twitterviber whatsapp telegramfacebookyoutube instagram
27th July 2024

ޙަސަނާތު މިސްކިތުގެ ތަރާވީހުން އިވޭ ހިތްގައިމު އަޑު

ޚަދީޖާ އާދަމް
Apr 15, 2022
2

ކިޔަވައިނިމި ބޮޑުވެ ކުރިއަށްދާނެ ދާއިރާއަކާ ދޭތެރޭ ކޮންމެ ކުއްޖަކުވެސް ވިސްނާނެއެވެ. އެ ދާއިރާއިން ކުރިއަށް ދާން ގަދަ އަޅައި މަސައްކަތްވެސް ކުރާނެއެވެ. ކުޅުދުއްފުށީ އައިލެންޑްވިލާ، އިބްރާހީމް މަލްސޫން މުޙައްމަދަކީވެސް ހަމަ އެފަދައިން އޭނާގެ ހުވަފެން ހަގީގަތަކަށް ހެދުމަށް ވަރުބަލި ކަމެއްނެތި މަސައްކަތް ކުރަންމުން އަންނަ ކުއްޖެކެވެ.

މި ރޯދަމަހު ކުޅުދުއްފުށީ ޙަސަނާތު މިސްކިތުން ތަރާވީސް ގަޑީގައި އިވޭ ރީތި އަޑަކީ މަލްސޫންގެ އަޑެވެ. އުމުރުން އެންމެ 14 އަހަރުގައި އިމާމުވެ ބޮޑު ޖަމާއަތެއްގައި ތަރާވީޙް ނަމާދުކޮށްލަން ލިބުމުން މަލްސޫން ހުރީ އުފަލުން ފޮޅިފައެވެ. މި ރޯދަމަހުގެ ކޮންމެ ރެއެއްގައިވެސް ޙަސަނާތު މިސްކިތުގައި އިމާމުވެ ތަރާވީޙް ނަމާދުކުރަނީ މަލްސޫން އެވެ.

އެހެންނަމަވެސް މިހާ ހިސާބަަށް އޭނާއަށް އާދެވުނީ ގިނަ އޮޅިތަކެއް ގިރާކޮށް ލައްކަ މަސައްކަތުންނެވެ.

ހދ އަތޮޅު ތަޢުލީމީ މަރުކަޒުގެ ގްރޭޑް 8 ގައި ތަޢުލީމް ޙާސިލް ކުރަމުން އަންނަ މަލްސޫންއަކީ ވަރަށް ކުޑައިރުން ފެށިގެންވެސް ބަންގި ގޮވުމަށާއި، އިމާމްވެ ނަމާދުކޮށް، ޚުޠުބާ ކިޔުމަށް އާދަޔާ ޚިލާފު ޝައުގެއް ހުންނަ ކުއްޖެކެވެ.

ކުޑައިރުވެސް އިމާމުވެ ނަމާދުކުރުމާއި ޚުޠުބާ ކިއުމުގައި

ގޭތެރޭގައި އިމާމުވެ ނަމާދުކޮށް، ބަންގި ގޮވުމާއި ޚުޠުބާ ކިއުމަކީ މަލްސޫން ކުޑައިރުވެސް ކުރަމުން އައިކަމެއް ކަމަށް އޭނާގެ މައިންބަފައިން ބުންޏެވެ. އެގޮތުން ހުކުރު ދުވަހު ހުކުރު ނަމާދުކޮށް ގެއަށްއައިސް ގޭގައި އަމިއްލައަށް މިންބަރެއް ހަދައި ޚުޠުބާ ކިޔާ ކަމަށާއި ކާނީވެސް އެއަށްފަހު ކަމަށް މަލްސޫންގެ ބައްޕަ މުޙައްމަދު ބުންޏެވެ.

މިހާރު އިމާމް ކޯސްވެސް ހަދައިގެން ހުރި މަލްސޫން އެންމެ ފުރަތަމަ މިސްކިތެއްގައި ބަންގި ގޮވީ ގްރޭޑް 2 ގައި އުޅެމުން 2015 ގައެވެ. އެއީ ނޫރު މިސްކިތުގައި މަޣުރިބް ނަމާދު ބަންގި އެވެ.

