އަތޮޅު ތެރޭ އެންމެ ގިނަ ބަޔަކު ހިދުމަތް ހޯދާ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް އަންނަ އަހަރަށް ކަނޑައަޅާފައިވަނީ ބަޖެޓް ފޮތުގައިވާ ގޮތުން 300 މިލިއަން ރުފިޔާ އެވެ. މިހާރު މި ހިނގާ 2025 އަހަރު ހޮސްޕިޓަލަށް 317 މިލިއަން ރުފިޔާ ދިނެވެ. އެހެންކަމުން މި އަހަރުގެ ބަޖެޓަށް ވުރެ އަންނަ އަހަރުގެ ބަޖެޓް ކުޑަ އެވެ.
އަންނަ އަހަރަށް ލަފާކުރާ ބަޖެޓަށް ބަލާއިރު އައްޑޫ އަދި ހުޅުމާލެ ހޮސްޕިޓަލަށް މި އަހަރު ދިން ބަޖެޓަށް ވުރެ ބަޖެޓް ވަނީ އިތުރުކޮށްދީފަ އެވެ. އެގޮތުން މި އަހަރު ހުޅުމާލެ ހޮސްޕިޓަލަށް 528 މިލިއަން ރުފިޔާ ދިންއިރު އަންނަ އަހަރަށް ދޭން ނިންމާފައިވަނީ 665 މިލިއަން ރުފިޔާ އެވެ. އައްޑޫ ހޮސްޕިޓަލަށް މި އަހަރު 242 މިލިއަން ރުފިޔާ ދިންއިރު އަންނަ އަހަރަށް ކަނޑައަޅާފައިވަނީ 323 މިލިއަން ރުފިޔާ އެވެ. އެހެންކަމުން އެ ދެ ހޮސްޕިޓަލަށް ވެސް ކަނޑައެޅި ބަޖެޓްވީ ބޮޑެވެ.
ކުޅުދުއްފުށީ ހޮސްޕިޓަލަށް ކަނޑައެޅި ބަޖެޓާ މެދު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ދާއޫދު ވެސް ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ.
އެގޮތުން މިދިޔަ މަހުގެ 17 ވަނަ ދުވަހު ބަޖެޓަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވެފައިވަނީ ތިން އަތޮޅުގެ ރައްޔިތުން ހިދުމަތް ހޯދަމުންދާ މައި މަރުކަޒަކީ ކުޅުދުއްފުށި ކަމަށާއި ކުޅުދުއްފުއްޓަށް އެންމެ ގިނަ ރައްޔިތުން އަންނަ މައިގަނޑު ސަބަބަކީ ސިއްހީ ހިދުމަތް ކަމަށެވެ.
އަހަރެއްގެ ތެރޭގައި އެއްލައްކަ ވިހިހާހަށްވުރެ ގިނަ ރައްޔިތުން ހޮސްޕިޓަލުން ހިދުމަތް ހޯދަމުންދާ ކަމަށާއި އިމްޕޭޝަންޓުންގެ ގޮތުގައި 2500 އަށްވުރެ ގިނަ މީހުން މިހާރު ވެސް ހިދުމަތް ހޯދަމުންދާ ކަން މެންބަރު ފާހަގަކުރެއްވި އެވެ.
"ހޮސްޕިޓަލަށް ކަނޑައަޅާފައިވާ ބަޖެޓް ބޮޑު ކަމުގައި ވިޔަސް، މި އަހަރު ބަޖެޓު ބޮޑު ކަމުގައިވިޔަސް މި އަދަދު އަލުން މުރާޖައާ ކުރަން އަޅުގަނޑު ގޮވާލަން،" މެންބަރު ވިދާޅުވެފައިވެ އެވެ.
ނަމަވެސް، ބަޖެޓް މަޖިލީހުން ފާސްކޮށްފައިވަނީ އެކަމަށް ބަދަލެއް ނުގެހެނެވެ.
"އަޅުގަނޑު ގަބޫލުކުރަނީ ބަޖެޓު ކަނޑައަޅަން ޖެހޭނީ އެ ހިދުމަތް ހޯދާ ނިސްބަތްތަކުން. އައިޖީއެމްއެޗްވުރެން އަދި ހުޅުމާލެ ހޮސްޕިޓަލަށްވުރެން ގިނަ އަދަދަކަށް ބައެއް އަހަރުތަކުގައި ހިދުމަތް ހޯދާކަން އަޅުގަނޑު ފާހަގަކޮށްލަން،" ދާއޫދު ވިދާޅުވި އެވެ.
"ރައީސް ވައުދާ އެއްގޮތަށް ޓާޝަރީ ފެންވަރަށް ގެންދިޔުމަށް މި ބަޖެޓަކީ އެންމެ އެކަށޭނަ ބަޖެޓެއްތޯ އަޅުގަނޑު ހަމަ ސުވާލު އުފެދޭ."
