ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގެ ސްޓްރެޖިކް އެކްޝަން ޕްލޭން އެކުލަވާލެވި، މިހާރު އޮތީ ނިމުމުގެ މަގުމަތީގައިކަމަށް އެ ހޮސްޕިޓާ ހިންގާ ގަވަރނިންގ ބޯޑްގެ ޗެއަރޕާސަން އައިމިނަތު ގާސިމް ވިދާޅުވެއްޖެ އެވެ.
ކޭއާރުއެޗަށް 40 އަހަރު ފުރުމުގެ މުނާސަބާއާ ގުޅުވާ މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން އައިމިނަތު ގާސިމް ވިދާޅުވީ، ބޯޑުގެ މައްޗަށް ޒިންމާކުރެވިފައިވާ މަސައްކަތްތައް އިރާދަކުރެއްވިއްޔާ ކުރިއަށްދާ ކަމަށާ މިކަމުގައި މިކަމުގައި ހޮސްޕިޓަލުގެ އެންމެންހާ މުވައްޒަފުން ކުރާ މަސައްކަތްތަށް ވަރަށް އިހްލާސްތެރިކަމާއެކު ފާހަގަކުރާ ކަމަށެވެ.
އެގޮތުން އެންމެ ބޮޑު ކަމެއްގެ ގޮތުގައި ބޯޑް މެމްބަރުންގެ މައްޗަށް ލާޒިމްކުރެވިފައިވަނީ ހޮސްޕިޓާ ކުރިއަށްގެންދާނެ މަގުޗާޓެއް ކުރެހުމަށް ލަފާ ދިނުން ކަމަށާ މިހާރު ވަނީ އެ މަސައްކަތް ފުރިހަމަކުރެވިފަކަމަށް އައިމިނަތު ވިދާޅުވި އެވެ
ހޮސްޕިޓަލުގެ ސްޓްރެޖިކް އެކްޝަން ޕްލޭން ހެދި ފުރިހަމަކުރެވިފައިވާ ކަމަށާއި އެ ޕްލޭން އޮތީ ދާދި އަވަހަށް ވުޖޫދަށް އައުމުގެ މަގުމަތީގައި ކަމަށެވެ. ދެން އޮތީ ޕްލޭނާ އެއްގޮތަށް ހޮސްޕިޓަލުގެ ހިންގުން ކުރިއަށްގެންދިޔުން ކަމަށް ޗެއަރޕާސަން ވިދާޅުވި އެވެ.
"އޭގެ ފަހުން އަޅުގަނޑުމެން އިންނާނީ ތަންފީޒުކުރުން. ތަންފީޒުކުރުމުގެ މަރުހަލާގައި މުވައްޒަފުންގެ އެއްބާރުލުމާއި މަސައްކަތް ބޭނުންވާނެ. މަސްއޫލިއްޔަތު އުފުލުމުގައި ތެދުވެރި ވަފާތެރި ޒިންމާދާރު ބޭފުޅަކަށް ވެގެން ނޫނީ މިކަންތައްތައް ތަންފީޒުކުރުމުގައި އަޅުގަނޑުމެންނަށް ދަތިތަކެއް ހުންނާނެ." ކޭއާރުއެޗުގެ ގަވަރނިންގ ބޯޑްގެ ޗެއާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ޕްލޭން ތައްޔާރުކޮށް އެކުލަވާލާފައިވަނީ ހޮސްޕިޓަލުގެ މުވައްޒަފުންގެ ޓީމަކުން ކަމަށާއި އެހެންވެ އެފަރާތްތަކަށް ޝުކުރުއަދާކުރެއްވި އެވެ.
އޭނާ ވިދާޅުވީ ދިވެހިރާއްޖޭގެ އެކި ކަންކޮޅުތަކުގައި ސިއްހީ ހިދުމަތް ފުޅާކޮށް ރައްޔިތުން ބަލައިގަންނަ ފެންވަރު ރަނގަޅު ހިދުމަތަކަށް ހެދުމަށްޓަކާ މައި ސަރުކާރުން ވަރަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންގެންދާ ކަމަށެވެ.
އަދި އަތޮޅުތެރޭގެ ދެވޭ އެންމެ ރަނގަޅު ސިއްހީ ހިދުމަތް ދިނުމަށްޓަކާ ކޭއާރުއެޗުން ހިފާފައިމިވާ އަމާޒު ހާސިލުކުރުމަށްޓަކާ ކޮންމެ މުވައްޒަފަކީކަމަށް ކަމޭހިތާ ޒިންމާދާރު އަދި މަސައްކަތްތައް ޝައުގުވެރި ފަރާތްތަކަށްވުމަށް އައިމިނަތު ވަނީ ނަސޭހަތްތެރިވެލައްވާފަ އެވެ.