twitterviber whatsapp telegramfacebookyoutube instagram
20th April 2024

ސްޓެމް ސެލް ތެރަޕީއަށް ތުއްތު ޒިޒްއަށް ބޭނުންވަނީ ދީލަތި އެހީއެއް

ނަބީލާ އިސްމާޢީލް
Jan 23, 2022

ދަރިއަކު އުފަންވާ ވަގުތަކީ ދެމަފިރިއަކަށް ލިބޭނެ އެންމެ މަތިވެރި އުފަލެވެ. ނަމަވެސް އެ ދަރިފުޅު އުފަންވާ ވަގުތު ކުރެވޭ އުފަލަށް ހުރަސް އެޅި މުޅި ހަޔާތް ބަނަވެގެން ދާ އެތައް މަންމަ އަކާއި ބައްޕައެއް ތިބޭނެއެވެ. ބަނޑުބޮޑު ދުވަސްވަރު ދިމާވާ މައްސަލަތަކެއްގެ ސަބަބުން ނުވަތަ ކުއްޖާ އުފަންވާ ވަގުތު ދިމާވާ ސިއްހީ މައްސަލަތަކެއްގައި ދުނިޔެއަށް އުފަންވާ ކުދިން މަރާ ހަނގުރާމަ ކުރަން ޖެހުމަކީ މައިންބަފައިންނަށް ލިބޭނެ ވަރަށް ބޮޑު ހިތްދަތި ކަމެކެވެ. ގުދުރަތުން ވާ ކިތަންމެ ކަމެއްގައި ނުވަތަ ބައެއްގެ އިހުމާލުވެސް ވުމަކީ މި ރާއްޖެއިން ވެސް މަދުން ނަމަވެސް ފެންނަ ހިތާމަވެރި މަންޒަރެކެވެ.

ކޮންމެ މަންމަ އަކާއި ބައްޕައެއްވެސް ބޭނުންވާނީ އެ މީހުންގެ ދަރިންނަކީ ސިއްހަތު ސަލާމަތުން ތިބި ދުޅަހެޔޮ ދަރިންތަކެއް ކަމުގައި ވުންކަމުގައި ޝައްކެއްވެސް ނެތެވެ.

ނަމަވެސް ސޯސަލް މީޑިއާއިން ކޮންމެ ދުވަހަކުވެސް ފެންނަމުންދަނީ ކޮންމެސް މީހެއްގެ ފުރާނަ ސަލާމަތް ކުރުމަށް އެހީގެ އަތަކަށް އެދި އާދޭސްކުރާ ހިތްފަޅައިގެންދާފަދަ ހިތްދަތި މަންޒަރުތަކެވެ. ސިއްހީ ފަރުވާ ފުރިހަމައަށް ލިބެންނެތް މި ރާއްޖޭގެ ސިއްހީ ނިޒާމުން ބޭރުން ފަރުވާއަށް އެދި އާދޭސް ކުރާ މަންޒަރުތަކެވެ.

އެފަދަ ފަރުވާއަކަށް އެދި އެދި ތިބި ބަޔަކަށް ނޫނީ މިފަދަ ހިތްދަތި ކަމެއް އިހުސާސްވެސް ނުކުރެވޭނެކަން ޔަގީނެވެ. ކޮންމެ މީހަކީ ދިރިއުޅޭ ރަށުން ބޭރުން ނުވަތަ ރާއްޖެއިން ބޭރުން ފަރުވާއެއް ހޯދޭވަރުގެ ތަނަވަސް ދިރިއުޅުމެއް އުޅޭ ބައެއް ނޫނެވެ.

އެފަދަ އެއްފަރާތްތަކީ ކުޅުދުއްފުށީ، ގުޑްލަކް މުޖްތަބާ އަހުމަދާއި ފެލިވަރު ޝިފާނާ ޢަބްދުއްރަޙީމެވެ. އެ ދެމަފިރިންގެ ލޮލުގެ ނޫރު ކަމުގައިވާ އެ މީހުންގެ ދޮށީ ދަރިފުޅު އުމުރުން އެންމެ 5 އަހަރުގެ އާދަމް މުޖައްޒިޒް މުޖްތަބާ (ޒިޒް) ގެ ސްޓެމް ސެލް ތެރަޕީއަށް ފަރުވާއަށް އެދި ކުރާ އާދޭހެވެ.

