މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓުގެ ކުއާޓާގެ މެޗުތައް މިރޭ އުރީދޫއާއި އާރްޑީސީ ބައްދަލުކުރާ މެޗުން ފަށަން ތައްޔާރުވެއްޖެ އެވެ.
މިރޭ 08:15 ގައި ކުއާޓާގެ ފުރަތަމަ މެޗުގައި އުރީދޫއިން އާރްޑީސީއާ ދެކޮޅަށް ނުކުންނައިރު އުރީދޫ މިފަހަރުގެ މުބާރާތުގެ ކުއާޓާއަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗު ކާމިޔާބުކޮށް 1 މެޗުން އެއްވަރުވެ ގްރޫޕް އޭގެ އެއްވަނަ ޓީމުގެ ގޮތުގައި 7 ޕޮއިންޓާއެކުގަ އެވެ.
އާރްޑީސީން ކުއާޓާ ފައިނަލަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗު ކާމިޔާބުކޮށްގެންނެވެ. އަނެއް ދެމެޗުން އެޓީމު ބަލިވި ނަމަވެސް ދެވަނައަށް އެންމެ މޮޅު ތިންވަނަ ޓީމުގެ ގޮތުގައި ހިމެނި އާރްޑީސީ މިވަނީ ކުއާޓާއަށް ދަތުރުކޮށްފަ އެވެ.
މިރޭގެ ދެވަނަ މެޗު އަދި މުބާރާތުގެ ދެވަނަ ކުއާޓާގައި ބައްދަލުކުރަން ހަމަޖެހިފައިވަނީ މުބާރާތުގައި އެންމެ ވަރުގަދަ އެއްޓީމުގެ ގޮތުގައި ފެނުނު ދިރާގާއި އާރްއޭސީއެލް އެވެ. ދިރާގުން ކުއާޓާއަށް ދަތުރުކުރީ ކުޅުނު ހުރިހާ މެޗެއް ވެސް ކާމިޔާބުކޮށްގެންނެވެ. 3 މެޗުން ޖުމްލަ 9 ޕޮއިންޓް ދިރާގުން ވަނީ ހޯދާފަ އެވެ.
އާރްއޭސީއެލްއަކީ މިމުބާރާތުގެ ތިންވަނައަށް އެންމެ މޮޅު ޓީމުގެ ގޮތުގައި ކުއާޓާއަށް ދަތުރުކުރި ޓީމެވެ. ކުޅުނު 3 މެޗުގެ ތެރެއިން ދެމެޗުން ބަލިވިއިރު އެޓީމު މޮޅުވީ އަފީފުއްދީން އެސްއާރުސީ އަތުން އެކަނިކަމަށްވާއިރު އެޓީމަށް ލިބިފައިވަނީ ޖުމްލަ 3 ޕޮއިންޓެވެ.
ކުއާޓާގެ ފައިނަލުގެ ދެމެޗު މިރޭ ކުޅުމަށް ހަމަޖެހިފައިވާއިރު މާދަމާ ރޭ ކުއާޓާގެ 3 ވަނަ މެޗުގައި ކުލަބް ކޭއާރުއެޗުން ނުކުންނާނީ ކަސްޓަމްސް އާރްސީއާ ދެކޮޅަށެވެ. ކަސްޓަމްސް އާރްސީ ކުއާޓާއަށް ދަތުރުކުރީ ގްރޫޕް ބީގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމު ވަނީ ކުޅުނު 3 މެޗުގެ ތެރެއިން 2 މެޗުން މޮޅުވެ އެއް މެޗުން ބަލިވެ ޖުމްލަ 6 ޕޮއިންޓް ހޯދާފަ އެވެ.
ކުލަބް ކޭއާރުއެޗުން ކުއާޓާއަށް ދަތުރުކުރީ ކުޅުނު 3 މެޗު ވެސް ކާމިޔާބުކޮށް ގްރޫޕް ސީގެ އެއްވަނަ ޓީމުގެ ގޮތުގަ އެވެ. އެޓީމުން ވަނީ 3 މެޗުން ޖުމްލަ 9 ޕޮއިންޓް ހޯދާފަ އެވެ.
ކުއާޓާގެ ފަހު މެޗުގައި މާދަމާ ރޭ ނުކުންނާނީ އެސްޓީއޯ އެސްއާރުސީ އަދި ކޭޕީއެލް އެވެ. މިމުބާރާތުގައި ތަފާތު ކުޅުމެއް ދައްކަމުން އަންނަ ކޭޕީއެލް ކުއާޓާއަށް ދަތުރުކުރީ ކުޅުނު 3 މެޗުގެ ތެރެއިން 1 މެޗުން މޮޅުވެ 2 މެޗުން އެއްވަރު ޖުމްލަ 7 ޕޮއިންޓާއެކުގަ ގްރޫޕް އޭގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ.
ގްރޫޕް ސީގެ އެއްވަނައިގެ ގޮތުގައި އެސްޓީއޯއިން ކުއާޓާއަށް ދަތުރުކުރި އެޓީމަށް 3 މެޗުން ލިބުނީ 6 ޕޮއިންޓެވެ. އެޓީމު ބަލިވީ ކޭއާރުއެޗް އަތުން އެކަންޏެވެ.
މިއީ ޒިގްޒެގުން ބާއްވާ މީގެ 8 ވަނަ މުބާރާތެވެ. އެންމެފަހުން 2019 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލުގައި ކޭޕީއެލް ބަލިކޮށް ދިރާގެވެ.