ވޯލްޑް ކަޕް 2022 ގެ ކޮލިފައިންގައި ރޭ ނޯތް މެސެޑޯނިއާ ބަލިކޮށް ރޮނާލްޑޯގެ ޕޯޗުގަލް ވޯލްޑްކަޕަށް ކޮލިފައިވިއިރު ސެނެގާލާއި ޕޮލެންޑް ވެސް ކޮލިފައިވެއްޖެ އެވެ.
ރޭ ޕޯޗުގަލްއާއި ނޯތް މެސެޑޯނިއާ ބައްދަލުކުރި މެޗުގައި ބްރޫނޯ ފަނާންޑޭސްގެ ޖާދުލާއެކު 2 - 0 ގެ ނަތީޖާއަކުން ޕޯޗުގަލް މޮޅުވެ ވޯލްޑްކަޕަށް ކޮލިފައިވީއިރު ޕޯޗުގަލްގެ ދެލަނޑު ވެސް ރޭ ޖަހައިދިނީ ބްރޫނޯ ފަނާންޑޭސް އެވެ،
ޕްލޭއޮޕް ފައިނަލަށް ޕޯޗުގަލުން ތުރުކީ 3 - 1 ން ބަލިކޮށް ދަތުރުކުރިއިރު ނޯތް މެސެޑޯނިއާއިން ވަނީ ހަތަރު ފަހަރުގެ ދުނިޔޭގެ ޗެމްޕިއަން އިޓަލީ ކޮލިފައިންގައި ބަލިކޮށް ވޯލްޑަކަޕަށް ކޮލިފައިވިޔަނުދީ ކަޓުވާލާފަ އެވެ. ޖެހިޖެހިގެން އިޓަލީ ވޯލްޑްކަޕަށް ކޮލިފައިނުވި މީ ދެވަނަ ފަހަރެވެ.
ޕޯޗުގަލްއާއި ސެނެގާލް އަދި ޕޮލެންޑްގެ އިތުރުން ރޭ ކުޅުނު މެޗުތައް ކާމިޔާބުކޮށް މިއަހަރު ބާއްވާ ވޯލްޑަކަޕުން ފުރުސަތު ހޯދި އަނެއް ގައުމުތަކަކީ ގާނާ، ޓިއުނީޝީއާ، މޮރޮކޯ އަދި ކެމަރޫން އެވެ.
ފުރަތަމަ ލެގުގައި މިދިޔަ ހަފްތާ 1 - 0 ން މިސްރުން ސެނެގާލް ބަލިކުރި ނަމަވެސް ރޭ ކުޅެވުނު ދެވަނަ ލެގުގައި ސެނެގާލްގެ ބުލާޔޭ ޑިއާ ޖެހި ލަނޑުން އެގްރިގޭޓުން ދެޓީމު އެއްވަރުވި އެވެ. ނަތީޖާ ނެރެން ޕެނަލްޓީ ޖެހިއިރު ސެނެގާލުން ވަނީ މިސްރު ބަލިކޮށްފަ އެވެ.
ރޭ 1 - 1 ން އެއްވަރުވެ އެގްރިގޭޓުން ކުރިހޯދައި ގާނާ ވަނީ ނައިޖީރިއާ ކަޓުވާލާ ވޯލްޑް ކަޕުން ފުރުސަތު ހޯދައިފަ އެވެ. ޓިއުނީޝިއާ އިން ފުރަތަމަ މެޗުގައި 1 - 0 އިން މާލީ ބަލިކުރިއިރު، ފުރަތަަަމަ ލެގުގައި މޮޅުވެފައި އޮތުމުން ރޭގެ މެޗު އެއްވަރުވެގެން ވެސް ވަނީ ވޯލްޑް ކަޕްގެ ޖާގަ ލިބިފަ އެވެ.
2 - 1 އިން ރޭ އަލްޖީރިއާ އަތުން މޮޅުވެ، ކެމަރޫނުން ވެސް ވޯލްޑް ކަޕުން ޖާގަ ހޯދިއިރު، މޮރޮކޯއިން ރޭ ވަނީ 4 - 1 ން ކޮންގޯ ބަލިކޮށް ވޯލްޑްކަޕުން ވަނީ ޖާގަ ހޯދާފަ އެވެ.
ގަތަރުގައި މި އަހަރުގެ ނޮވެމްބަރާއި ޑިސެމްބަރު މަހު ބާއްވާ ފީފާ ވޯލްޑް ކަޕްގެ 32 ޖާގައިގެ ތެރެއިން 27 ޖާގަ ވަނީ ޔަގީންވެފައިވާއިރު މި 27 ޓީމުގެ ތެރޭގައި ހިމެނޭ 21 ޓީމު ވަނީ އެންމެފަހުން ބޭއްވި މުބާރާތުގައި ވެސް ވާދަކޮށްފަ އެވެ.