twitterviber whatsapp telegramfacebookyoutube instagram
23rd April 2024

ކައުންސިލުން އެދުނު ކަންކަމާއެކު މަގު ހެދުމުގެ މަޝްރޫއުގެ އަގު ދެ ގުނަވި

ކައުންސިލުން އެދުނު ކަންތައްތައް ހިމެނުމުން މަޝްރޫއުގެ އަގު ދެ ގުނަވި. އެގޮތުން 106 މިލިއަން ރުފިޔާގެ މަޝްރޫއު 199 މިލިއަން ރުފިޔާއަށް ބޮޑުވި.

ޚަދީޖާ އާދަމް
Mar 9, 2022
4

ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުން ލަސްވި ސަބަބު މޭޔަރު ސާފުކޮށްދެއްވައިފި އެވެ. ރަށުގެ މަގު ހެދުމުގެ މަސައްކަތް 2021 ގައި ހަވާލުކުރިނަމަވެސް އެ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުން ލަސްވުމުން ރައްޔިތުންގެ ގިނަ ޝަކުވާތަކެއް ހުއްޓެވެ.

ކުޅުދުއްފުށީ މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން އަންގާރަދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މޭޔަރު އާތިފު ވިދާޅުވީ، މަގު ހެދުމުގެ އަމަލީ މަސައްކަތް މި ފެށުނީ ވަރަށް ދިގު އިންތިޒާރަކަށްފަހު ކަމަށާ މަޝްރޫއު ފެށެން ކުޑަކޮށް ލަސްވެސް ވެއްޖެ ކަމަށެވެ.

އެކަމަކު މަޝްރޫއު ލަސްވުމުގައި ކައުންސިލްގެ އެދުންތަކެއްވެސް ހުރިކަން ފާހަގަކުރައްވަމުން، ލަސްވި ސަބަބު މޭޔަރު ސާފުކޮށްދެއްވި އެވެ.

"އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ސަރުކާރުގައި އެދުނު އެދުން އަޅުގަނޑުމެން ބޭނުމެއް ނުވޭ ކުރީގައި މިރަށުގައި މަގުހެދުމުގެ މަޝްރޫއުތައް ހިންގާފަ ހުރިގޮތަށް ދެން އަލުން މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާކަށް." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

އެގޮތުން މޭޔަރު ވިދާޅުވީ، ވާރޭފެން ހިންދާނެ ނިޒާމަކާއި ފަޔަރ ހައިޑްރަންޑް ސިސްޓަމާއި ޑީވޯޓަރިންގެ ސިސްޓަމްގެ އިތުރުން، އިތުރު 8 މަގެއް، މަޝްރޫއުއަށް އިތުރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި އެދުނު ކަމަށެވެ. ކައުންސިލްގެ އެ ރިކްއެސްޓްތަކަށް ވަރަށް އަވަސް ޖަވާބެއް ރައީސް ދެއްވިކަމަށާއި އެކަމަށްޓަކާ އެ މަނިކުފާނަށް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

މުޅިން ފައިނަލްވެފައި އޮތް ޕްރޮޖެކްޓަކަށް އިތުރު ބައިތައް ހިމަނަށް ޖެހުމުން މަޝްރޫއު ލަސްވެގެންދިޔައީ އެވެ. އެގޮތުން ކައުންސިލުން އެދުނު ކަންތައްތައް ހިމެނުމުން މަޝްރޫއުގެ އަގު ދެ ގުނަވި އެވެ. އެގޮތުން 106 މިލިއަން ރުފިޔާގެ މަޝްރޫއު 199 މިލިއަން ރުފިޔާއަށް އެރި އެވެ.

ރަސްމިއްޔާތުގައި މޭޔަރު ވިދާޅުވީ، މިއީ ވަރަށްވެސް އުފާވެރި ދުވަހެއް ކަމަށާ އެންމެ ގިނައިން ރައްޔިތުންގެ ޝަކުވާއަކީ މަގު ނުހެދިވާ ލަސްވުންކަމަށެވެ.

