twitterviber whatsapp telegramfacebookyoutube instagram
29th March 2024

އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ނާޒުކު ފަރާތްތަކަށް އެހީތެރިވުމަކީ މުޅި މުޖުތަމައުގެވެސް ޒިންމާއެއް

އަބްދުލް ވާހިދު ޙަސަން
Mar 16, 2022

މުޖުތަމައުގައި އުޅޭ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ނާޒުކު ފަރާތްތަކަށް އެހީތެރިވުމަކީ މުޅި މުޖުތަމައުގެވެސް ޒިންމާއެއްކަމަށް ދެކިގެން އެފަދަ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުޅުދުއްފުށީ މޭޔަރު ގޮވާލައްވައިފި އެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން ފްރޭމްވޯކް ކޮންސަލްޓޭޝަން ވޯކްޝޮޕް ފެށުމުގެ ގޮތުން ކުޅުދުއްފުށި ސިޓީގައި ބޭއްވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަމުން މޭޔަރު އާތިފް ވިދާޅުވީ، ނާޒުކު ފަރާތްތަކަކީ މުޖުތަމައުގެ އެހީތެރިކަންވެސް ލިބިދޭ ފަރާތްތަކެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެންގެ ރާއްޖެ މިދަނީ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުން ފުރިހަމަކުރުމާ ދިމާލަކަށް އަޅުގަނޑަށް ހަމަ ޔަގީން. އަދި އަޅުގަނޑުމެން އެންމެންގެ ވެސް ޒިންމާއެއް އެބައޮތް ރާއްޖޭގައި ދިރިއުޅުއްވާ އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ އަދި ނާޒުކު ފަރާތްތަކަކީ އަޅުގަނޑުމެންގެ އެހީތެރިކަންވެސް ލިބިދޭ ފަރާތްތަކެއްކަން އަޅުގަނޑުމެން ކަށަވަރުކުރަން އެބަޖެހޭ." މޭޔަރު ވިދާޅުވި އެވެ.

މޭޔަރު އާތިފް ވިދާޅުވީ، އިޖުތިމާއީ ރައްކާތެރިކަމުގެ މުހިންމުކަން އިހްސާސްކުރަން ޖެހޭ ކަމަށާއި ގައުމެއް ނުވަތަ ރަށެއް ތަރައްގީވުމަށް އެތަނެއްގައި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަކީ ނުހަނު މުހިންމުކަމެއް ކަމަށެވެ.

"ހަގީގަތުގައި އާއިލާގެ އެއްބަޔަކު ދޫކޮށްފަ އަޅުގަނޑުމެންނަކަށް ކުރިއަކަށް ނުދެވޭނެ. އަޅުގަނޑުމެން ގައުމެއްގެ ގޮތުގައި ނުވަތަ ރަށެއްގެ ގޮތުގައި ތަރައްގީވަންޏާ އަޅުގަނޑުމެން އާއިލާގެ އެންމެއެކުގައި އަޅުގަނޑުމެން ދާން ޖެހޭނީ. އިޖުތިމާއީ ރައްކާތެރިކަން ބޭނުންވާ ފަރާތްތައް ދޫކޮށްލާފަ އަޅުގަނޑުމެންނަކަށް މިއަދު ދެވޭކަށް ނެތޭ. އޭގެއިން އަޅުގަނޑުމެންނަށް ކުރާނެ ފައިދާއެއްވެސް ނެތޭ. އަޅުގަނޑުމެން ދާން ބޭނުންވާ މަންޒިލަށް އަޅުގަނޑުމެންނަށް ވާސިލްވެސް ނުވެވޭނެއޭ." އެންސްޕާގެ ވޯކްޝޮޕްގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވި އެވެ.

ފުރިހަމަ ދިމިގުރާތީ ނިޒާމް ރާއްޖެއަށް އައުމުގެ ކުރިން އިޖުތިމާއީ ރައްކާތެރިކަމުގެ ހާލަތު އޭރު އޮތްގޮތުގެ މައްޗަށް އަލި އަޅުވާލައްވާ ވާހަކަދައްކަވަމުން މޭޔަރު އާތިފް ވިދާޅުވީ، ސްކޫލު ފޮތް ލިސްޓަށާއީ ބޭސް ފަރުވާއަށް ސަލާން ޖެހުމާއި އަދި އެކަނިވެރި މައިންނާއި ވަކިން ހާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުން މާލީގޮތުން އެއްވެސް އިނާޔަތެއް ނުލިބި ހާލުގައި އުޅުނު ބިކަ ދުވަސްތަކެއްކަން މޭޔަރު ފާހަގަކުރެއްވި އެވެ.

އާ ގާނޫނޫ އަސާސީއާއެކު ރައްޔިތުންގެ ލޯ ހުޅުވި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގެ މުހިންމުކަން ރައްޔިތުންނަށް ދެނެގަނެވުނުކަމަށެވެ. އަދި އެ ދުވަސްތައް މާޒީ ހިނގައްޖެ ކަމަށާއި އަދުގެ ސަރުކާރުން މިކުރާ މަސައްކަތަކީ ހަގީގަތުގައި ރާއްޖޭގެ އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށް އެ ރައްކާތެރިކަން އިތުރު ހަރުފަތަށް ގެންގޮސް ދިނުން ކަމަށް މޭޔަރު އާތިފް ވިދާޅުވި އެވެ.

އަދި އެންމެ ފުރިހަމައަށް އެކަންކަމުގެ ބޭނުން ޖެހިފައި ތިބި ފަރާތްތައް ދެނެގަނެ އަދި އެފަރާތްތަކަށް ލިބިދޭން ޖެހޭ އެހީތެރިކަން ކަށަވަރު ކުރުމަށް ކުރެވޭ މަސައްކަތްކަމަށް އޭނާ ވިދާޅުވި އެވެ.

އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމުގައި ރާއްޖޭގައި ބޮޑެތި ގޮންޖެހުންތަކެއްވެސް ހުރިކަން ފާހަގަކުރައްވަމުން މޭޔަރު އާތިފް ވިދާޅުވީ، ރަށްތައް އުފެދިފައިވާ ގޮތުންނާއި އަދި އެކަށީގެންވާ އިންފްރާސްޓްރަކްޗަރ ރާއްޖޭގައި ގާއިމުކުރެވިފައި ނެތުމަކީވެސް މިއަދާ ހިސާބަށް އައިއިރުވެސް އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް ދިމާވާ ބޮޑު ގޮންޖެހުމެއްކަން މޭޔަރު ވިދާޅުވި އެވެ.

އޭގެ އިތުރުން މިކަމަށް ބޭނުންވާ އެންމެ ފަންނީ ފަރާތްތަކުން ރާއްޖޭގައި އުފެދިފައި ނެތުމަކީވެސް ހަގީގަތުގައިވެސް އިޖުތިމާއީ ރައްކާތެރިކަން އެންމެ ފުރިހަމައަށް ކަށަވަރުކުރުމަށް ދިމާވާ ގޮންޖެހުމެއްކަމަށް މޭޔަރުގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދައުލަތުން ދޭ މާލީ އިނާޔާތް ބޮޑުކުރަން ނިންމާފައިވާކަން ރައީސް ސޯލިހް އިއުލާންކޮށްފައިވާތީ އެކަމަށްޓަކާ އެމަނިކުފާނަށް މޭޔަރު ޝުކުރުއަދާކުރެއްވި އެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355