މިހާރު ކުރިއަށްދާ ޒިގްޒެގް އިންޓަރ އޮފީސް ފުޓްސަލް ޓޯނަމެންޓުގެ ސެމީ ފައިނަލުގައި ފަސޭހަކަމާއެކު ކޭއާރުއެޗު ބަލިކޮށް އުރީދޫ ފައިނަލަށް ދަތުރުކުރިއިރު ކޭޕީއެލް ކަޓުވާލާ ދިރާގު ވެސް ފައިނަލަށް ދަތުރުކޮށްފި އެވެ.
ރޭ ކުޅެވުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ބައްދަލުކުރީ ކޭއާރުއެޗާއި އުރީދޫ އެވެ. ވާދަވެރި ކުޅުމެއް ފެންނާނެ ކަމަށް ބެލެވުނު މިމެޗު 6 - 2 ގެ ނަތީޖާއަކުން އުރީދޫއިން ފަސޭހަކަމާއެކު ކާމިޔާބުކުރި އެވެ.
އެންމެ ފަހު ވަގުތާ ޖެހެންދެން ވެސް ކޭއާރުއެޗުގެ ކުޅުންތެރިން އެއްވަރުކޮށް މޮޅުވެވޭތޯ މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ. އުރީދޫއިން ފަސޭހަކަމާއެކު މެޗު ކާމިޔާބުކުރިއިރު މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީ ވެސް އުރީދޫއިންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މިމުބާރާތުގައި ވެސް ތަފާތު މޮޅު ކުޅުމެއް ދައްކަމުން އަންނަ އުރީދޫގެ ޖޯޒީ ނަމްބަރު 10 ޖުމައިލް ޖަމީލް އެވެ.
ކޭއާރުއެޗުގެ ފަރާތުން ގިނަ މިސްޓޭކްތަކެއް މިމެޗުގައި ފެނިގެންދިޔަ އެވެ. މެޗުގެ 11 ވަނަ މިނެޓުގައި އުރީދޫގެ ކެޕްޓަން މުހައްމަދު ރިފްޝާން އެޓީމަށް ލީޑު ފުޅާކޮށްދިނެވެ. އުރީދޫގެ ތިންވަނަ ލަނޑު ވެސް ކާމިޔާބުކޮށްދިނީ ކެޕްޓަން ރިފްޝާން (ރިއްޕެ) އެވެ. މީގެއިތުރުން މިމެޗުގައި އުރީދޫގެ ހުސެއިން ޝަރީފް 2 ލަނޑު ކާމިޔާބުކުރިއިރު އެޓީމުގެ ފަހު ލަނޑު ޖަހައިދިނީ ފުރަތަމަ ލަނޑުވެސް ކާމިޔާބުކުރި ޖުމައިލް އެވެ.
ކޭއާރުއެޗުގެ ދެލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އެޓީމުގެ ހުނަރުވެރި ކެޕްޓަން ޑޭވިޑް އެވެ. މިމެޗުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އުރީދޫގެ ޖުމައިލް ޖަމީލް އެވެ. ޖުމައިލް ފާހަގަކޮށްލެވެނީ ހުރިހާ މެޗުތަކެއްގައި ވެސް އެއްފެންވަރެއްގައި ކުޅޭ ސްކިލްފުލް ކުޅުންތެރިއެއްގެ ގޮތުގަ އެވެ.
ރޭގެ ދެވަނަ މެޗުގައި ބައްދަލުކުރީ އެންމެފަހުގެ ޗެމްޕިއަން ދިރާގާއި އެންމެފަހުގެ ރަނަރަޕް ކޭޕީއެލް އެވެ. މިމެޗުގައި ދެޓީމުގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނިގެންދިޔައިރު މިމެޗު ޕެނަލްޓީ ޖަހައިގެން 6 - 5 ން ކާމިޔާބުކުރީ ދިރާގުންނެވެ.
