ ދަރިވަރުންނަށް ކަމަށެވެ. މަތީ ގުރޭޑްތަކުގައި ލީޑިންގ ޓީޗަރުންވެސް ނެތް ކަމަށާއި ސްކޫލުގައި މިވަގުތު ތިބީ 5 ލީޑިންގ ޓީޗަރުން ކަމަށްވެސް ކޭއޯއަށް މައުލޫމާތު ދިން ބެލެނިވެރިން ބުންޏެވެ.
22 އަހަރަށްފަހު އެ ސްކޫލުގައި މިއަހަރު އަލަށް އޯލެވެލް އިމްތިހާނު ހަދަން ތައްޔާރުވާއިރު ދާއިމީ ވެރިޔަކު ނެތުމުން ދަރިވަރުންނަށް ލިބޭ ގެއްލުން ބޮޑުވުމުގެ ކަންބޮޑުވުން ބެލެނިވެރިން ވަނީ އުތުރު ދާއިރާގެ މަޖިލިސް މެމްބަރު ޔާސިރު އަބުދުލް ލަތީފާވެސް ހިއްސާކުރައްވާފަ އެވެ.