" ޗަކައިގަ ކުދިން ސްކޫލަށް ދާންޖެހޭ ޝަކުވާ. ދުއްވާ ވެހިކަލްތަކުގައި ވަޅުގަނޑުތަކަށް ޖެހުމުގެ ސަބަބުން ސްޕެއާތައް ހަލާކުވެ އެ ވަމުންދާ މާލީ ގެއްލުމުގެ ޝަކުވާ. އަދި ހުރިހާ ރައްޔިތުން ބޭނުންކުރަން މިހުރި މަގުތަކުގެ ޝަކުވާއަކީ އަޅުގަނޑުމެންނަސް މިއަދާ ހިސާބަށްވެސް ކެނޑިނޭޅި ލިބެމުންދާ ޝަކުވާއެއް." މޭޔަރު އާތިފް ވިދާޅުވި އެވެ.

މި މަޝްރޫއުއާއެކު ރައްޔިތުންގެ ހިތްތަކަށް ތަސައްލީއެއް ލިބޭނެކަމީ ޝައްކުކުރާކަމެއްނޫން ކަމަށްވެސް މޭޔަރު ވިދާޅުވި އެވެ.

މަގުހެދުމުގެ ފުރަތަމަ ފިޔަވަހި ކުރިއަށްދިޔައިރު ދިމާވި ގިނަގުނަ މައްސަލަތަކެއް އަދި އަދަށްވެސް އެ މައްސަލަތަކުގެ ސަބަބުން އެކަމުގެ ތަކުލީފު އުފުލަމުންދާ ރައްޔިތުން މިއަދުވެސް ކުޅުދުއްފުށީގައި އެބަތިބިކަން މޭޔަރު ފާހަގަކުރެއްވި އެވެ. އެގޮތުން މޭޔަރު ފާހަގަކުރެއްވި އެއްކަމަކީ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަޅުލާފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓާއި އެ ނޫންވެސް ހިދުމަތްތަކަށް ވިއަސް ބުރޫ އަރާފަދަ ކަންތައްތަކެއް މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިނގައިގެން ގޮސްފައިވާކަމަށެވެ.

"
އަޅުގަނޑު ހަމަ މިއަދު ފާހަގަކޮށްލަން ބޭނުންވޭ އަޅުގަނޑުމެންގެ ސަރުކާރުގައި އެދުނު އެދުން އަޅުގަނޑުމެން ބޭނުމެއް ނުވޭ ކުރީގައި މިރަށުގައި މަގުހެދުމުގެ މަޝްރޫއުތައް ހިންގާފަ ހުރިގޮތަށް ދެން އަލުން މަގުހެދުމުގެ މަޝްރޫއު ކުރިއަށް ގެންދާކަށް.
މޭޔަރު އާތިފް

މަގުހެދުމުގެ ފުރަތަމަ ފިޔަވަހި ކުރިއަށްދިޔައިރު ދިމާވި ގިނަގުނަ މައްސަލަތަކެއް އަދި އަދަށްވެސް އެ މައްސަލަތަކުގެ ސަބަބުން އެކަމުގެ ތަކުލީފު އުފުލަމުންދާ ރައްޔިތުން މިއަދުވެސް ކުޅުދުއްފުށީގައި އެބަތިބިކަން މޭޔަރު ފާހަގަކުރެއްވި އެވެ. އެގޮތުން މޭޔަރު ފާހަގަކުރެއްވި އެއްކަމަކީ ޒަރޫރީ ހިދުމަތްތައް ފޯރުކޮށްދިނުމަށް ވަޅުލާފައިވާ ފެނާއި ނަރުދަމާ އަދި ކަރަންޓާއި އެ ނޫންވެސް ހިދުމަތްތަކަށް ވިއަސް ބުރޫ އަރާފަދަ ކަންތައްތަކެއް މަގުހެދުމުގެ ފުރަތަމަ ފިޔަވަހީގައި ހިނގައިގެން ގޮސްފައިވާކަމަށެވެ.

