twitterviber whatsapp telegramfacebookyoutube instagram
24th April 2024

ކަނބަލުން ކިޔުމަކީ ހުތުރު ކަމެއް: ނަޝީދު

ނަބީލާ އިސްމާޢީލް
Mar 8, 2022

އަންހެނުންނަށް ނިސްބަތްކޮށް "ކަނބަލުން" ނުކިޔަން ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފައްޓަވައިދެއްވަމުން، ރިޔާސަތުގައި އިންނެވި ރައީސް ނަޝީދު ވަނީ މިއަދު ފާހަގަކުރާ ބައިނަލްއަޤްވާމީ އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި ބައެއް ކަންކަމަށް ސަމާލުކަން ދޭން ޖެހޭ ކަން ފާހަގަކުރައްވައިފައެވެ.

ލޯކަލް ކައުންސިލްތަކުގެ ނިސްބަތެއް އަންހެނުންނަށް ޚާއްސަ ކުރަން ލާޒިމު ކުރުމުން ކައުންސިލްތައް ހިންގުމުގައި އަންހެނުންގެ ދައުރު އިތުރު ވެފައިވާ ކަން ނަޝީދު ފާހަގަ ކުރެއްވިއެވެ. "އަޅުގަނޑު ވަރަށް ދެކެން ބޭނުންވޭ، މި ރައްޔިތުންގެ މަޖިލިހުގައި ވެސް، ގިނަ އަދަދެއްގެ އަންހެން މެންބަރުން ތިބުން،" ނަޝީދު ވިދާޅުވި އެވެ.

އަންހެނުންގެ ދުވަހާ ގުޅޭ ގޮތުން ނަޝީދު މިއަދުގެ ޖަލްސާގައި ވިދާޅުވީ، އަންހެނުންނަށް އަމާޒުކޮށް ބޭނުންކުރާ "ކަނބަލުން"ނަކީ ހުތުރު ބަހެއް ކަމަށެވެ. އޭގެ ބަދަލުގައި "އަންހެނުން" ނުވަތަ "އަންހެން ބޭފުޅުން" ފަދަ ބަސްތައް ބޭނުން ކުރުމަށް ނަޝީދު އެދިވަޑައިގަތެވެ.

އަންހެނުންގެ ދުވަސް ފާހަގަކުރުމުގައި މަލާއި ކޭކާއި ޗޮކުލެޓު ފަދަ ހަދިޔާ ނުދިނުމަށް ޖެންޑާ މިނިސްޓްރީން އިލްތިމާސް ކޮށްފައިވާ ކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވީ މި ދުވަހު މަސައްކަތް ކުރަންވީ އަންހެނުންނާ ގުޅޭ ކަންކަމަށް ބަދަލުގެނައުމަށް ކަމަށެވެ.

ނަޝީދު ދެން ވިދާޅުވީ "އަޅުގަނޑަށް ވަރަށް ހުތުރު ބަހެއް އެއީ، މި ކަނބަލުންނޭ ކިޔައިގެން ވާހަކަ ދެއްކުން، އަންހެނުން، އަންހެން ބޭފުޅުން، އާންމުކޮށް އަޅުގަނޑުމެން ބޭނުން ކުރާ ބަސްތައް ބޭނުން ކުރުމާއި މެދު އަޅުގަނޑު ހިތުން، އަޅުގަނޑުމެން ފާހަގަ ކުރަން ރަނގަޅު ނުކުތާއެއް،" ކަމަށެވެ.

އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ރަތް ދޫލަ އެޅުމާއި މާބޮނޑި ދިނުމާއި ފިނިފެންމާ ދިނުމާއި ޗޮކްލެޓް ދިނުމާއި ކޭކު، ބަދިގޭގައި ގެންގުޅޭ ތަކެތި (ތެލި، ތަށި، އުނދުޅި) އަދި ގޭތެރެ ސާފުކުރުމަށް ބޭނުންކުރާ ތަކެތި (މޮޕް، ފިހިގަނޑު) ފަދަ ތަކެތި ދިނުމާއި ފިޔާތޮށި ކުލަ ހެދުން ލުން މަނާކޮށްފައިވެއެވެ.

މި ކަމަށް އިޝާރާތް ކުރައްވައި ރައީސް ނަޝީދު ވިދާޅުވީ ސަރުކާރުން އިރުޝާދު ދެނީ މިފަދަ ތަކެތި ދިނުމުގެ ބަދަލުގައި މާނަވީ ގޮތެއްގައި އަންހެނުންގެ ދުވަސް ފާހަގަ ކުރުމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355