ހއ އަތޮޅު ކައުންސިލުން އެއަތޮޅުގެ ހުރިހާ ރަށު ކައުންސިލްތަކަށް ބަގީ ހަދިޔާކޮށްފި އެވެ. ބަގީގެ އިތުރުން އެ އަތޮޅުގެ ސްކޫލްތަކުގައި ސްޓަޑީ ކޭމްޕް ބޭއްވުމަށް ބޭނުންވާ މާލީ އެހީތެރިކަންވެސް އަތޮޅު ކައުންސިލުން ދިނެވެ.
މިކަމަށްޓަކާ ބުދަ ދުވަހު ހއ ދިއްދޫގައި ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލްތަކަށް ބަގީ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. އަދި ރަށު ކައުންސިލްތަކުގެ ފަރާތުން ސޮއިކުރެއްވީ ރަށު ކައުންސިލްތަކުގެ ރައީސުންނެވެ.
ސްކޫލްތަކުގެ ސްޓަޑީ ކޭންޕު ކުރިއަށް ގެންދިއުމުގެ އެއްބަސްވުމުގައި އަތޮޅު ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އަތޮޅު ކައުންސިލްގެ ރައީސް މޫސާ ޝަފީޤެވެ. ސްކޫލްތަކުގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޫސާ ޝަފީޤް ވިދާޅުވީ، މިއީ އަތޮޅަށް ވަރަށް ތާރީހީ ދުވަހެއް ކަމަށާއި، ލާމަރުކަޒީ ގާނޫނަކީ އަތޮޅު ރައްޔިތުން ވަރަށް ފަރިތަ ގާނޫނެއް ކަމަށް ވިދާޅުވެފަ އެވެ. އަދި ލާމަރުކަޒީ ޤާނޫނަށް އަހުލުވެރި މިންވަރު ދައްކުވައިދޭ ސަބުއިންޑެކްސިން ވިދިވިދިގެން 4 އަހަރު އެވޯޑް ހާސިލް ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
ރައްޔިތުންނާ ގާތުން މިހާރު ދޭ ހިދުމަތްތަކުގެ އިތުރުން، އިތުރު ހިދުމަތްތައްވެސް ކައުންސިލްތައް މެދުވެރިކޮށް ފޯރުކޮށްދޭނެ އިންތިޒާމް ސަރުކާރުން ހަމަޖައްސައި ދެއްވުމަކީ މުހިއްމު ކަމެއްކަމުގައި ޝަފީޤް ފާހަގަކުރެއްވި އެވެ. އެގޮތުން ސިއްހީ ހިދުމަތާއި ތައުލީމީ ހިދުމަތް ލާމަރުކަޒީކޮށް އެކަމަށް ބޭނުންވާ ފައިސާ ކައުންސިލްތަކަށް ދިނުމުން އޭނާ ގޮވައިލެއްވި އެވެ.
މިރަސްމިއްޔާތުގައި އެއަތޮޅުގެ ހުރިހާ ރަށަކަށް ބަގީ ހަދިޔާކުރި އެވެ. މިއީ އަތޮޅު ކައުންސިލްގެ މާލިއްޔަތު ހިންގި މަޝްރޫއެކެވެ. ހއ އަތޮޅުގެ ގިނަ ރަށު ކައުންސިލްތަކުގައި ވެހިކަލެއް ނޯވެ އެވެ. އެހެންވުމުގެ ސަބަބުން ރަށަށް ވަޑައިގަންނަވާ އިއްޒަތްތެރިން އުފުލުމުގައި ދަތިތައްކުރިމަތިވެ އެވެ. ނަމަވެސް ބަގީއާއެކު މިކަން ހައްލުވެގެންދާނެކަމަށް އަތޮޅު ކައުންސިލުން މައުލޫމާތުދެ އެވެ.
ހއ އަތޮޅުގައި މީހުން ދިރިއުޅޭ 14 ރަށް އޮންނައިރު އެތަނުން ވެހިކަލް އޮންނަނީ އެންމެ ހަތަރު ރަށު ކައުންސިލެއްގަ އެވެ. އެއީ ދިއްދޫ، ހޯރަފުށި، އިހަވަންދޫ އަދި ކެލަ އެވެ.