ހޮސްޕިޓަލުގެ ބަޖެޓާ މެދު މެންބަރުންގެ ކަންބޮޑުވުން އޮތް ނަމަވެސް، އެހެން ގޮތްގޮތުން އަންނަ އަހަރުގެ ބަޖެޓަކީ މެންބަރަށް އުއްމީދީ ބަޖެޓެކެވެ. ކުޅުދުއްފުއްޓަށް ހުރި ފުރުސަތުތަކާއި މަޝްރޫއުތައް މެންބަރު އެ ދުވަހު ފާހަގަކުރެއްވި އެވެ.
އެގޮތުން އޭނާ ވިދާޅުވި ގޮތުގައި، މި ބަޖެޓާ ކުޅުދުއްފުށީގައި އަލުން އަޅަން ހަމަޖެހިފައިވާ 2000 ހައުސިން ޔުނިޓުގެ މަސައްކަތް ފެށޭނެ އަދި މިހާރު އަޅަން ފަށާފައިވާ 400 ހައުސިން ޔުނިޓާއި 2000 ހައުސިން ޔުނިޓު މަސައްކަތް މިހާރު އެޗްޑީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. މި މަޝްރޫއު އަވަސްކުރުމަކީ ދެކޭ ވަރަށް ބޮޑު އުންމީދެއް ކަމަށް ވިދާޅުވި އެވެ.
މެންބަރު ވިދާޅުވީ ސަރަހައްދީ ބަނދަރަކީ ބޮޑުތިލަދުންމަތީގެ މައި އިޤުތިޞާދީ ހަބު ކަމަށާއި ބަނދަރު ޑިއުޓީ ފްރީ ޕޯޓަކަށްވެގެންދިއުމަކީ ދެކުނު އުންމީދެއް ކަމަށެވެ. ޕޯޓް ޑިއުޓީ ފްރީ ޕޯޓަކަށް ބަދަލުކޮށް އަދި އެ މަސައްކަތް ފަށަން މިހާރު ނިންމާފައިވާ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.
ހޮސްޕިޓަލުގެ 11 ބުރީގެ އާ އިމާރާތް އަޅަން ހަވާލުކޮށްފައިވާ ކަން ވެސް މެންބަރު ފާހަގަކުރެއްވި އެވެ.
ކުޅުދުއްފުށީގެ ފެނަކަ އިމާރާތް ހުއްޓިފައި އޮންނަތާ މިހާރު ގާތްގަނޑަކަށް 7 އަހަރުވެއްޖެ ކަމަށާއި މި ބަޖެޓުގެ ތެރެއިން މި މަސައްކަތްކުރުމަކީ ވަރަށް ބޮޑަށް އުންމީދުކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ އިތުރުން އެއާޕޯޓް ޓާމިނަލް އެކްސްޓެންޝަން ޕްރޮޖެކްޓާއި އެއާޕޯޓް އެކްސެސް ރޯޑާއި، އަދި ކުޅުދުއްފުށީގެ ސިންތެޓިކް ޓްރެކާއި ސްޕޯޓްސް ކޮމްޕްލެކްސްގެ އިތުރުން ސްކޫލު ޕްރޮޖެކްޓުތައް ހުއްޓިފައި އޮތްއޮތުމަށް އިތުރު ފަރުވާއެއް ލިބޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށް މެންބަރު ވިދާޅުވި އެވެ.
މެންބަރު ވަނީ މިފަހުން ކުޅުދުއްފުށީގައި އަލަށް ފަށަން ހަވާލުކުރި ގިނަ މަޝްރޫއުތައް ވެސް ފާހަގަކުރައްވައިފަ އެވެ. އެގޮތުން އިސްލާމިކް ސެންޓަރުގެ މަސައްކަތާއި ވަގުފު އިމާރާތެއް ގާއިމުކުރުމާއި ކޮރަލް ދަނޑު ތަރައްގީކުރުމާއި ޔޫތް ތާޑް ސްޕޭސް ޕްރޮޖެކްޓާއި ޒިގްޒެގް ރޮސްޓްރަމް ދަނޑު ނިންމުމުގެ މަސައްކަތާއި މަލްޓިޕާޕަސް ހޭންޑްބޯލް އަދި ފުޓްސެލް ކޯޓު ތަރައްގީކުރުމާއި ވެމްކޯއާއި އަދި އެހެން، ތަންތަނަށް ބޭނުންވާ ވެހިކަލާއި އިކުއިޕްމަންޓް ގަތުމުގެ މަޝްރޫއު ފާހަގަކުރެއްވި އެވެ.