އެ ހިސާބުން މަލްސޫންގެ ހިތުގައި އެކަމުގެ މައްޗަށް އޮތް ޝައުގު ފެނިގެން ދިޔައެވެ. ފުރަތަމަ ބަންގި ގޮވިއިރު މަލްސޫންގެ އުމުރުން އެންމެ 8 އަހަރެވެ. އެހާ ހަގު އުމުރެއްގައި ރާގަށް ބަންގި ގޮވަން ދަސްކުރީ ކިހިނެތްތޯ އަހާލުމުން މަލްސޫން ބުނީ ވަރަށް ގިނަމީހުން ބަންގި ގޮވާއަޑު އަޑުއަހާ ކަމަށެވެ.

ފުރަތަމަ ލިބުނު ފުރުސަތު

"ބަންގި ގޮވަން ފުރަތަމަ އަޅުގަނޑަށް ފުރުސަތުދެއްވީ ނޫރު މިސްކިތުގެ އިމާމު. އެބޭބެގެ ފަރާތުން ވަރަށް އެއްބާރުލުން ލިބުނު ބަންގި ގޮވަން. ފުރަތަމަ ނަމާދެއް ކޮށްލަން ލިބުނީ 2019 ގައި" މަލްސޫން ބުނީ ބަންގި ގޮވަން ލިބުމުން އެންމެ އުފާވީ ގިނަބަޔަކަށް ބަންގި ގޮވާއަޑު އިވޭނެތީ ކަމަށެވެ.

ނޫރު މިސްކިތުގެ އިމާމް ޙުސެއިން މުޙައްމަދު ދެއްވި ހިތްވަރުން އެ ފުރުސަތުގެ ބޭނުން މަލްސޫން ހިފީއެވެ. އެއަށްފަހު އާއިލާއާއި އެކުވެރިންނާއި އަވައްޓެރިންގެ ފަރާތުންވެސް މަލްސޫންއަށް ދިޔައީ އެއްބާރުލުން ލިބެމުންނެވެ.

ފުރަތަމަ މިސްކިތެއްގައި އިމާމްވެ ނަމާދުކޮށްލަން މަލްސޫންއަށް ފުރުސަތު ދިނީ ސްކޫލް ޓީޗަރެއްކަމަށްވާ ޞަބާހް ސަރ އެވެ. އެއީ މަސްޖިދުލް ފިރްދައުސްގައެވެ.

"އެއީ ޞަބާހު ސަރ އެ މިސްކިތާ ހަވާލުވެ ހުންނެވިއިރު އަޅުގަނޑަށް ދެއްވި ފުރުސަތެއް. ވަރަށް އުފާވި އެ ފުރުސަތު ލިބުނީމަ. މިހާރުވެސް ޞަބާހު ސަރ ހަވާލުވެ ހުންނަ މިސްކިތެއްގައި އިމާމުވެ ނަމާދުކޮށްލަން އަޅުގަނޑަށް ފުރުސަތު ދެއްވާ" މަލްސޫން ބުންޏެވެ.

އެހެންނަމަވެސް އެންމެ އުފާވީ ކުޑަކުއްޖަކަށްވީ ނަމަވެސް ގިނަ ބަޔަކު މަލްސޫން ބަލައިގަތް ކަމުގެ އިހްސާސް ކުރެވުމުން ކަމަށާއި އެމީހުންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކުންކަން މަލްސޫން ފާހަގަ ކުރިއެވެ.

ގިނަ ގޮންޖެހުންތަކެއް ހުރަސް ކުރަންޖެހުނު

ފުރަތަމަ ބަންގިން ފެށިގެން ކަންކަން ފަސޭހަވުމުގެ ބަދަލުގައި މަލްސޫންއަށް އެރޮނގުން ކުރިއަށްދާ ގޮންޖެހުންތަކަކާ ކުރިމަތިވިކަމަށް މަލްސޫންގެ ބައްޕަ މުހައްމަދު ބުންޏެވެ. އަދި އޭރު ކައުންސިލުން މިސްކިތްތަކުގެ އިމާމުންނަށް ކުޑަކުއްޖަކަށް ވީތީ މަލްސޫންއަށް ބަންގި ގޮވަން ނުދޭން އެންގިކަމަށާއި އެހެންކަމުން އެކަމަށް ފުރުސަތު ގެއްލުނުކަމަށް މަލްސޫންގެ ބައްޕަ ބުންޏެވެ.

