ކުޅުދުއްފުށީ ކުނިކޮށީގެ ވަށާފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ކުޅުދުއްފުށީ ސިޓީ ކައުންސިލުން އިއުލާނުކޮށްފި އެވެ.
އެ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ކުނި ކޮށީގެ ވަށާ ފާރު ރޭނުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށާއި އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 1 ވަނަ ދުވަހުގެ 14:00ގެ ކުރިން ކައުންސިލް އިދާރާއަށް ގޮސްގެން ނޫނީ އެ އިދާރާގެ ނަމްބަރ 6527177 އަށް ގުޅައިގެން ނުވަތަ އޮންލައިންކޮށް https://forms.office.com/r/54SJfUduNs މި ލިންކް ނޫނީ ކިއު އާރު ކޯޑުގައިވާ ފޯމުން މައުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށަހެޅުމަށް އެ އިދާރާއިން ވަނީ އެދިފަ އެވެ.
ކައުންސިލުން ބުނީ ރަޖިސްޓަރ ވުމުގެ ސުންގަޑި އަކީ އަންނަ މަހުގެ 01 ވަނަ ދުވަހުގެ 14:00 ގައި ކަމަށާއި މައުލޫމާތު ދިނުން އަންނަ މަހު 02 ވަނަ ދުވަހުގެ 10:30 ގައި އަދި އަންނަ މަހު 17 ވަނަ ދުވަހުގެ 10:30 ގައި އޮންނާނެ ކަމަށެވެ.
މައުލޫމާތު ދިނުން އޮންނާނީ ކުޅުދުއްފުށީ ސިޓީ ކައުންސިލް އިދާރާގެ ޖަލްސާކުރާ މާލަމުގަ ކަމަށާއި މައުލޫމާތު ސެޝަންގައި ބައިވެރި ވެވޭނީ ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނިކަމަށް އެ އިދާރާއިން ބުންޏެވެ.
ބިޑްގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް ޕްރީ ބިޑް (މައުލޫމާތު ސެޝަން) ގައި ބައިވެރި ނުވެވޭ ކަމުގައިވިޔަސް ބީލަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެ ކަމަށާއި އަންނަ ކޮންމެ ފަރާތަކަށްވެސް ހުށަހެޅޭނީ އެއް އަންދާސީ ހިސާބެވެ. އަދި އަންދާސީ ހިސާބު ހުށަހެޅުން ވެސް އޮންނާނީ އެ ކައުންސިލްގެ ޖަލްސާކުރާ މާލަމުގައެވެ.
އަންދާސީ ހިސާބު ހުށަހެޅޭނީ މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓްގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށް އެކަނި ކަމުގަޔާއި ބީލަންތައް އިވެލުއޭޓު ކުރުމުގައި ރަށާއި އަތޮޅުގެ ބީލަންވެރިންނަށް އިސްކަންދެވޭނެ ކަމަށް އެއިދާރާއިން ބުންޏެވެ.