ފޯރިގަދަ އަދި އެހާމެ ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ ކޭޕީއެލުންނެވެ. މެޗުގެ 10 ވަނަ މިނެޓުގައި ކޭޕީއެލްގެ ނާއިހް މުފީދު (ނާހު) ފޮނުވާލި ބާރުގަދަ ހަމަލާ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ. މެޗުގެ ލީޑު ކޭޕީއެލްއަށް ހިފަހައްޓައިލެވުނީ އެންމެ 7 މިނެޓަށެވެ. ދިރާގުގެ ޒުވާން ކުޅުންތެރިޔާ ހަމްދޫން އަހްމަދު (ހަމްދު) ވަނީ މެޗުގެ 17 ވަނަ މިނެޓުގައި ދިރާގަށް ނަތީޖާ ހަމަހަމަކޮށްދީފަ އެވެ.
ދިރާގުން އެއްވަރުކުރިތާ މާގިނައިރެއް ނުވެ ދިރާގުން ލީޑު ނެގި އެވެ. މެޗުގައި ދިރާގުން ފުރަތަމަ ފަހަރަށް ލީޑު ނެގި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ދިރާގުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އަސްވަދު ރަޝީދު (އަސްލޭ) އެވެ. މެޗުގެ ފޯރި މިހިސާބުން ވަރަށް ގަދަވި އެވެ. ކޭޕީއެލްގެ ކުޅުންތެރިން ނަތީޖާ ހަމަކޮށް މޮޅުވާން އިތުރަށް މަސައްކަތްކުރި އެވެ. އަދި ދިރާގުން ވެސް މަސައްކަތްކުރީ މެޗުގެ ލީޑު ފުޅާ ކުރުމަށެވެ.
ލަނޑެއް ޖަހާ ނަތީޖާ ހަމަކުރުމަށް ކޭޕީއެލުން ކުރަމުންދިޔަ މަސައްކަތް ކާމިޔާބުވީ މެޗު ނިމެން ހިނދުކޮޅަކަށްވެފައި ވަނިކޮށެވެ. މިލަނޑު މެޗުގެ 39 ވަނަ މިނެޓުގައި ޖަހައިދިނީ ފުރަތަމަ ލަނޑު ވެސް ޖަހައިދިން ނާހު އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހައިގެންނެވެ. ޕެނަލްޓީ ޝޫޓް އައުޓް ދިރާގުން ކާމިޔާބުކުރީ 4 - 3 ންނެވެ. އަދި މެޗު ނިމުނީ 6 - 5 ން ދިރާގު މޮޅުވެގެންނެވެ.
ދިރާގުގެ ޕެނަލްޓީތައް ޖަހައިދިނީ އަސްލޭއާއި، އިބްރާހިމް އަތީގް ހަސަންގެ އިތުރުން އަލީ މާއިދް އާދަމް އަދި ހުޒައިފަތުﷲ އިބްރާހިމް އެވެ. ދިރާގުގެ އެންމެ މޮޅު އެއްކުޅުންތެރިޔާ ޔާމިން މުހައްމަދު (ޔާންޓެ)ގެ ޕެނަލްޓީ ނާކާމިޔާބުވީއިރު ހާމިދް ރަޝީދު (ހާނު)ގެ ޕެނަލްޓީ ވެސް ކާމިޔާބުވާ ގޮތެއް ނުވި އެވެ.
ކޭޕީއެލްގެ ޕެނަލްޓީތައް ޖަހައިދިނީ އަލީ މާއިސް (މައްޓު)، ނާއިހް މުފީދު (ނާހު)ގެ އިތުރުން އަންވަރު އާދަމް އެވެ. އެޓީމުގެ ކެޕްޓަން ހަސަން އިބްރާހިމްއާއި އިބްރާހިމް ހަސަން (ކުޑަ އިއްބެ)ގެ އިތުރުން ކޭޕީއެލްގެ ސިނާން އިބްރާހިމްގެ ޕެނަލްޓީ ވަނީ ނާކާމިޔާބުވެފަ އެވެ.
މިމުބާރާތުގެ ފައިނަލު މެޗު އޮންނާނީ މާދަމާ ރޭ 08:30 ގައި ކުޅުދުއްފުށީ ޓާފް ދަނޑުގަ އެވެ. ފައިނަލުގައި ބައްދަލުކުރާނީ އުރީދޫއާއި ދިރާގެވެ.