ދިވެހި ރާއްޖޭގެ ޖުމްހުރިއްޔާގެ ގާނޫނުއަސާސީގެ ލާމަރުކަޒީ ބާބުގެ ރޫހާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނާއި މަގުސަދުތަކާއި ބިނާވެށި ގާނޫނު ތައާރަޟްވާތީ، އެ ގާނޫނު އިސްލާހްކޮށްދިނުމަށް ގޮވާލައި ހއ އަތޮޅު ކައުންސިލުން ގަރާރެއް ނެރެފި އެވެ.
ބިނާވެށި ޕްލޭންކުރުމާއި ހިންގުމުގެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވާފައިވަނީ މިހިނގާ ސެޕްޓެމްބަރުމަހުގެ 8 ވަނަ ދުވަހު އެވެ. ރައްޔިތުންގެ މަޖިލީހުން މި ބިލް ފާސްކުރީ މިދިޔަ އޮގަަސްޓްމަހުގެ 22 ވަނަ ދުވަހު އެވެ.
އެ އަތޮޅު ކައުންސިލްގެ 10 މެންބަރު ސޮއިކުރައްވާ ނެރުނު ގަރާރުގައި ވަނީ ބިނާވެށި ޕްލޭންގެ ސަބަބުން ރައްޔިތުނާ އެންމެ ގާތުން ރައްޔިތުން ތަމްސީލުކޮށްދީ ހިދުމަތްފޯރުކޮށްދޭ ލޯކަލް ކައުންސިލްތަކުގެ ހިންގުމުގެ ނިޒާމަށް ނުހަނު ނޭދެވޭ އަސަރުތައް ކުރާކަމަށެވެ. އަދި މި ބަދަލުގެ ސަބަބުން މުޖުތަމައުގެ ވަސީލަތްތައް މުޖުތަމައުއަށް އެންމެ ފައިދާ ވާނެ ގޮތަށް ރާވާ ތަރުތީބު ކުރުމުގެ ފުރުސަތު މުޖުތަމައުތަކުން ގެއްލިގެން ދިއުމުގެ ނުރައްކާތެރިކަން އޮތްކަމަށް އެ ކައުންސިލުން ދެކޭ ކަމަށެވެ.
ގަރާރުގައި ވަނީ، އެ ބިލަށް ހިޔާލު ހޯދުމުގެ ކުރު މަރުހަލާގައި ކައުންސިލުތަކާއި ފަންނީ މާހިރުންނާއި އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުން ހުށަހަޅާފައިވާ ހިޔާލުތައް އެއްވެސް މިންވަރަކަށް މަޖިލީހުގައި ރިޔާއަތްކޮށްފައި ނުވާކަމަށާއި އަދި ލޯކަލް ގަވަމަންޓް އޮތޯރިތީއާއިވެސް މަޝްވަރާކޮށްފައިނުވާކަމަށް އެވުޒާރާއިން ހާމަކޮށްފައިވާކަމަށެވެ. އަދި އެ އިދާރާގެ މިނިސްޓަރު މަޖިލީހުގެ ކޮމިޓީގައި ދެއްވާފައިވާ އިރުޝާދުތަކާއި މިގާނޫނު ތައާރަޒްވާކަމަށްވެސް ގަރާރުގައި ބުނެފައިވެ އެވެ.
އެލްޖީއޭއިން ލާމަރުކަޒީ ނިޒާމަށް ގެންނަން ބޭނުންވާ ބަދަލުތަކުގެ ދިރާސާކޮށް މަޝްވަރާތައް ފެށުމަށް ވަމުންދާ ތައްޔާރީތަކަށް މި ގާނޫނު ފާސްކުރުމުގައި ކައުންސިލްތަކާއި ފަންނީ މާޙިރުން އެކަހެރިކުރުމުން ސަރުކާރުން ރައްޔިތުންނާ ކައުންސިލްތަކުގެ ބައިވެރިވުން ހޯދާނެ ކަމަށް ވީ ވައުދަށް ހިޔަނި އެޅޭކަމަށް ގަރާރުގައި ފާހަގަކޮށްފައިވެ އެވެ.
"ދިގު ޒަމާންތަކަށްފަހު ކަނޑައެޅިގެންދިޔަ ކައުންސިލްތަކުގެ އިހުތިސާސީ ރޮނގު މުޖުތަމައުގެ ބަހެއްނެތި ފުހެލުމުގެ ބާރު ވަޒީރަކަށް ލިބެއެ." ހއ އަތޮޅު ކައުންސިލްގެ ގަރާރުގައިވެ އެވެ.
އެ ގަރާރުގައި އިތުރަށް ބުނީ މިހާތަނަށް މިފަދަ ގާނޫނުތައް އުފަންކޮށްގެން ރައްޔިތެއްގެ އެއްވެސް ބަހެއްނެތި ވަޒީރަށް ފެންނަ ޕްލޭންތަކުން ބޮޑެތި އިންވެސްޓްމެންޓްތަކާއި ތަރައްގީ ހޯދުމުގެ ނަމުގައި ހިންގާފައިވާ މަޝްރޫއުތަކުން ރައްޔިތުންނަށް ފައިދާވެފައިނުވާ ކަމަށާއި ރައްޔިތުންގެ ބަހާއި ބައިވެރިވުން ނުލާ ހިންގާ ފައިވާ ހަރަކާތްތަކުން ހިންގާފައިވަނީ އެންމެ ބޮޑެތި ވައްކަމާއި ހިޔާނާތާއި ޓެކުންކަން ރާއްޖޭގެ ތާޜީހު ދައްކާކަމަށެވެ.
އެހެންކަމުން މި ގާނޫނު އަނބުރާ އިސްލާހުކުރުމަށް އެ ގަރާރުގައި ގޮވާލާފައިވެ އެވެ. ބިނާވެށި ގާނޫނާއި މިހާރު މަޖިލީހުގައި އާބަން ބިލްގެ ސަބަބުން އަތޮޅުތެރޭގައި އުޅޭ ރައްޔިތުންގެ ބަހެއް ނެތި އަދި ކައުންސިލްތަކުގެ ބަހެއްވެސް ނެތި ވަޒީރަކުން ބޭނުންވާ ކަމެއް ކުރުމުގެ ބާރު ލިބިގެންދާނެ އެވެ. އަދި މާލެ ސަރަހައްދަށް މަރުކަޒު ކުރުމުގެ ބާރުވެސް ލިބިގެންދާނެ އެވެ.