ރަށްރަށުގެ ބިމުގެ މައްސަލަތަކުގައި އެ ރަށްރަށުގެ ކައުންސިލްތަކަށް ކޯޓުތަކުގައި ދައުލަތް ތަމްސީލު ކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ހުކުމްކޮށްފި އެވެ.
ސުޕްރީމް ކޯޓުން މިއަދު މިގޮތަށް ހުކުމްކޮށްފައިވަނީ އދ. ފެންފުށީގެ ބިމެއްގެ މައްސަލާގައި އެ ރަށު ކައުންސިލާ ދެކޮޅަށް ރައްޔިތަކު ހުށަހެޅި މައްސަލައެއްގަ އެވެ. އެ މައްސަލަ ފުރަތަމަ ހައިކޯޓަށް ހުށަހަޅާފައިވަނީ ދައުލަތަށް ރައްދުވާ މައްސަލައެއް ގޮތަށެވެ. މައްސަލައިގައި ޖަވާބުދާރީވާން އެ ކައުންސިލަށް އެންގުމުން ކައުންސިލުން ބުނެފައިވަނީ ވަކީލަކު ނެތް ކަމަށާއި ކައުންސިލްގެ ފަރާތުން ޖަވާބުދާރީ ވާނީ އެޓާނީ ޖެނެރަލް ކަމަށެވެ.
ނަމަވެސް އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 21 ވަނަ މާއްދާއާއި ހަވާލާދީ އޭޖީ އޮފީހުން ބުނެފައިވަނީ ރަށު ކައުންސިލްތަކަކީ އަމިއްލަ ނަމުގައި ދައުވާ ކުރުމާއި ދައުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ ގާނޫނީ ސަހުސަކަށް ވާތީ މި މައްސަލައިގައި ވަކާލާތު ކުރަން ނުފެންނަ ކަމަށެވެ. އެހެންކަމުން މައުލޫއީ މައްސަލަ ބޭއްވުމަށްފަހު ހައިކޯޓުން ވަނީ އެ ހިޔާލުތަފާތުވުމަށް ގޮތެއް ނިންމާފަ އެވެ.
ހައިކޯޓުގެ ނިންމުމުގައި ބުނެފައިވަނީ ކައުންސިލަކީ ގާނޫނީ ޝަހްސަކަށްވީ ނަމަވެސް ދައުލަތް ތަމްސީލުކުރުމުގެ ބާރު ކައުންސިލަށް ލިބިދީފައި ނެތް ކަމަށެވެ. ރަށު ކައުންސިލްގެ އިހްތިސާސްގައި ނުވަތަ ރަށު ކައުންސިލްގެ މަސްއޫލިއްޔަތުތަކާއި ބާރުތަކުގެ ތެރޭގައި ކޯޓުތަކުގައި ދައުލަތް ތަމްސީލުކުރުން ހިމެނި އެބާރު ކައުންސިލްތަކަށް ލިބިދީފައި ނުވާ ކަމަށެވެ. އެހެންކަމުން ކައުންސިލްތައް ތަމްސީލުކުރަން ޖެހޭނީ އޭޖީ އޮފީހުން ކަމަށް އެ ނިންމުމުގައި ބުނެފައިވެ އެވެ.
މައްސަލައިގެ ހުކުމުގައި ބުނެފައި ވަނީ ގާނޫނު އަސާސީން ދައުލަތް ހިންގުމަށާއި ދައުލަތް ހިންގާ ފަރާތްތައް ޖަވާބުދާރީ ކުރުމަށް އާ މުއައްސަސާތަކާ އިދާރާތައް އުފައްދައިފައިވާ ކަމަށެވެ. އެފަދަ މިނިވަން މުއައްސަސާތަކާއި އިދާރާތަކަކީ ދައުލަތުގެ ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި ހިމެނޭ ނަމަވެސް ސަރުކާރާ ވަކިން އުފައްދާފައިވާ ގާނޫނީ ޝަހްސްތަކެއް ކަމަށެވެ.
މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން އިއްވި ހުކުމުގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކަށް އެ ކައުންސިލްތަކުގެ އިހުތިސޯސްތަކުގައި ހިމެނޭ ކަންކަމުގައި ދައުވާ ލިބިގަތުމާއި ކުރުމުގެ ބާރު ލިބިގެންވާ ކަމަށެވެ.