އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށީ ސިޓީގައި ކޮވިޑް-19 އިން ދިފާއުވުމަށް ޖަހާ ވެކްސިނުގެ ބޫސްޓަރ ޑޯޒް ޖަހަން ހުޅުވާލި ފުރަތަމަ ފުރުސަތުގައި 319 މީހުން ވެކްސިން ޖަހައިފި އެވެ.
ކޭއާރުއެޗްގެ އޮފިސަލަކު ކޭއޯއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިއްޔެ ކޮވިޑް-19ގެ ބޫސްޓަރ ޑޯޒް 319 މީހުން ޖަހާފައިވާއިރު އެމީހުންނަށް ޖަހާފައިވަނީ ފައިޒާ ވެކްސިނުގެ ބޫސްޓަރ ޑޯޒް ކަމަށެވެ.
ކޮވިޑް ވެކްސިންގެ ދެވަނަ ޑޯޒް ޖަހާފައިވާ ފަރާތްތަކަށް އާންމުކޮށް ހުޅުވާލައިގެން ކުޅުދުއްފުށި ސިޓީގައި ބޫސްޓާރ ޑޯޒް ދޭން ފަށާފައިވަނީ އިއްޔެ އެވެ.
އިއްޔެ ވެކްސިން ޖަހާފައިވަނީ 18 އަހަރު ފުރި ކޮވިޑްގެ އެއްވެސް ވެކްސިނެއްގެ 2 ޑޯޒް ފުރިހަމަކޮށް 6 މަސްވެފައިވާ ފަރާތްތަކަށް ބޫސްޓާރ ޑޯޒް ދިނުމާއި ކޮވިޑް ވެކްސިންގެ ފުރަތަމަ ޑޯޒް ޖަހާފައިވާ ހުރިހާ ފަރާތްތަކަށް 2 ވަނަ ޑޯޒް ދިނުމެވެ.
އެހެން ކަމުން އިއްޔެ ވެކްސިން ޖަހާފައިވަނީ ދެވަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ 319 ފަރާތަކުން ބޫސްޓަރ ޑޯޒްގެ އިތުރުން އެސްޓުރަޒެނަކާ ފުރަތަމަ ޑޯޒް ޖަހާފައިވާ 13 މީހުން އޭގެ 2ވަނަ ޑޯޒާއި ފައިޒާ ވެކްސިނުގެ ފުރަތަމަ ޑޯޒް ޖަހާފައިވާ 5 މީހުން އޭގެ 2ވަނަ ޑޯޒް އަދި އެއްވެސް ޑޯޒެއް މިހާތަނަށް ނުޖަހާ 6 މީހުން ފައިޒާ ވެކްސިނުގެ ފުރަތަމަ ޑޯޒު ފުރިހަމަ ކޮށްފައިވެ އެވެ. އެއާއި އެކު އިއްޔެ ވެކްސިން ޖެހި މީހުންގެ އަދަދު 343 ކެވެ.
ކުޅުދުއްފުށީގެ އާބާދީގެ 93 އިންސައްތަ މީހުން ވަނީ ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފަ އެވެ.
ހަލުވިކަމާއި އެކު ކޮވިޑް ފެތުރެމުންދާ ކުޅުދުއްފުށީ ސިޓީ އެޗްޕީއޭއިން މި ވަގުތު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވީ ނަމަވެސް އެ ސިޓީގެ ކޮވިޑް ޓާސްކްފޯސްއިން ވަނީ އެ ރަށުގައި އަޅާފައިވާ ކޮވިޑްގެ ފިޔަވަޅުތަކަށް ބޮޑު ލުޔެއް ދީފަ އެވެ.
އެގޮތުން ގޭގެ ވަކި ކޮޓަރިއެއްގައި ކަރަންޓީނު ވެވޭނެ ގޮތަށް ނިންމާ ގޭގެ ބޭރުގައި ނޯޓިސް ތަތް ކުރުން ވެސް ހުއްޓާލުމަށް އެންމެ ފަހުން ބޭއްވި ޓާސްކްފޯސް ބައްދަލުވުމުގައި ވަނީ ނިންމާފައެވެ.
މީގެ އިތުރުން ޕޮޒިޓިވްވާ މީހާއަށް ޕޮޒިޓިވްވީކަން ޕަބްލިކް ހެލްތުން އެންގި ނަމަވެސް ކޮންޓެކްޓް ޓްރޭސިން ހެދުމަކަށް ނުގުޅާނެއެވެ. އެމީހަކު ކަރަންޓީންވުމާއި، ކޮންޓެކްޓުންގެ މައުލޫމާތު ޕަބްލިކް ހެލްތަށް އެންގުމަކީ އެ މީހެއްގެ އަމިއްލަ ޒިންމާއެކެވެ. އަދި ކޮންޓެކްޓުން ހޮސްޕިޓަލަށް ގޮސް ޓެސްޓްކުރުމަކީވެސް އެމީހުންގެ އަމިއްލަ ޒިންމާއެކެވެ.
ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވާ ފަރާތްތައް ހެނދުނު 0900-1200 އާ ދެމެދު އުފަން ހިޔާއަށް ގޮސްގެން ނުވަތަ ފުލޫ ކުލިނިކް ގާއިމު ކުރެވިފައިވާ މާރުކޭޓް އިމާރާތަށް 0900-1200 އާއި 1600-1900 އާ ދެމެދު ގޮސްގެން ސާމްޕަލް ނެގޭނެ އެވެ.