ކުޅުދުއްފުށީގެ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައި ފުރިހަމައަށް އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަން ކުޅުދުއްފުށީ އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ދެއްވައިފި އެވެ.
ލޯކަލް ކައުންސިލް އިންތިހާބުގައި ކުޅުދުއްފުށީގެ ގޮނޑިތައް ކާމިޔާބުކުރެއްވި ފަރާތްތަކަށް ތަހުނިޔާ ވިދާޅުވެ، ރޭ ކުރެއްވި ޕޯސްޓެއްގައި މެންބަރު މުހައްމަދު ވިދާޅުވީ، ކުޅުދުއްފުށީގެ ތަރައްގީއަށް ކުރެވޭ ކޮންމެ ކަމެއްގައިވެސް އޭނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށެވެ.
އެ ޕޯސްޓްގައި މޭޔަރު އާތިފް އާއި ކައުންސިލް މެންބަރުގެ ގޮނޑި ދިފާއުކުރެއްވި ޕީއެންސީގެ އިބުރާހިމް ޓެގްކުރައްވާފައިވެ އެވެ.
މެންބަރު އިތުރަށް ވިދާޅުވެފައިވަނީ މި އިންތިހާބުގެ ކެމްޕެއިން ތެރޭގައި ރަށުގެ ދެ ޕާޓީގެ ކެމްޕެއިން ޓީމްތަކާއި ކެނޑިޑޭޓުންގެ ފަރާތުން ފެނިގެން ދިޔައީ ނުހަނު ތަހުޒީބީ އަދި އެހާމެ އެކުވެރި ނަމޫނާ މަސައްކަތެއް ކަމަށާއި މިއީ ހުރިހާ ރައްޔިތުންނަށްވެސް ނުހަނު އުފަލާ ހިތްހަމަ ޖެހުން ލިބުނުކަމެއްކަން މެންބަރު މުހައްމަދު ފާހަގަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ ކެމްޕެއިން ޓީމުން ކުރި ބުރަ މަސައްކަތާއި ހިތްވަރަށް، އަދި ތިޔަ ދެއްކެވި ރިވެތި އަހުލާގާއި ނަމޫނާއަށްޓަކައި، މުޅި ޓީމާ މެދު އަޅުގަނޑު ފަހުރުވެރިވަން".
ކުޅުދުއްފުށީގެ 14 ގޮނޑީގެ ތެރެއިން ޕީއެންސީއަށް މިހާތަނަށް ޔަގީންކުރެވިފައިވަނީ އެންމެ ގޮނޑި އެކެވެ. އެއީ މިހާރުވެސް ސިޓީ ކައުންސިލްގައި ޕީއެންސީ ތަމްސީލްކުރައްވަމުންގެންދަނީ މެންބަރު އިބުރާހިމް އަހުމަދު (އެއްބެ) އެވެ.




