މޭޔަރުން ގޮވާލެއްވީ ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް ގްރާންޓްތައް ބޮޑުކޮށްދިނުމަށް. ގްރާންޓް ބޮޑުނުކޮށްފިނަމަ ރަށު ފެންވަރުގައި ހިންގާ މަޝްރޫއުތައް ހުއްޓޭނެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބޮޑު ބަޖެޓްގައި ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓުން ބޮޑު ބައެއް އުނިކުރަން ހުށަހަޅާފައިވުމުން ރާއްޖޭގެ ފަސް ސިޓީގެ މޭޔަރުން ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.
އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވަނީ ޖުމްލަ 56.6 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓެކެވެ. މިކަމާ ގުޅިގެން މާލޭ، އައްޑޫ، ކުޅުދުއްފުށި، ފުވައްމުލައް އަދި ތިނަދޫ ސިޓީ ކައުންސިލްގެ މޭޔަރުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.
އެގޮތުން ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ދައުލަތުގެ ބަޖެޓުގެ %5 އަށް ބަލާނަމަ، 2025 ވަނަ އަހަރު ކައުންސިލްތަކަށް ދޭ ބްލޮކް ގްރާންޓްގެ ގޮތުގައި 2.83 ބިލިޔަން ރުފިޔާ ބަޖެޓްގައި އޮންނަންވާނެ ކަމަށެވެ. އެހެންނަމަވެސް ހުށަހަޅާފައިވާ ބަޖެޓްގައި ކައުންސިލްތަކަށް އޮތީ 1.4 ބިލިއަން ރުފިޔާކަމަށާއި މިއީ ދޭންޖެހޭ އަދަދުގެ ގާތްގަނޑަކަށް %50 މަދު އަދަދެއް ކަމަށެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓް އެގޮތަށް ފާސްކޮށްފިނަމަ، ކައުންސިލްތަކުގެ ރިކަރަންޓް ހަރަދު ފޫބައްދަންވެސް ގޮންޖެހުންތަކެއް ހުންނާނެކަމަށް އާތިފް ފާހަގަކުރެއްވި އެވެ. އަދި މިހާރު ބަޖެޓް އޮތްގޮތުން ކުޅުދުއްފުށީ ކައުންސިލަށް 2025 ވަނައަހަރު ބްލޮކް ގްރާންޓްގެ ގޮތުގައި ލިބެން އޮތީ 32 މިލިއަން ރުފިޔާކަމަށާއި މިއީ 2024 ގައި ލިބުނު ބަޖެޓަށްވުރެ 22 މިލިއަން މަދު އަދަދެއްކަމަށެވެ.
"އަދި އަންނަ އަހަރު ލިބެންޖެހޭ އަދަދަށްވުރެ ގާތްގަނޑަކަށް 30 މިލިއަން މަދު އަދަދެއް." މޭޔަރު ވިދާޅުވި އެވެ.
އިތުރަށް މޭޔަރު ވިދާޅުވީ އަތޮޅުތެރޭގެ ރަށްތަކުގެ ކުރިއެރުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށް ކައުންސިލްތަކުން ކުރަމުންދާ މަސައްކަތްތައް ނުކުރެވޭވަރަށް ބަޖެޓު ކުޑަކުރުމަކީ ބަލައިގަނެވޭނެކަމެއްނޫން ކަމަށާއި ކުރިންވެސް ދެމުންއައިގޮތަށް ޖުމްލަ ބަޖެޓުގެ %5 އަށް ކައުންސިލްތަކުގެ ބްލޮކް ގްރާންޓް ބޮޑުކުރުމަށް ސަރުކާރަށާއި ރައްޔިތުންގެ މަޖިލީހަށް ގޮވާލައްވާކަމަށެވެ.
މޭޔަރު އަލީ ނިޒާރު ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއްވެސް ގުޑުވާނުލެވި 2024 ވަނައަހަރު ދައުލަތުގެ ބަޖެޓްއަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ އަދި ކުރިއާލާ އެއްވެސް އިޝާރާތެއްނެތި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖްލިސްއަށް ހުށައަޅާފައިވުމަކީ ކަންބޮޑުވުން އޮތް ކަމެއްކަމަށެވެ.
އަދި ހުށައެޅިފައިވާ ބަޖެޓްގެ ތެރެއިން މުވައްޒަފުންގެ މުސާރަވެސް ދެވޭނެ ގޮތެއް ނުވިސްނޭ ކަމާއި ރާއްޖޭގެ މާލީހާލަތު ސަރުކާރުން ހާމަނުކުރާއިރު އަދި ހަރަދު ކުޑަކުރުމަށް އަމުދުން ފިޔަވަޅެއް ނާޅާއިރު މިޒާތުގެ މާލީ ސިޔާސަތަކީ ތަފާތުކުރުމާއި އޮޅުވާލުންކަމަށް ގަބޫލުކުރާކަމަށް ނިޒާރު ފާހަގަކުރެއްވި އެވެ.
