ޓޫރިސްޓުންނަށް ރާއްޖެ އިން ބުކިން ހަދައިދޭ ބުކިން ޕްލެޓްފޯމްތަކާއި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވެލް އެެޖެންޓުންގެ އަތުން ޓީޖީއެސްޓީ ނަގާ ގޮތަށް، ޓެކްހާ ބެހޭ ގާނޫނު ބަދަލުކުރަން ސަރުކާރުގެ ފަރާތުން ހުށަހެޅި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މި އިސްލާހު މަޖިލީހަށް ހުށަހަޅާފައިވަނީ ސަރުކާރުގެ ފަރާތުން ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދެވެ. މި އިސްލާހު ފާސްކުރުމަށް 54 މެމްބަރުން ވޯޓު ދެއްވިއިރު، އިސްލާހު ފާސްކުރަން ނުފެންނަ ކަމަށް 2 މެމްބަރުން ވަނީ ވޯޓު ދެއްވާފައެވެ.
މަޖިލީހުގެ މުޅި މަޖިލީހުގެ ކޮމިޓީން އެ ބިލު ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މިއަދުގެ ޖަލްސާގައި ފާސްކުރީ ބައެއް މަފްހޫމްތައް އިތުރަށް ތަފްސީލުކުރަން ތުލުސްދޫ ދާއިރާގެ މެންބަރު އިބްރާހީމް ނަސީމު ހުށަހެޅުއްވި އިސްލާހުތަކަކާ އެކުގައެވެ.
އެ ބިލުގެ ބޭނުމަކީ ރާއްޖޭގައި ޑެސްޓިނޭޝަން ޕްރިންސިޕަލް ތަންފީޒުކުރަން ފެށުމަށްޓަކައި، އޮފްޝޯ ބުކިން ޕްލެޓްފޯމުތަކާއި ބޭރު ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އޭޖެންޓުން ފޯރުކޮށްދޭ ހިދުމަތްތަކާއި އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ހިދުމަތްތަކުން ޖީއެސްޓީ ނަގާނެ އުސޫލުތައް ޓެކްސް ގާނޫނަށް އިތުރު ކުރުމެވެ. މިއާއެކު ރާއްޖެއަށް ފަތުރުވެރިން ފޮނުވާ ބޭރުގެ ވިޔަފާރިތަކުން ޓެކްސް ނެގޭނެއެވެ.
އެ ބިލް ފާސްކޮށް، ބިލްގައިވާ ގޮތަށް ޓެކްސް ނަަގަން ފަށައިފިނަމަ ބޭރުގެ ޓްރެވެލް އެޖެންޓުން ދައްކާ 299.3 މިލިއަން ރުފިޔާ އާއި ފޮރިން ޓުއާ އޮޕަރޭޓަރުން ދައްކާ 13 ބިލިއަން ރުފިޔާއާ އެކު ދައުލަތަށް އަހަރަކު 16 ބިލިއަން ރުފިޔާ އިތުރުވާނެ ކަމަށް ލަފާކޮށްފައިވެ އެވެ.