ޒިޒްގެ ބައްޕަ މުޖްތަބާ ކޭއޯއަށް މައުލޫމާތު ދެމުން ބުނީ އޭނާގެ ދަރިފުޅުގެ ސިއްހީ މައްސަލައެއް ފުރަތަމަ ފާހަގަވާން ފެށީ ދޮޅު އަހަރުގައި ކަމަށެވެ. ކުރިން ވާހަކަ ދައްކަން ފެށި އިރު އެ ދެއްކި ވާހަކަތައްވެސް ހުއްޓާލާ އެއްގޮތަކަށްވެސް ވާހަކަ ނުދައްކަން ފެށި ހިސާބުން ކަމަށެވެ.

ދޮޅު އަހަރު ކުރިން މަންމަ ބައްޕަ ކީ ކަމަށާއި ނަމަވެސް އެ ހިސާބުން އެވަރު ބަހެއްވެސް ނުކިޔާ ކަމަށެވެ. ދަރިފުޅު ބަސްމަދުވެ ބޮޑުވަމުން އަންނަ ވަރަކަށްވެސް ވާހަކަ ނުދައްކާތީ ޑޮކްޓަރައް ދައްކަމުން އަންނަ ކަމަށާއި، އޯޓިޒަމް ސެންޓަރައްވެސް ދެއްކި ކަމަށެވެ. އަދި ވެކްސިންގެ ސަބަބުން ދިމާވި ކަމެއް ކަމަށްވެސް ނުފެންނަ ކަމަށާއި އޯޓިސްޓިކް އެވެސް އަލާމާތެއް ހުރިކަމަށްވެސް ނުދައްކާ ކަމަށް ޑޮކްޓަރުން ބުނިކަމަށެވެ.

އޭގެ ފަހުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ސްޕީޗް ތެރަޕީގެ ހިދުމަތް ލިބެން ފެށުމުން އެތަނުންވެސް 4-6 މަސްވަންދެން ފަރުވާ ދިނުމަށްފަހު ކޭއާރުއެޗުން ބުނީ މިހާރު މީނީ މި ކޮޅުން ވާނެ ވަރެއްވެފަ ކަމަށެވެ. 10 އަހަރު ވީމާ ފޮލޯއަޕެއް ކުރަން ބުނިކަމަށް ޒިޒްގެ ބައްޕަ ކިޔާދިނެވެ.

އޭގެ ފަހުން ޑޮކްޓަރ ނާޒް ކުޅުދުއްފުއްޓަށް ކުރިދަތުރެއްގައި އެ ޑޮކްޓަރަށް ދެއްކުމުން ޓެސްޓްތައް ހަދާފަ ހަމަ އޯޓިސްޓިކް ކުއްޖެއް ކަމަށް ބުނި ކަމަށެވެ. އޯޓިޒަމްގެ އަލާމާތްތައް ހުރި ނަމަވެސް އެހާ ވޯސްޓް ކޭސްއެއް ނޫން ކަމަށެވެ. އޮކިއުޕޭޝަނަލް ތެރަޕީ، ސެންސަރީ އިންޓަގްރޭޝަން ތެރަޕީ، ބިހޭވިއަރ ތެރަޕީ، އާރޓް ތެރަޕީ އަދި ސްޕީޗް ތެރަޕީގެ އިތުރުން އޭޑީ.އެޗް.ޑީ ޕްރޮގުރާމް، އާރލީ އިންޓަރވެންޝަން ޕްރޮގުރާމް، ޕޮޒިޓިވް ބިހޭވިއަރ ޕްރޮގުރާމް، ސޯސިއަލައިޒޭޝަން ސްކިލްސް ޓްރައިނިންގ ޕްރޮގުރާމް ދީގެން ކޮންމެވެސްވަރެއްގެ އެނގުމެއް ވާނެކަމަށް ބުނިކަމަށެވެ.

