ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނާއި ސިވިލް ސާވިސް އެހެން އިދާރާތަކުގެ މުވައްޒަފުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި 35 އިންސަތަ އިތުރުވެގެން ދިޔަކަމުގައިވިޔަސް، އެ އެލަވަންސްގެ ސަބަބުން އެ މުވައްޒަފުންގެ މުސާރައަށް މާބޮޑު ކުރިއެރުމެއް ލިބިފައިނުވާކަމަށް ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް އިބުރާހިމް ރަޝީދު ވިދާޅުވެއްޖެ އެވެ.
ކައުންސިލްތަކުގެ އިދާރީ މުވައްޒަފުންނަށް ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި 35 އިންސަތަ ދޭން ނިންމީ ރައީސް ސޯލިހްގެ ވެރިކަމުގެ އެންމެ ފަހު ދުވަސްކޮޅު އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި އިބުރާހިމް ރަޝީދު ވިދާޅުވީ، ކައުންސިލްތަކުގެ ރައީސް ހިމެނިވަޑައިގަންނަވާ ގޮތަށް ކައުންސިލް މެމްބަރުންގެ މުސާރަ ބޮޑު ކުރަން ރައްޔިތުންގެ މަޖިލިހުގެ ލާމަރުކަޒީ ކޮމިޓީން ލަފާ ދީފައިވަނިކޮނެވެ.
އިބުރާހިމް ރަޝީދު ވިދާޅުވީ، ކައުންސިލަރުންގެ މުސާރަ ބޮޑުކުރުމުގެ ކުރިން ކައުންސިލް އިދާރާތަކުގައި އާއި ސިވިލްސަވިސް އެހެން އިދާރާތަކުގައި މަސައްކަތްކުރާ އިދާރީ މުވަައްޒަފުންގެ މުސާރަ ބޮޑުކުރަންޖެހޭކަމުގައި ދެކިވަޑައިގަންނަވާކަމަށެވެ.
ލާމަރުކަޒީ ކޮމިޓީން ބަޖެޓު ކޮމިޓީއަށް ލަފާ ދީފައިވަނީ ކައުންސިލް ރައީސްގެ މުސާރަ 25،000 ރުފިޔާ އަށް ހެދުމަށާއި ނައިބު ރައީސުންގެ މުސާރަ 20،000 ރުފިޔާ އަދި ކޮންމެ މެމްބަރަކަށް 18،000 ރުފިޔާ ދިނުމަށެވެ
"ސްޕެސަލް ޑިއުޓީ އެލަވަންސްގެ ނަމުގައި %35 އިދާރީ މުވައްޒަފުންގެ މުސާރައަަށް އިތުރުވެގެން ދިޔަކަމުގައިވީނަމަވެސް މި އެލަވަންސްގެ ސަބަބުން މިދެންނެވި މުވައްޒަފުން (ސިވިލް ސާވިސްގެ އިދާރީ މުވައްޒަފުން) ގެއަށް ގެންދާ މުސާރައަށް މާބޮޑުކުރިއެރުމެއް ލިބިފައި ނުވާކަން ފާހަގަކުރަން." ސިވިލް ސާވިސް ކޮމިޝަންގެ ނައިބު ރައީސް ވިދާޅުވި އެވެ.
މިހާރު ރަށު ކައުންސިލް ރައީސްގެ މުސާރައަކީ މަހަކު 20،000 ރުފިޔާ އެވެ. ކައުންސިލްގެ ނައިބު ރައީސަށް މަހަކު، 15000 ރުފިޔާ ލިބޭއިރު މެމްބަރަކަށް ލިބެނީ 12،000 ރުފިޔާ އެވެ.
ދައުލަތުގެ ޕޭ ޕްރޭމްވަރކްގެ މިންގަނޑުތައް ބަޔާންކޮށް 1 މެއި 2022 ގައި ގެޒެޓްކުރެވިފައިވާ އުސޫލުގައި މުއައްސަސާތައް ހަތަރު ގިންތިއަށް ގިންތިކުރެވިފައިވާއިރު ގިންތީގެ އެންމެ ތިރިން ގިންތިކުރެވިފާ އިދާރާތަކަކީ ކައުންސިލްތައް ކަމަށެވެ.
ހަމައެއާއެކު ހަތަރުވަނަ ގިންތި ތިންބަޔަކަށް ބެހިފައިވާއިރު އެ ގިންތީގެވެސް އެންމެ ތިރިން ގިންތިކުރެވިފައިވަނީ ކައުންސިލްތަކެވެ. ޕޭ ފްރޭމްވަރކްގެ ގިންތީގެ ތިންވަނަ ދަރަޖާގައި ސަރުކާތުގެ މުޒާރާތައް ހިމެނިފައިވާއިރު ކައުންސިލްތަކަކީ ދައުލަތުގެ ވުޒާރާތަކުގެ ތެރެއިން ގުނޭ އިދާރާތަތަކަށްވެސް ނުވެ އެވެ.