މޭޔަރު ވިދާޅުވީ އެހެންނަމަވެސް އެކަންތައްތަކުގެ ފުރިހަމަ ޒިންމާ ނަގާނެ ފަރާތެއް ނުފެނުން ކަމަށާއި އެހެންކަމުން މިފަހަރު މަޝްރޫއު ފަށަނީ އެކަންކަމުގެ ހައްލުވެސް ލިބޭނޭގޮތަށް ކަމަށެވެ. އެގޮތުން އާރުޑީސީއާއި ޔުޓިލިޓީ ހިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދެވި އެއްބަސްވުންތަކަށް މިހާރު އާދެވިފައިވާ ކަމަށެވެ. އެކަމަށްޓަކައި މި ފިޔަވަހި ފުރިހަމަ ކުރުމަށްޓަކައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރާއި މުޅި އާރުޑީސީގެ ޓީމަށް ކުޅުދުއްފުށީގެ ރައްޔިތުންގެ ނަމުގައި މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

މޭޔަރު ވިދާޅުވީ އާރުޑީސީއަކީ އަދި މިހާތަނަށް ރާއްޖޭގެ ހިންގާފައި ހުރި މަޝްރޫއުތަކުގައި ފެންނަ ހުރި މަސައްކަތަކަށް ބަލާއިރު އިތުބާރުކުރާ ކުންފުންޏެއް ކަމަށާ އެހެންކަމުން އުންމީދުކުރަނީ މިރަށުގެ މަގުހެދުމުގެ މަޝްރޫއު ކުރިއަށްދާއިރުވެސް، މި މަޝްރޫއު ނިމިގެންދާއިރުވެސް ރައްޔިތުންނަށް ތަކުލީފެއް އުފުލަން ނުޖެހި ފުރިހަމަ ރީތި މަސައްކަތަކާއެކު މަޝްރޫއުގެ މަސައްކަތް ނިމިގެންދާނެކަމަށެވެ.

"ރައްޔިތުންގެ އަރިހުން އަޅުގަނޑު މިއަދު އެދޭ އެދުމެއް އެބައޮތް. ވޭތުވެ ދިޔަ މާޒީއަށް ބަލާއިރު އަޅުގަނޑުމެންނަށް ދިމާވެފަ ހުރި ބައެއް ކަންތައްތައް އެބަހުރި. މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާއިރު އެ މަގުގެ މަސައްކަތަށް ބުރޫ އަރާގޮތަށް ބައެއް ރައްޔިތުންނަށް ވެހިކަލް ދުއްވި އެނޫންވެސް ކަންތައްތަކަށް އެތަންތަން ބޭނުންކުރެވޭތަން އަޅުގަނޑަށް މީގެ ކުރިން ފެނިފައި ހުރީ. އެހެންކަމުން މިއަދު އަޅުގަނޑު ހުރިހާ ރައްޔިތުންނަށްވެސް އިލްތިމާސްކުރަން އަޅުގަނޑުމެންނަށް އާރުޑީސީއަށް، އާރުޑީސީގެ މަސައްކަތަށް ފުރިހަމައަށް އެއްބާރުލުން ދީ އަޅުގަނޑުމެން މަގުހެދުމުގެ ފިޔަވަހި ވީހާވެސް އަމާން އޮމާންކޮށް ރީތިކޮށް ގެންގޮސް އެ މަސައްކަތް ނިންމާލުމަށް ހުރިހާ ރައްޔިތުންގެވެސް އެއްބާރުލުން އަޅުގަނޑުމެން ބޭނުންވާނެ." ކުޅުދުއްފުށީ މޭޔަރު ވިދާޅުވި އެވެ.

މޭޔަރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ވައުދުފުޅާ އެއްގޮތަށް އަދި ކައުންސިލަށް މިހާރު ދީފައިވާ ޔަގީންކަމާއި އެއްގޮތަށް ކުޅުދުއްފުށީ މަގުހެދުމުގެ 3 ވަނަ ފިޔަވަހިވެސް ފެށިގެން ދާނެކަމަށެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355