އެކި ފަހަރުމަތިން އެކަމާ ބެހޭގޮތުން ކައުންސިލްގެ އެކި ބޭފުޅުންނާއި ވާހަކަދެއްކުނު ކަމަށާއި އިސްލާމިކް މިނިސްޓްރީން ކުޑަ ކުއްޖަކަށްވުމުން ބަންގި ގޮވަން މަނާކުރީކަމަށް އެންގިކަމަށް މަލްސޫންގެ މައިންބަފައިން ބުންޏެވެ.

އެހެންކަމުން އިސްލާމިކް މިނިސްޓްރީންވެސް މައުލޫމާތު ސާފުކުރިކަމަށް މުހައްމަދު ބުންޏެވެ. ނަމަވެސް އެ މިނިސްޓްރީން ބުނީ ކުޑަކުއްޖަކަށް ވުމުން ބަންގި ގޮވުން މަނާނުކުރާނެ ކަމަށާއި ހަމައެކަނި ކައުންސިލަށް އަންގާފައިވާނީ ނޫރު މިސްކިތުގައި ކުޑަކުދިންތަކެއް ބަންގި ގޮވާ މައްސަލައެއް ލިބިފައިވާތީ އެކަން ހިނގާދިޔަގޮތް ބެލުމަށްކަމަށެވެ.

ކައުންސިލުގެ ފަރާތުން އިމާމުންނަށް އެގޮތަށް އެންގުމުން ބައެއް އިމާމުން މަލްސޫންއަށް ބަންގި ގޮވަން ދިނުމަށް އެދުވަސްކޮޅު ދެކޮޅު ހެދިކަމަށް މުހައްމަދު ބުންޏެވެ.

ތަރާވީހް ނަމާދާއެކު އާ އުންމީދެއް

އިމާމުވެ ތަރާވީޙް ކޮށްލާނެ ފުރުސަތަކަށް ބަލަބަލަ ހުއްޓާ ނަސީބު އަތުގައި ހިފީ ތަރާވީޙް ނަމާދު ކުރުމަށް މަލްސޫންގެ ގެ ޤުރުއާން ޓީޗަރު ދެއްވި ފުރުސަތުންނެވެ. އެއީ މިހާރު ޙަސަނާތު މިސްކިތުގެ އިމާމުކަންވެސް ކުރައްވަމުން އަންނަ ހުސެއިން މޫސާއެވެ.

"ވަރަށް ކުރިއާލާ އަޅުގަނޑު ކައިރީގައި ބުނެލާފަ އޮތީ ތައްޔާރުވެލަން ވާނޭ ނަމާދުކޮށްލަން. ތަރާވީޙް ކުރުމުގެ ކުރިން މުދައްރިސް އަޅުގަނޑު ކިޔަވަން ހަމަޖެހިފައިވާ ބައި ޗެކްކޮށްދީ ކިޔެވުމުގައި ޖެހޭ ކުށްތައް މުދައްރިސް ފާހަގަކޮށްދެއްވާ." މަލްސޫން ބުންޏެވެ.

ކޮންމެ ދުވަހަކު ހެނދުނު ނޫނީ މެންދުރު އަމިއްލައަށް ކިޔަވާފަ ޓީޗަރަށް ފިލާވަޅު ކިޔައި ދިނުމުން އިތުރަށް ރަނގަޅުކޮށްލަން ޖެހޭ ބައިތައް ކިޔައިދެއްވާކަމަށާއި ތަރާވީޙް ނަމާދަށް ތައްޔާރުވަނީ ޤުރުއާން ޓީޗަރުގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކުކަން މަލްސޫން ޝުކުރުވެރިކަމާއެކު ފާހަގަކުރިއެވެ.

