އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ދައުލަތުގެ ބަޖެޓުގައި ކައުންސިލްތަކަށް ދޭން ކަނޑައެޅި ފައިސާ މަދުކޮށް، ގާނޫނުން ދިނުމަށް ލާޒިމްކުރާ މިންވަރަށް ވެސް ފައިސާ ހިމަނާފައިނުވިނަމަވެސް ރައްޔިތުންގެ މަޖިލީހުން ބަޖެޓު ފާސްކުރާއިރު އެ އަދަދަށް ބަޖެޓު އޮންނާނެކަމަށް ރައީސުލް ޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ސަރުކާރުން ހުށަހެޅި ބަޖެޓުން ބްލޮކް ގްރާންޓް މަދުކުރި މައްސަލާގައި ރާއްޖޭގެ ފަސް ސިޓީ މޭޔަރުން ވަނީ ކަންބޮޑުވުންފާޅުކުރައްވާފަ އެވެ. އަދި ގާނޫނުން ލާޒިމްކުރާ އަދަދަށް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ދިނުމަށް ސަރުކާރަށް މޭޔަރުންނާއި ވަރަށް ގިނަ ކައުންސިލްތަކުން އަންނަނީ ގޮވާލަމުންނެވެ.
ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ، މި ފަހަރުގެ ބަޖެޓް ފާސްވާއިރުގައިވެސް ގާނޫނުގައި އޮތް ގޮތަށް ބްލޮކް ގްރާންޓުގެ ގޮތުގައި ފަސް އިންސައްތަ ކައުންސިލްތަކަށް ލިބޭނެކަމުގައި އެވެ.
ރައީސް ވިދާޅުވީ، ސަރުކާރުން ކައުންސިލްތައް ބާރުވެރިކުރުވައި ކައުންސިލްތަކުގެ ހިންގުން ހަރުދަނާ ކުރުމަށް މަގުފަހިކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއްކުރައްވަމުންގެންދަވާ ކަމަށެވެ.
އެގޮތުން ކައުންސިލްތަކަށް ލިބޭ އާމުދަނީ އިތުރުކުރުމަށް ކައުންސިލްތަކަށް ފަޅުރަށްތައް ލިބޭނެ މަގުފަހިކޮށްދެއްވުމާއި، ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލްތަކަށް ޖަމާކޮށްދިނުމަށް ނިންމާމަވާފައިވާކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ބްލޮކް ގްރާންޓުގެ 5 އިންސައްތައިގެ އިތުރަށް ލޯކަލް ޓޫރިޒަމްގެ ތެރެއިން ލިބޭ ޓެކްސްގެ ވަކި އިންސައްތައެއް ކައުންސިލުތަކަށް ލިބޭގޮތް ހެދުމަށް ގާނޫނަށް އިސްލާހު ގެނައުމަށް ފޮނުއްވާނެކަމުގައި އެވެ. އަދި މީގެ އިތުރަށްވެސް ޤާނޫނުގައި ލިޔެވިފައިހުރި، މިއަދާ ހަމައަށް ނުކޮށްހުރި ކަންތައްތަކެއް ކުރިއަށްއޮތް ހަފުތާއެއް ނުވަތަ ދެހަފުތާއެއްގެ ތެރޭގައި ކައުންސިލްތަކަށް ހަވާލުކުރުމަށްޓަކާ ވަޒީރުންގެ މަޖިލީހުގައި މަޝްވަރާތައް ހިނގަމުންދާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ލާމަރުކަޒީ ގާނޫނުގެ 9. ވަނަ މާއްދާގެ ހ. ގެ އެއް ވަނަ ނަންބަރުގައި ބުނެފައިވާ ގޮތުން، ބަޖެޓުގައި ދައުލަތުގެ އާމްދަނީ ކަމަށް ލަފާ ކުރާ މިންވަރުގެ ފަސް ޕަސެންޓު މަދުވެގެން ކައުންސިލުތަކަށް ހާއްސަ ކުރަންޖެހެ އެވެ.
މި އަހަރު ދައުލަތުން ހުށަހެޅީ 56.6 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެ ބަޖެޓުގައި ދައުލަތުގެ އާމުދަނީގެ ގޮތުގައި ލަފާކޮށްފައި ވަނީ 34 ބިލިއަން ރުފިޔާ އެވެ. އޭގެ ފަސް ޕަސެންޓަކީ 1.7 ބިލިއަން ރުފިޔާ އެވެ. އެކަމަކު ކައުންސިލްތަކަށް ދިނުމަށް ޖަހާފައި ވަނީ އެއަށް ވުރެ މަދުން އެންމެ 1.4 ބިލިއަން ރުފިޔާ އެވެ.