ކުޅުދުއްފުއްޓަކީ އަމިއްލަ ކާބޯތަކެތީގެ އުފެއްދުންތަކެއް އުފައްދަމުން އަންނަ ރަށެއްކަމާށައި އެ އުފެއްދުންތަކަށް އިތުރު މާކެޓް ހޯދާ، އެފަދަ އުފެއްދުންތައް އެހެން ހަރުފަތަކަށް ގެންދިއުމަށް ކާބޯތަކެތީ ރައްކާތެރިކަން ކަށަވަރުކުރުން މުހިއްމުކަމަށް ކުޅުދުއްފުށީ ސިޓީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
މޭޔަރު މިހެން ވިދާޅުވީ މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ކުރިއަށް ގެންދާ "އުފަކާރަ" ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"އުފަކާރަ" ޕްރޮގްރާމަކީ 2016 ވަނަ އަހަރުން ފެށިގެން އެމްއެފްޑީއޭއިން ރާއްޖޭގައި ހިންގަމުން އަންނަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގެ މަގުސަދަކީ ކާބޯތަކެތި އުފައްދާ ތައްޔާރުކުރުމުގެ ރައްކާތެރިކަމާއި ގުޅޭގޮތުން ހޭލުންތެރިކަން އިތުރުކުރުމަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމުގަ މަގުސަދަކީ ރާއްޖޭގައި އުފައްދާ ކާބޯތަކެއްޗަކީ ރައްކާތެރި ތަކެއްޗަށް ހެދުމެވެ.
މޭޔަރު ވިދާޅުވީ ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ކޮންމެހެން ކުރަން ޖެހިފަ އޮތްކަމެއްކަމަށާއި ޑަބްލިއުއެޗްއޯގެ ތަފާސްހިސާބުތަކަށް ބަލާލާއިރު 600 މިލިއަނަށްވުރެއް ގިނަމީހުން އަހަރަކު ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުނުވެގެން ނުވަތަ ރައްކާތެރި ނޫން ކާބޯތަކެތި ބޭނުން ކުރެވިގެން ބަލިވާއިރު 4 ލައްކައެއްހާ މީހުން މިކަމުގެ ސަބަބުން މަރުވާކަމަށެވެ.
"ހަގީގަތުގައި ކުޅުދުއްފުއްޓަކީ އަޅުގަނޑުމެންގެ އަމިއްލަ އުފެއްދުންތަކެއް އުފައްދަމުން އަންނަ ރަށެއް. ކުޅުދުއްފުއްޓަށް ހާއްސަ އުފެއްދުންތަކެއް އަޅުގަނޑުމެންގެ އެބަހުރި. މި އުފެއްދުންތަކަކީ އެންމެ ރައްކާތެރި އުފެއްދުންތަކަށް ހެދުމަކީ މިއަދު އަޅުގަނޑުމެން ކަށަވަރުކުރަން ޖެހޭކަމެއް. މި އުފެއްދުންތަކަށް އިތުރު މާކެޓްހޯދުމާއި، އިތުރަށް މި އުފެއްދުންތައް އުފައްދާ ފަރާތްތައް އެހެން ހަރުފަތަކަށް ނުވަތަ އުފެއްދުންތަކުން އަޅުގަނޑުމެން ގެ ކޮމިއުނިޓީއަށް އަޅުގަނޑުމެންގެ ރައްޔިތުންނަށް ލިބޭ މަންފާ އިތުރުކުރުމަށްޓަކައި އަޅުގަނޑުމެން ކާބޯތަކެއްޗަކީ ރައްކާތެރި ކާބޯތަކެތި ކަމުގައި ކަށަވަރުކުރަން އެބަޖެހޭ" މޭޔަރު ވިދާޅުވި އެވެ.
މޭޔަރު ވަނީ ކުޅުދުއްފުށީ ސިޓީގައި އުފަކާރަ ޕްރޮގްރާމް ކުރިއަށް ގެންދެވުމަށް ނިންމިކަމަށްޓަކައި އެމްއެފްޑީއޭގެ އިސްވެރިންނާއި މުވައްޒަފުންނަށް ޝުކުރު އަދާކުރައްވާފައެވެ. އަދި މި ޕްރޮގްރާމްކުރިއަށް ގެންދެވުމަށް ޑަބްލިއުޑީސީގެ ފަރާތުން އެމްއެފްޑީއޭއަށާއި ކައުންސިލަށް ދެއްވަމުން ގެންދަވާ އެއްބާރުލުމަށްވެސް ޝުކުރު އަދާކޮށްފައެވެ.
އަދި ޕްރޮގްރާމުގެ ތެރެއިން ބައިވެރިންނަށް ގިނަ މައުލޫމާތުތަކެއް ދަސްވެ، ކާބޯތަކެތި އުފައްދާ، ޕެކްކޮށް އަދި މާކެޓްކުރުމަށް އިތުރަށް ދަސްވެގެން ދާނެކަމަށް އުންމީދުކުރައްވާކަމަށް މޭޔަރުވިދާޅުވި އެވެ.