twitterviber whatsapp telegramfacebookyoutube instagram
25th May 2025

ކުނީގެ މައްސަލަ ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތަށް ގިނަ ކާމިޔާބީތަކެއް ހޯދިއްޖެ: ރޯޒޭ

އަބްދުލް ވާހިދު ޙަސަން
May 25, 2025

ކުޅުދުއްފުއްޓަށް ދިމާވެފައިވާ ކުނީގެ މައްސަލަ ހައްލެއް ހޯދުމަށް ސިޓީ ކައުންސިލުން ކުރި މަސައްކަތަށް ގިނަ ކާމިޔާބީތަކެއް ހޯދިފައިވާކަމަށް ކައުންސިލް މެންބަރު އަހުމަދު އަބުދުﷲ (ރޯޒޭ) ވިދާޅުވެއްޖެ އެވެ.

ކުނި މެނޭޖްކުރުމަށް ކުޅުދުއްފުށީގައި ކުރިއަށްދާ ޕީސް ޕްރޮޖެކްޓްގެ ތެރެއިން ފެށި 'ނަމޫނާ ޗޭންޖްމޭކަރ ވޯކްޝޮޕް' ނިންމާލުމުގެ ގޮތުން ހޮނިހިރުދުވަހު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، ކައުންސިލަރު ރޯޒޭ ވިދާޅުވީ، ކުނި މެނޭޖްކުރުމުގައި ސިޓީ ކައުންސިލަށް ކާމިޔާބީތަކެއް ހޯދިފައިވާ ކަމަށެވެ.

ސިޓީ ކައުންސިލުން އުފެދުނުއިރު ރަށުގެ ކުނީގެ ހާލަތު އޮތީ ވަރަށް ބޮޑަށް ކަންބޮޑުވާ ހިސާބެއްގައިކަން ރޯޒޭ ފާހަގަކުރެއްވި އެވެ. އެގޮތުން ކުނި އަޅަން ވަކި ސަރަހައްދެއް ކަނޑައެޅިފައިވީނަމަވެސް ރަށުގެ އެކި ސަރަހައްދުތަކަށް ކުނި އަޅައި އެކި ސަރަހައްދުތައް ގޮނޑުކޮށްފައިވާ ކަމާއި ކުނި އަޅަން އޮންނަ ސަރަހައްދުވެސް އެއްވެސް ހަމައެއް ނެތްކަން ފާހަގަކުރެއްވި އެވެ.

ރޯޒޭ ވިދާޅުވީ، ސިޓީ ކައުންސިލުން އައިސް ކުނި އަޅަން ހާއްސަކޮށްފައިވާ ސަރަހައްދުގެ ވަށާފަރު ރާނާ ލައިޓް ޖަހައި ކުނިކޮއްޓެއްގެ ސިފަ ގެނެސް، ވަކި އުސޫލުތަކެއްގެ ތެރެއިން ކުނި އަޅަން ފެށި ކަމަށެވެ. އަދި ރަށުގެ އެކި ސަރަހައްދުތަކުގައި އޮތް ޒަމާންވީ ކުނިތައް ނަގައި ސާފުކޮށް ރަށުގެ އެކި ސަރަހައްދުތަކުގައި ޑަސްބިން ބަހައްޓައި ކުނި ނަގަމުންދާކަން އޭނާ ފާހަގަކުރެއްވި އެވެ.

ރަށުތެރެ ސާފުކޮށް ޑަސްބިންތަކުން ކުނި ނަގައި އުކާލުމުގައި ސިޓީ ކައުންސިލުން ބޮޑު ހޭދައެއްކުރާކަން ފާހަގަކުރައްވަމުން ރޯޒޭ ވިދާޅުވީ ކުނީގެ މައްސަލަ ހައްލުކުރެވޭނީ އެންމެން ގުޅިގެން ކަމަށާއި ޑަސްބިން ބޭނުންކުރުމުގައި އެންމެހާ ފަރާތްތަކުން ޒިންމާދާރުވުމަށް އޭނާ އެދިލެއްވި އެވެ.

ކުނީގެ މައްސަލަ ހައްލުކުރުމުގައި ވަކި މިސްރާބަކަށް ކުރިއަށްގެންދިޔުމަށް ސިޓީ ކައުންސިލާއި އެންވަޔަރަމަންޓް މިނިސްޓްރީ އަދި ވެމްކޯއާ ދެމެދު އެއްބަސްވެ ގޭބިސީތަކުގައި އުފެދޭ ކުނި ވެމްކޯއިން ނަގަން ފަށާފައިވާއިރު ކުނީގެ މައްސަލަ ހައްލުކުރުމަށް ސިޓީ ކައުންސިލާއެކު ކުރަމުންދާ މަސައްކަތަށް ވެމްކޯގެ ޓީމަށް ރޯޒޭ ޝުކުރުއަދާކުރެއްވި އެވެ.

ކުނި މެނޭޖްކުރުމަށް ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތްކުރާއިރު ޕީސް ޕްރޮޖެކްޓްގެ ސަބަބުން މަސައްކަތަށް ބޫސްޓެއް ލިބިގެންދިޔަކަށާއި އޭގެ ތެރެއިން ސިޓީ ވޭސްޓް މެނޭޖްމެންޓް ޕްލޭން ރިވިއުކުރެވިފައިވާ ކަމަށާއި އެ ޕްލޭންގެ މަސައްކަތް އަވަސް މުސްތަގުބަލެއްގައި ނިންމާލެވޭނެކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިވާރކްސޮޕްގެ ސަބަބުން ކުނީގެ މައްސަލަ ހައްލުކުރުމުގައި ގިނަ މައުލޫމާތުތަކެއް ލިބިގެންދިޔަކަންވެސް ރޯޒޭ ފާހަގަކުރެއްވި އެވެ.

ކުޅުދުއްފުށީގައި ކުރިއަށްގެންދާ ޕީސް ޕްރޮޖެކްޓްގެ ދަށުން ކުނިކޮށީގައި ކުނި މެނޭޖްކުރާ ފެސިލިޓީއެއްވެސް ވަނީ ގާއިމުކޮށްފަ އެވެ. ޕީސް ޕްރޮޖެކްޓަކީ މެކްސް އާއި ވޯލްޑްބޭންކް އަދި ޔޫއެންއާއި ސިޓީ ކައުންސިލުން ކުރިއަށްގެންދާ ޕްރޮޖެކްޓެކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355