twitterviber whatsapp telegramfacebookyoutube instagram
2nd July 2024

ކުޅުދުއްފުއްޓާއި ތިނަދޫގައި ވެމްކޯގެ ހިދުމަތް ފަށައިފި

އަބްދުލް ވާހިދު ޙަސަން
Jun 13, 2024

ކުޅުދުއްފުއްޓާއި ތިނަދޫ ސިޓީގައި ވެމްކޯގެ ހިދުމަތް ފަށައިފި އެވެ. މި ދެ ސިޓީގައި އެ ކުންފުނީގެ ހިދުމަތްތައް ފެށިގެން އަންނާނީ ގޭބިސީތަކުން އުފައްދާ ދުވަހު ކުނި ނަގައިގެން ކަމަށެވެ.

ވެމްކޯގެ ވެބްސައިޓް މެދުވެރިކޮށް މި ދެ ސިޓީގެ ގޭބިސީތަކުން ކުނި ނެގުމުގެ ހިދުމަތަށް ރަޖިސްޓްރީ ކުރެވޭނެ އެވެ.

ވެމްކޯ އިން ބުނީ، އަމިއްލަގޮތުން ކުނި އުކާލަން ބޭނުންވާ ފަރާތްތަކަށް، ކުނި ބަރުކޮށް ގެންދެވޭ އުޅަނދުގެ ރަޖިސްޓްރީއަށް ބިނާކޮށް ޓަނޭޖަކަށް 108ރ. ގެ ގޭޓްފީއެއް ނެގުމަށްފަހު ކުނި އުކާލުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށެވެ. އަދި ވިޔަފާރިތަކާއި ސަރުކާރު މުއައްސަސާތަކަށް ވެސް ކުނި އުކައިދިނުމުގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް ވެމްކޯ ބުންޏެވެ.

އެގޮތުން، ވިޔަފާރީތަކުން ލީޓަރަކަށް 0.16 ރުފިޔާ، ގޭބިސީތަކުން 150 ރުފިޔާ، ސަރުކާރުގެ މުއައްސަސާތަކުން ލީޓަރަކަށް 1.27 ރުފިޔާ އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތަކުން ޓްރާންސްފާ ސްޓޭޝަނަށް ކުނި ގެންނަ ނަމަ ކިލޯއަކަށް އަގު ކުރެވޭނީ 2.66 ރުފިޔާގެ ރޭޓުން ކަމަށް ވެމްކޯ އިން މައުލޫމާތުދެ އެވެ.

މޫސުމީ ބަދަލުތަކާއި، ތިމާވެއްޓާއި، ހަކަތައާއި ބެހޭ ވުޒާރާ އިން 17 އޯގަސްޓް 2021 ގައި ގެޒެޓުކޮށްފައިވާ ދިވެހި ރާއްޖޭގެ ކުނި މެނޭޖްކުރުމާއި ބެހޭ ގަވާއިދުގެ 5 ވަނަ އިސްލާހުގައިވާ ގޮތުގެ މަތީން، ޕްލާސްޓިކް، ބަދިގެ ކުނި އަދި އެހެނިހެން ކުންޏަށް ކުނި ވަކިކުރުމަށް ފަހުގައި މެނުވީ އުކާލާ ކުންޏާ ވެމްކޯއިން ހަވާލު ނުވާނެކަމަށް އެކޯޕަރޭޝަނުން ވަނީ ބުނެފަ އެވެ.

އެހެންވުމުން ވެމްކޯއަށް ގޭބިސީތަކުން ނެރޭ ކުނި ނެރެން ވާނީ ވަކިކޮށްގެންނެވެ. ފްލާސްޓިކާއި ބަދިގެ ކުނި އަދި ބިއްލޫރި އާއި މައުދަނުގެ ކުނި ނެރެން ޖެހެނީ ވަކިން ކޮށްގެންނެވެ.

ވެމްކޯ އިން ބުނީ، ކުރިއަށް އޮތް ދުވަސްތަކުގައި ބަރުކުނީގެ ބާވަތްތައް އުކާލުމަށް ދޭ ހިދުމަތް ކަމަށްވާ ކެޕްސް އަދި ކެޕްސް ލައިޓްގެ ހިދުމަތްވެސް ތިނަދޫ އަދި ކުޅުދުއްފުށީގައި ތައާރަފް ކުރެވޭނެ ކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355