ނަމަވެސް އެ ފަރުވާއަކީ ރަށުން ލިބެން ނެތް ފަރުވާއަކަށް ވުމުން އެ ހަރަދަކީ މާލެއަށް ގޮސް ދަރިފުޅު ރަނގަޅުވަންދެން މާލޭގައި މަޑުކޮށްގެން ތިބެގެން ދޭންޖެހޭ ފަރުވާއެއްކަމުން ހާލަތުގެ ގޮތުންނާއި މާލީ ތަނަވަސްކަން ނެތުމުން ކިތަންމެ ބޭނުންވީ ނަމަވެސް ނުކުރެވިފައި އޮތް ފަރުވާއެކެވެ.

މުޖްތަބާ ބުނީ އޭގެ ފަހުން އިންޑިއާގެ މުމްބާއީގެ ހޮސްޕިޓަލެއްގެ ޑޮކްޓަރަކަށް އޮންލައިންކޮށް ދެއްކުމުން އެޑޮކްޓަރު ބުނިކަމަށް ދަރިފުޅުގެ އުމުރުން 5 އަހަރު ނުވަނީހުން ސްޓެމް ސެލް އޮޕަރޭޝަން ކުރެވިއްޖެއްޔާ ވަރަށް ބޮޑަށް ކާމިޔާބީއެއް ލިބޭނެ ކަމަށެވެ. "ނަމަވެސް މިހާރު ދަރިފުޅުގެ އުމުރުން 5 އަހަރުވެ 6 އަހަރު ނުވެ ހުރުމުން 99 ޕަސެންޓް އުންމީދު ޑޮކްޓަރު އެބަދޭ ދަރިފުޅުގެ ވާހަކަ ދެއްކުމުގެ އެ ހުރިދަތިތަކާއި މަޑު މަޑުން ނުހުރެވޭކަންތައް ރަނގަޅު ކުރެވޭނެ ކަމުގެ" ޒިޒްގެ ބައްޕަ ބުންޏެވެ.

ނަމަވެސް މިހުރިހާ ކަމެއްގެ ހުރަހަކަށް އެ ކުޑަ ކުޑަ އާއިލާއަށް ދިމާވަނީ މާލީ ދަތި ކަމެވެ. މުޖްތަބާ ބުނީ މި ފަރުވާއަށް އާސަންދައަށް އެޕްލައިކުރުމުން އެ މީހުން މިއީ ވޯސްޓް ކޭސްއެއް ކަމަށް އެތަނަށް ނުފެއްނާތީއާއި މިކަމަކީ އާސަންދަ ހަމަޖެހޭ ކަމަށް ނުވާތީވީމަ އާސަންދަ ލިބޭކައް ނެތް ކަމަށެވެ.

"އަޅުގަނޑު އެދުނިން ކޮބާތޯއޭ ވޯސްޓް ކޭސްއެއް ގޮތަށް ތިބޭފުޅުން ބަލާ ގޮތަކީ، އަންނަ އަހަރު ގުރޭޑް 1 އަށް ޖޮއިން ކުރާނޭ މިހާރު ޔޫކޭޖީގަ އޭ އުޅެނީ، ބޭނުންވާ ކަމެއް އޭނައަކަށް ބުނެއެއް ނުދެވެއޭ، އެހެންވެއްޖެއާ ކިހިނެތްހޭ އޭނަގެ ކިއެވުމާއި މިކަންކަން ކުރިއަށްގެންދާނީ. ހަމަ މިހާލަތުގައި އިންޑިއާގެ އެ ހޮސްޕިޓަލުން އެބަ ބުނެއޭ، 99 ޕަސެންޓް ޔަގީންކަން ދެއޭ މި އޮޕަރޭޝަން ކޮއްފިޔާމުން އޭނަ ރަނގަޅުވާނެ ކަމުގެ، އެހެން ވެއްޖެޔާމުން އެ އާއިލާއަކުން ކޮންމެ ގޮތެއްވިޔަސް ދަރިފުޅު ރަނގަޅުކުރަން މަސައްކަތް ކުރަން ބޭނުންވާނެ ނޫންތޯ" މުޖްތަބާ ބުންޔެވެ.