އަތޮޅުތަކުގައި ތަރައްގީގެ ގޮތުގައި ގާކޮޅެއްވެސް ގުޑުވާނުލެވި 2024 ވަނައަހަރު ދައުލަތުގެ ބަޖެޓްއަށް ހުށައެޅި 50 ބިލިއަނެއްހާ ރުފިޔާ ހުސްވެ އަދި ކުރިއާލާ އެއްވެސް އިޝާރާތެއްނެތި ބްލޮކް ގްރާންޓްގެ ގޮތުގައި ކައުންސިލްތަކަށް ލިބެންޖެހޭ ބަޖެޓް ކުޑަކޮށް މަޖްލިސްއަށް ހުށައަޅާފައި ވުމަކީ… pic.twitter.com/xJ7mBEMWQ2
— Ali Nizar (@DhekunuNizar) November 1, 2024
މޭޔަރު އިސްމާއިލް ރަފީޤް ވިދާޅުވީ، ކައުންސިލްތަކުގެ ގްރާންޓް ފައިސާ ބޮޑުތަނުން ކަނޑާލަން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށާއި ފުވައްމުލައް ސިޓީ ކައުންސިލްގެ ގްރާންޓުވެސް ވަނީ 30 އިންސަތަ ކުޑަކޮށްފަ ކަމަށެވެ.
ކައުންސިލްތަކުގެ ގްރާންޓް ފައިސާ ބޮޑުތަނުން ކަނޑާލަން ހުށަހެޅުމަކީ ނުހަނު ކަންބޮޑުވާ ކަމެއް.
— Ismail Rafeeq (@ismailrafeeq) November 1, 2024
ފުވައްމުލައް ސިޓީ ކައުންސިލްގެ ގްރާންޓުވެސް ވަނީ 30% އިން ކުޑަކޮށްފައި. pic.twitter.com/FpV0gTHxlN
ތިނަދޫ މޭޔަރު ސައުދު އަލީ ވިދާޅުވީ، މި ހިނގާ 2024 ވަނަ އަހަރު ތިނަދޫ ސިޓީ ކައުންސިލްގެ ގްރާންޓްގެ ގޮތުގައި ކަނޑައެޅިފައިވާ އަދަދަށް ވުރެ 2025 ވަނަ އަހަރަށް ތައްޔާރުކުރެވުނު ދައުލަތުގެ ބަޖެޓުން ކަނޑައަޅާ ގްރާންޓް ފައިސާ އެ ކައުންސިލް ބަޖެޓުން 17 މިލިއަން ރުފިޔާ މަދުވެގެން ދާނެ ކަމަށެވެ.
އަދި އެ ސިޓީގެ ކުރިއެރުމާއި ތަރައްގީއަށް ކައުންސިލުން ކުރަމުންދާ މަސައްކަތްތައް ހުއްޓި ކައުންސިލްގެ ރިކަރަންޓް ހަރަދުވެސް ނުކުރެވޭވަރަށް ބަޖެޓު ކުޑަކުރުމަކީ ހިތާމަކުރާކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި ކަނޑައެޅިފައިވާ މިންވަރަށް ގްރާންޓްތައް ބޮޑުކުރުމަށް ކަމާގުޅުންހުރި ހުރިހާ ފަރާތްތަކަށް ގޮވާލަން." ސައުދު ވިދާޅުވި އެވެ.
މާލޭ މޭޔަރު އާދަމް އާޒިމް ކުރެއްވި ޕޯސްޓްގައި ވިދާޅުވީ، ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ޤާނޫނު، ވުޖޫދުން ފޮހެލަންކަން، ސަރުކާރުގެ އަމަލުތައް ހުރިގޮތުން ދޭހަވޭ ކަމަށެވެ.
ސަރުކާރުގެ ނިންމުންތައް ހުރިގޮތުން، ލާމަރުކަޒީ ޤާނޫނަށް އަމަލުކުރަން ބޭނުން ނުވާކަން ދަނީ ފެންނަމުން. ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ޚިދުމަތްތައް ފޯރުކޮށް ދިނުމަށް، ކައުންސިލްތަކުން ހުށަހެޅި ފައިސާ ބޮޑުބައެއް ބަޖެޓުން ވަނީ އުނިކޮށްފައި. މިއީ ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކުން، ރައްޔިތުން މަޙުރޫމްކުރުމަށް ރާވައިގެން ކުރާ ކަންކަކަމުގެ ތެރެއަށް އިތުރުވި ބޮޅެއް." އާދަމް އާޒިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ލާމަރުކަޒީ ޤާނޫނުން ކައުންސިލްތަކުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ ހިދުމަތް ދިނުމަށް، ބަޖެޓްގައި ހިމަނާފައިވާ ފައިސާ އުނިކުރުމުގެ ބާރު، ސަރުކާރަށް ނޯންނާނެ ކަމަށާއި އެހެންކަމުން މި ފަދަ ކަންކަން އިސްލާހުކުރުމަށް ސަރުކާރަށް ގޮވާލާ ކަމަށެވެ.
"ބަޖެޓްތައްޔާރު ކޮށްފަވަނީ ލާމަރުކަޒީ ގާނޫނާ ހިލާފަށް. ގާނޫނާ އެއްގޮތަށް ބަޖެޓް އެކުލުވާލުމަށް ގޮވާލަން." މާލޭ މޭޔަރު ވިދާޅުވި އެވެ.
ސަރުކާރުގެ މިސްރާބު ހުރީ ލާމަރުކަޒީ ޤާނޫނު، ވުޖޫދުން ފޮހެލަންކަން، ސަރުކާރުގެ ޢަމަލުތައް ހުރިގޮތުން ދޭހަވޭ. ސަރުކާރުގެ ނިންމުންތައް ހުރިގޮތުން، ލާމަރުކަޒީ ޤާނޫނަށް ޢަމަލުކުރަން ބޭނުން ނުވާކަން ދަނީ ފެންނަމުން. ލާމަރުކަޒީ ޤާނޫނުން ރައްޔިތުންނަށް ފޯރުކޮށް ދިނުމަށް ލާޒިމްކޮށްފައިވާ…
— Mayor of Male’ City - Adam Azim (@adamazim) November 2, 2024