ތިލަފުށީގެ އެނދި ކުނިތައް ކުނބުރުދޫއަށް ގެންދަން ނޭކުރެންދޫ އާއި ނައިވާދޫގެ ރައީސުންވެސް ދެކޮޅު ހަދައިފި އެވެ.
ތިލަފުށީގެ އެނދި ގިނަ އަދަދެއްގެ ކުނިތައް ހދ ކުނބުރުދޫއަށް ގެންނަން އުޅޭތީ އެ އަތޮޅު ކައުންސިލްތަކާއި ރައްޔިތުން އަންނަނީ ކަންބޮޑުވުންފާޅުކުރަމުންނެވެ. ކުނބުރުދޫއަކީ އަތޮޅުގެ މެދުގައި އޮންނަ ރަށެއްކަމުން އެރަށަށް ކުނި ޖަމާކުރުމުން ގިނަ މައްސަލަތަކެއް ކުރިމަތިވާނެ އެވެ.
މި މައްސަލާގެ ކަންބޮޑުވުންފާޅުކުރަމުން، ނައިވާދޫ ކައުންސިލްގެ ރައީސް މުހައްމަދު ނައުފަލް ވިދާޅުވީ، ތިލަފުށީގައި އެނދި ކުނިތައް ކުނބުރުދޫއަށް ގެންނަން ނިންމި ނިންމުމަކީ ކަންބޮޑުވާން ޖެހޭ ފަދަ ނިންމުމެއް ކަމަށެވެ. އަދި ފަތުރުވެރިކަމުގެ ރަން ބިމަކަށް ހަދައި ރިސޯޓް އިތުރުކުރުމުގެ ބަދަލުގައި އަތޮޅަށް ކުނި ގެންނަން ނިންމި ނިންމުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަން ނައުފަލް ފާހަގަކުރެއްވި އެވެ.
އަދި މިއީ އަތޮޅުގެ ރައްޔިތުންނަން ދެވޭ ވަރަށް ބޮޑު އިހާނެތިކަމެއްކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ނޭކުރެންދޫގެ ރައީސް މުހައްމަދު ވިދާޅުވީ، މާލެ ވަށައިގެން އެތައް ފަޅެއް ވަނިކޮށް ހދ އަތޮޅު ކުނި ގޮނޑަކަށް ހެދުމަށް ތިލަފުށިން ކުނި ގެނެސް އެޅުމަކީ ކޮށްގެންވާނޭ ކަމެއް ނޫން ކަމަށެވެ.
ތިލަފުށީގެ ކުނިތައް ކުނބުރުދޫއަށް ގެނައުމާ ދެކޮޅަށް ކުޅުދުއްފުށީ މޭޔަރާއި ކުރިނބީ އަދި ނެއްލައިދޫގެ ރައީސުންވެސް ވަނީ ވާހަކަދައްކަވާފަ އެވެ.
މި މައްސަލަގައި ރައްޔިތުން މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ސަރުކާރުގެ މެންބަރުންގެ ތާއިދާއެކު ވަނީ ބޭރުކޮށްލާފަ އެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅީ ވައިކަރަދޫ ދާއިރާގެ މެންބަރު ހުސައިން ޒިޔާދު (ފިއްޓޭ) އެވެ.