ކުރީ އަހަރުތަކާ ހިލާފަށް މިއަހަރުގެ ޙަސަނާތު މިސްކިތުގެ ތަރާވީޙް ނަމާދުގެ ޖަމާއަތުގައި ގިނަ ބަޔަކު ބައިވެރިވެ އެވެ. މަލްސޫން ފަހަތުގައި ގިނަ ބަޔަކު ތަރާވީޙް ނަމާދު ކުރާއިރު އެކަމުގައި ގިނަ ބައެއްގެ ތައުރީފްވެސް ދަނީ އޭނާއަށް ލިބެމުންނެވެ.

ގޮންޖެހުންތަކާއެކު ވެސް ކުރިއަށް ދެވުނީ ގިނަ ބަައެއްގެ ހިތްވަރުން

ކިތަންމެ ގިނަ ގޮންޖެހުންތަކަކާއެކު ވިއަސް މިއަދު މަލްސޫން ގެ ހުވަފެން ހަޤީގަތަކަށް ވެގެން ދިޔައީ ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބިގެންކަން އޭނާ ތަކުރާރުކޮށް ފާހަގަކުރި އެވެ.

މިހާރު މަލްސޫންއަށް އާދެވިފައިވާ ހިސާބަށް އާދެވިފައިވާތީ ﷲ އަށް ޝުކުރުކުރާޙާލު، ޝުކުރުގެ ލިސްޓުގެ އެންމެ ކުރީގައި އިނީ މަލްސޫން މަންމައާއި ބައްޕައާއި މަލްސޫންގެ އާއިލާއެވެ. މަލްސޫން ބުނީ އިމާމުވެ ނަމާދުކުރާއިރު ސަމާލުކަންދޭންވާނެ ކަންތައްތައް ބައްޕަ އަބަދުވެސް ކިޔާދެއްވާ ކަމަށާއި މި ހިސާބަށް އާދެއްވުނީ ބައްޕަގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު ކަމަށެވެ. ބައްޕަގެ އިތުރުން މަންމައާއި، ކޮއްކޮ އަދި ދޮންބެގެ ފަރާތުންވެސް ކެނޑިނޭޅި އަންނަނީ އެހީތެރިކަން ލިބެމުންނެވެ. ހަމައެއާއެކު މަލްސޫން ނަމޫނާއަކަށް ބަލާ އަލްމަރްޙޫމް މޫސާ ޢަލިބެވެސް މިދާއިރާއިން ކުރިއަށް ދިޔުމަށް ވަރަށް ބޮޑަށް ހިތްވަރުދެއްވިކަމަށް މަލްސޫން ބުންޏެވެ.

އަދި މަލްސޫން އަބަދުވެސް ރޯލް މޮޑެލެއްގެ ގޮތުގައި ދެކޭ ރޫޙުލްއަމީންގެ ފަރާތުން އަބަދުވެސް ހިތްވަރު ލިބޭކަމަށާއި މީގެ އިތުރުން ޤުރުއާން ޓީޗަރާއި މިސްކިތުގެ އިމާމުން ދެއްވާ ފުރުސަތުތަކަށާއި ހިތްވަރަށްވެސް މަލްސޫން ޝުކުރުއަދާ ކުރިއެވެ. ސްކޫލުންވެސް ބޮޑު ސަޕޯޓެއް ލިބޭކަން ފާހަގަކޮށް މަލްސޫން ބުނީ ޓީޗަރުންނާއި ލީޑިން ޓީޗަރުން އަދި ޚާއްސަކޮށް ސްކޫލް ޕްރިންސިޕަލް މަތީން ސަރ ގެ ފަރާތުން ވަރަށް ފަހުންވެސް ބޮޑު ސަޕޯޓެއް ލިބގެންދިޔަކަމަށެވެ.

