twitterviber whatsapp telegramfacebookyoutube instagram
29th March 2024

އާރްއޭސީއެލްއާއި އާރްޑީސީ ކަޓުވާލާ ދިރާގާއި އުރީދޫ ސެމީއަށް!

މުޙައްމަދު އަހުމަދު
Feb 23, 2022
1

މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓުގައި އާރްޑީސީ ކަޓުވާލާ އުރީދޫއިން ސެމީއަށް ދަތުރުކުރިއިރު އާރްއޭސީއެލް ކަޓުވާލާ ދިރާގުން ސެމީގެ ޖާގައެއް ހޯދައިފި އެވެ.

ރޭ ކުޅެވުނު ކުއާޓާގެ ފުރަތަމަ މެޗުގައި 7 - 3 ން އުރީދޫއިން ވަނީ އާރްޑީސީ ބަލިކޮށްފަ އެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ އާރްޑީސީންނެވެ. އާރްޑީސީގެ މުސްތަފާ ހުސައިން (މުސްތޮ) ވަނީ މެޗުގެ 9 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދީފަ އެވެ. އަދި ހަމަ އޭގެ މިނެޓެއް ފަހުން މުސްތޮ ވަނީ އާރްޑީސީގެ ދެވަނަ ލަނޑުޖަހާ އެޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ.

އޭގެއިރުކޮޅެއްފަހުން އުރީދޫގެ ކެޕްޓަން މުހައްމަދު ރިފްޝާން ވަނީ އެޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދީފަ އެވެ. އަދި 22 ވަނަ މިނެޓުގައި އުރީދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ އެޓީމުގެ ޖުމައިލް ޖަމީލް އެވެ. އޭގެ ދެމިނެޓުފަހުން އާރްޑީސީގެ މުހައްމަދު ހަސަން ވަނީ އެޓީމަށް އަނެއްކާވެސް ލީޑު ނަގައިދީފަ އެވެ. ދެވަނަ ފަހަރަށް އުރީދޫއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ 27 ވަނަ މިނެޓުގައި އެޓީމުގެ އަހްމަދު އަސްހަމް އެވެ.

މެޗުގައި އުރީދޫގެ އަނެއް 4 ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ކެޕްޓަން ރިފްޝާންގެ އިތުރުން އަސްހަމް، ހާފިޒް އަހްމަދު އަދި ހުސައިން ޝަރީފެވެ. މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހާސިލްކުރީ އުރީދޫގެ ކެޕްޓަން މުހައްމަދު ރިފްޝާނެވެ. އޭނާ ވަނީ މިމެޗުގައި ތަފާތު މޮޅު ކުޅުމެއް ދައްކާ ދެލަނޑު ޖަހައިދީފަ އެވެ.

ރޭގެ ދެވަނަ ކުއާޓާގައި ދިރާގުން ނުކުތީ އާރްއޭސީއެލްއާ ދެކޮޅަށެވެ. 3 - 1 ން މިމެޗު ކާމިޔާބުކުރީ ދިރާގުންނެވެ. މެޗުގައި ދިރާގުގެ ލަނޑުތައް ޖަހައިދިނީ ޔާމިން މުހައްމަދު (ޔާންޓެ)ގެ އިތުރުން އަސްވަދު ރަޝީދު (އަސްލޭ) އެވެ. އަސްލޭ ވަނީ މިމެޗުގައި ދެލަނޑު ޖަހާފަ އެވެ. މެޗުގައި އާރްއޭސީއެލްގެ ހަމައެކަނި ލަނޑުޖަހައިދިނީ އެޓީމުގެ ހުޒައިފަތުﷲ އިބްރާހިމް އެވެ.

މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ މިމެޗުގައި މޮޅު ކުޅުމެއް ދެއްކި އަދި މިމުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރީދޫގެ ޔާންޓެ އެވެ.

މިރޭ ވެސް ކުއާޓާގެ ދެމެޗު ކުޅެވޭނެ އެވެ. ފުރަތަމަ މެޗުގައި ކުލަބް ކޭއާރުއެޗުން ނުކުންނާނީ ކަސްޓަމާ ދެކޮޅަށެވެ. އަދި ފަހު ކުއާޓާގައި ކޭޕީއެލުން ނުކުންނާނީ އެސްޓީއޯއާ ދެކޮޅަށެވެ. ކޭއާރުއެޗާއި ކަސްޓަމު ބައްދަލުކުރާ މެޗުން މޮޅުވާ ޓީމެއް ސެމީގައި ކުޅެން ޖެހޭނީ އުރީދޫއާ އެވެ. އަދި އެސްޓީއޯއާ ކޭޕީއެލް މެޗުން މޮޅުވާ ޓީމެއް ކުޅެން ޖެހޭނީ ދިރާގާ އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355