ކުޅުދުއްފުށީގެ އިހުތިސާސްގެ ތެރޭގައި ކުނބުރުދޫ ހިމަނައިދިނުމަށް އެދި އާދޭސްކުރަމުން ދަނިކޮށް، އެކަމަށް ބީރު ކަންފަތެއްދީ، އެ ފެހިކަން ގަދަ ރީތި ރަށް ކުނިގޮނޑަކަށް ހަދަން ނިންމައި، ބޮޑުތިލަދުންމަތި ތަޣައްޔަރުކުރުމުގެ ބިންގާ އެޅީ އެމްޑީޕީގެ ސިޔާސަތުތަކުގެ ތެރެއިންކަމަށް ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވިދާޅުވެއްޖެ އެވެ.
ތިލަފުށީގައި އެނދި ކުނިތައް ހދ ކުނބުރުދޫއަށް ގެންނާތީ އެކަމާ ދެކޮޅަށް އެ އަތޮޅު ރައްޔިތުންނާއި ކައުންސިލްތަކުގެ ވެރިން ކަންބޮޑުވުންފާޅުކޮށް އެކަން ނުކުރުމަށް ގޮވާލަމުންދަނިކޮށް، އެކަމަށް ރައްދުދީ މެންބަރު މުހައްމަދު، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމްޑީޕީ ސަރުކާރުގައި ކުނބުރުދޫއަކީ ކުނި އަޅާ ރަށެއްގައި ގޮތުގައި ހަމަޖެއްސީ އެކަން ނުކުރުމަށް އެދި އާދޭސްކުރަމުންދަނިކޮށް ކަމަށާއި އޭގެ ބަދަލުގައި ކުނި އެޅުމަށް އެކަހެރި ކޮށް އޮތް ކަނޑު މާވައިދޫ ހާއްސަކުރުމަށް އެދެމުންދަނިކޮށް ކަމަށްވެސް މެންބަރު ވިދާޅުވި އެވެ.
"އަލުން ކުނބުރުދޫގެ ބައެއް އަނބުރާ ދޭނެ ކަމުގެ ސިޔާސީ ހުވަފެންތައް ދައްކައި، ތަފާތު އެއްބަސްވުންތަކުގެ ނަމުގައި ރަށުގެ ވެރިންނަށް އޮޅުވާލައި "ގުންބޯ" ހެއްދީ ވެސް ހަމަ އެމްޑީޕީގެ އޭރުގެ ވެރިންނެވެ. އެ ރަށަށް އެފަދަ ބޮޑު އިހާނެތިކަމެއް ދީ މަސައްކަތް ފެށި އިރު، މިއަދު އަޑުގަދަކުރާ ސިޔާސީ ވެރިން ތިބީ ހަނު ހިމޭނުންނެވެ." މެންބަރު މުހައްމަދު ވިދާޅުވި އެވެ.
ސިޔާސީ ހިޔާލު ތަފާތުވިޔަސް މަސައްކަތުގައި އެކުގައި ކުރިއަށް ދިއުމަކީ ކަންކަން ގޯސްކޮށް ހިނގާ ނަމަ އެކަމާ މަޝްވަރާކޮށް، ހައްލު ހޯދުން ކަމަށާއި ކަންކަމުގައި ހަރުދަނާ މަޝްވަރާ އަޅުގަނޑުމެން އަޅުގަނޑުމެންނާ ކުރެވެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ނަމަވެސް، ސިޔާސީ މަންފާއަށްޓަކާ ސޯޝަލް މީޑިއާގައި އޮޅޭގޮތަށް ޚަބަރު ފަތުރައި، އުތުރުގެ ރައްޔިތުންނާއި މާލޭގެ ރައްޔިތުންގެ މެދުގައި ފިތުނަ އުފެއްދުމަކީ އެއްގޮތަކަށް ވެސް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި ވަކި ބައެއްގެ ލަފައަށް ޤައުމުގެ މަސްލަހަތު ނަގާލުމަކީ ނުހަނު ހިތާމަހުރި ކަމެއް ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުން މިދަނީ، އެއްވެސް ސަރުކާރަކަށް ހައްލު ހޯދައިދެވިފައި ނުވާ ޒަމާންވީ ކުޅުދުއްފުށީގެ ކުނި ކުންޑާއި އަދި އުތުރުގެ ރަށްރަށުގެ ޒަމާންވީ ކުނި ގޮނޑު ތަކަށް ހައްލު ހޯދުމަށް ކަމަށްވެސް މެންބަރު މުހައްމަދު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލޭގެ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ކުނީގެ އެންމެ ބާޖެއް ކުނބުރުދުއަށް ގެންދިއުމަކީ އެއް ނަޒަރަކުން ޤަބޫލުކުރަން ދަތި ކަމަކަށް ވެދާނޭ ކަމަށާއި ނަމަވެސް މާލޭގައި ވެސް ދިރިއުޅެނީ ހަމަ އުތުރާއި ރާއްޖޭގެ ހުރިހާ ސަރަހައްދުތަކެއްގެ ރައްޔިތުންކަމަށެވެ.
"މާލެ ސިޓީ ކައުންސިލުން އެދެމުންދަނީ މި ވަގުތުގެ މާލެ އަދި ތިލަފުށި ކުނީގެ ކްރައިސިސްއަށް ކޮންމެވެސް ހައްލެއް ހޯދުމަށެވެ. ތިލަފުށިން މިހާ ކުނި ޓުރާންސްފަރ ކޮށްގެން ލުޔެއް ލިބޭނެ ނަމަ، އެކަން ކުރުން ޖެހިދާނެ ކަމަށް އަޅުގަނޑު ދެކެމެވެ. އެހެންނަމަވެސް، ވެރިކަން ކުރާ ސަހަރުގެ ކުނި އުކާލާ ތަނަކަށް ކުނބުރުދޫ ހެދުމާ އަޅުގަނޑު މطلقކޮށް ދެކޮޅެވެ." މެންބަރު ވިދާޅުވި އެވެ.
ވެރިކަމުގެ ދަހިވެތިކަމުގައި ފިތުނަ އުފައްދައި، ރައްޔިތުން ބައިބައިކުރަން ކުޅޭ ސިޔާސީ ކުޅިވަރެއްގެ ޝިކާރައަކަށް އުތުރުގެ ހިތްވަރުގަދަ ރައްޔިތުން ނުހެދުމަށް ވާދަވެރިންނަށް ގޮވާލައިކަމަށް މެންބަރު މުހައްމަދު ވިދާޅުވި އެވެ.
ތިލަފުށީގެ އެނދި ކުނިތައް ކުނބުރުދޫއަށް ގެނައުމާ ދެކޮޅަށް ކުޅުދުއްފުށީ މޭޔަރާއި ކުރިނބީ ރައީސް އަދި ނެއްލައިދޫ، ނޭކުރެންދޫ، ނައިވާދޫގެ ރައީސުން ވަނީ ސަރުކާރަށް ގޮވާލާފަ އެވެ.