އިމާމް ކޯސް ހެދި ދުވަސްވަރު ކޯހުގެ ޓީޗަރުންގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބުނުކަމަށް މަލްސޫން ބުންޏެވެ. ކޯހުގެ ތަމްރީނުގައި މަސްޖިދުލް ހަޟާރަތަށް ދިޔުމަށް ލިބުނު ފުރުސަތުގައި އެމިސްކިތުގެ އިމާމު އަބޫބަކުރުގެ ފަރާތުންވެސް ވަރަށް ގިނަ އެއްޗެހި ދަސްވިކަމަށާއި އިމާމުވެ ނަމާދު ކުރާއިރުގައާއި ބަންގި ގޮވާއިރު ރަނގަޅު ކުރަންޖެހޭ ކަންކަން ކިޔާދެއްވިކަމަށް މަލްސޫން ބުންޏެވެ. މީގެ އިތުރުން މަލްސޫން އެންމެ އުފާވާކަމަކީ އިމާމުންނާއި އާންމުގެ ފަރާތުންނާއި ރައްޓެހިން އަދި އަވަށްޓެރިންގެ ފަރާތުން ލިބޭ ހިތްވަރުގެ ބަސްތަކެވެ.

ހަމަމިއާއެކު ރަށަކަށް ދަތުރަކު ގޮސް މަލްސޫން އެންމެ ކުރާހިތްވާކަމަކީ އެރަށުގެ މިސްކިތެއްގައި ބަންގި ގޮވާލުންކަމަށް ފާހަގަކޮށް މަލްސޫން ބުނީ އެރަށްރަށުގެ އިމާމުން ކައިރީގައި ރަށުގައި ބަންގިގޮވާކަމަށާއި ބަންގިގޮވާލަން ބޭނުންވާކަމަށް ބުނުމުން އެފުރުސަތު ދެއްވާ ކަމަށެވެ. އަދި ބައެއް އިމާމުންނަށް މަލްސޫންގެ އަޑުއިވިފައި ހުރުމުގެ ސަބަބުން އެފުރުސަތު ހޯދުމަށް ފަސޭހަވާކަމަށް މަލްސޫން ބުންޏެވެ. އެގޮތުން މިހާރު ހދ ވައިކަރަދޫއާއި، ހދ ނެއްލައިދޫ އަދި ހދ ކުމުންދޫގައިވެސް ބަންގިގޮވާލެވިފައިވާކަމަށް މަލްސޫން އުފަލާއެކު ފާހަގަކުރިއެވެ. އެރަށްރަށުގެ އިމާމުންނާއި އާންމުންގެ ފަރާތުންވެސް ބޮޑު ތަރުހީބެއް ލިބުނުކަމަށް މަލްސޫން ބުންޏެވެ.

މަލްސޫން ނެއްލައިދޫއަށް ދިޔަ ދަތުރެއްގައި އެރަށު މިސްކިތެއްގައި ބަންގި ގޮވަނީ

މިބޮޑު ޝުކުރުގެ ލިސްޓުގައި ހިމެނިފައި ނެތް ނަމަވެސް މަލްސޫންއަށް އެކިގޮތްގޮތުން އެހީތެރިވެ ހިތްވަރުދެއްވާފައިވާ އެންމެނަށް މަލްސޫން ހިތުގެ ފުންމިނުން ޝުކުރުއަދާކުރިއެވެ.

މިދާއިރާގައި މަލްސޫންގެ ހުވަފެންތައް އަދިވެސް އޮތީއެވެ. މިހާރު އެންމެ ބޭނުންވަނީ މިސްކިތެއްގެ ވަގުތީ އިމާމުކަން ކޮށްލަން ލިބުމެވެ. އަދި އެންމެ ބޮޑު އުންމީދަކީ މަދީނާ ފަދަ ގައުމެއްގައި ދީނީ ތަޢުލީމް ހާސިލުކޮށް ޝެއިޚެއްގެ މަގާމު ލިބުމެވެ. ޚުޠުބާ ކިޔާ އާންމުނަށް ދަރުސް ދިނުން ފަދަ ކަމެއް ކޮށްލަން ލިބުމަކީ މަލްސޫންގެ އުންމީދެކެވެ. އަދި މިކަން ކާމިޔާބު ކުރުމަށް މަލްސޫން ހުރީ ގަދައަޅައި މަސައްކަތްކުރުމަށް ތައްޔާރަށެވެ

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355