ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް މެންބަރަކު އައްޔަން ކުރަން ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސް ކުރަން އެ އޮތޯރިޓީން ނިންމައިފި އެވެ.
އެލްޖީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތް ކުރާ ކޮމިޓީގެ ރައީސުންގެ ތެރެއިން އެ އޮތޯރިޓީ އަށް މެންބަރުން ހޮވުމަށް ބާއްވާ އިންތިހާބު މުއްދަތެއް ނެތް ގޮތަށް ފަސްކުރަން ނިންމާފައިވާ ކަމަށެވެ.
ސަބަބެއް ކަމުގައި އެ އޮތޯރިޓީން ބުނި ގޮތުގައި އިންތިހާބާ ގުޅިގެން ކުރަން ޖެހޭ މުހިންމު މަސައްކަތްތައް ނިމިފައި ނުވެ އެވެ.
ނަމަވެސް އެކަމާ ގުޅޭ އިތުރު ތަފްސީލެއް އެލްޖީއޭ އިން ނުދެ އެވެ.
އެ އިންތިހާބު ކުރިން ބާއްވަން ހަމަޖެހިފައި ވަނީ އަންނަ ހޮނިހިރު ދުވަހު އެވެ.
ނަމަވެސް މުއްދަތެއް ނެތް ގޮތަށް ފަސްކުރުމާ ގުޅިގެން އިދިކޮޅު ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.
އެގޮތުން އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި އެ އިންތިހާބު ފަސް ކުރަން ނިންމުމަކީ ސަރުކާރުން އަމިއްލަ އަށް ބަލި އިއުލާން ކުރުމެވެ.
"އެލްޖީއޭގެ އިންތިހާބު ތާރީހަށް ބާއްވަން ޖެހޭ." ނަޝީދު ވިދާޅުވި އެވެ.