އެހެން ނަމަވެސް އާސަންދައިން ތަކުރާރުކޮށް މި ފަރުވާއަށް އާސަންދަ ހަމަޖައްސައިދެވެން ނެތްވާހަކަ ބުނި ކަމަށް އަސަރާއިއެކު އޭނާ ބުންޏެވެ. ނަމަވެސް އެންސްޕާއިން ކޮންމެވެސްވަރެއްގެ އެހީތެރިކަމެއް ލިބިފައިވާކަމަށް އޭނާ ފާހަގަ ކުރިއެވެ.

މިހާތަނަށް ދަރިފުޅަށް ދެވުނު ފަރުވާތަކުންވެސް ވަރަށް ކުޑަކުޑަ ކުރިއެރުމެއް ލިބިފައިވާ ކަމަށް އޭނާ ވަނީ ފާހަގަކޮށްފަ އެވެ.

ސްޓެމް ސެލް ތެރަޕީއަކީ ކުއްޖާގެ މައިބަދައިން ސްޓެމް ސެލް ނަގައިގެން ސިކުޑީގެ ނާރުތަކަށް އިންޖެކްޓްކޮށްގެން ދޭ ފަރުވާއެކެވެ.

އިންޑިއާގެ މުމްބާއީގައި ހުންނަ ނިއުރޯޖެން ބުރެއިން އެން ސްޕެއިން އިންސްޓިޓިއުޝަން އިން ހަދާ މި ސާޖަރީހެދުމަށާއި 14 ދުވަހު އެ ހޮސްޕިޓަލުގައި މަޑުކުރުމަށް އަންދާޒާކޮށް ހަރަދުވާނެ ކަމަށް އެ ހޮސްޕިޓަލުން ބުނެފައިވަނީ 13،900 އެމެރިކާ ޑޮލަރެވެ. ނަމަވެސް މިއީ ހަމައެކަނި އޮޕަރޭޝަނާއި އެ ހޮސްޕިޓަލުގައި މަޑު ކުރުމަށް ދާހަރަދެވެ.

މީގެ އިތުރުން ދަރިފުޅާއި މަދުވެގެން 2 އެހީތެރިއެއްގެ ދެކޮޅު ޓިކެޓާއި އެކޮޅުގައި މަޑުކުރުމާއި އެހެނިހެން ޒަރޫރީ ބޭނުންތަކަށްވެސް އެ އާއިލާއިން ވަނީ އެންމެހާ ފަރާތްތަކުގެ ދީލަތި އެހީއާއި ހެޔޮ ދުޢާ މި ދަނޑިވަޅުގައި ބޭނުންޖެހިފަ އެވެ.

އާދަމް މުޖައްޒިޒް މުޖްތަބާ (ޒިޒް) މި ބަލިން ރަނގަޅުވެ، އަލުން އުފާވެރި ދިރިއުޅުމަކަށް ރުޖޫއަވާން ޒިޒްގެ މައިންބަފައިނާއި އާއިލާގެ އިތުރުން ކޭއޯ ޓީމުން އެދެނީ ތިއަ އެންމެ ބޭފުޅުންގެ ދީލަތި އެހީތެރިކަމާއި، ހެޔޮ ދުޢާއެވެ.

  • ޝިފާނާ ޢަބްދުއްރަޙީމް (ޒިޒްގެ މަންމަ) 77700000053635 (ރުފިޔާ)
  • ޝިފާނާ ޢަބްދުއްރަޙީމް (ޒިޒްގެ މަންމަ) 77700000071342 (ޑޮލަރު)

އިތުރު މަޢުލޫމާތު ހޯދުމަށް 9681522 މުޖްތަބާ އަހުމަދު (ޒިޒްގެ ބައްޕަ)، 9133331 ޝިފާނާ ޢަބްދުއްރަޙީމް ( ޒިޒްގެ މަންމަ)

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355