twitterviber whatsapp telegramfacebookyoutube instagram
28th April 2024

ހަލުވި ފެރީގެ އިތުރު ދެ ފިޔަވަހި އެމްޓީސީސީއާ ހަވާލުކޮށްފި

ނަބީލާ އިސްމާޢީލް
Apr 16, 2022

ރާއްޖެ ހައިސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓާގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ މަސައްކަތް ސަރުކާރުން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ (އެމްޓީސީސީ) އާއި ހަވާލުކޮށްފިއެވެ.

‏އިންޓަގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯކްގެ މަސައްކަތުގެ ފޭސް 2 އަދި 3ގެ ހިދުމަތް ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ޕްލޭނިންގ މިނިސްޓްރީއާއި އެމްޓީސީސީއާ ދެމެދުއެވެ.

އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރުމަށް ޕްލޭނިން މިނިސްޓްރީގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްޓީސީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކެޓިވް އޮފިސާ އާދަމް އާޒިމްއެވެ. އަދި ޕްލޭނިން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޕާމަނެންޓް ސެކްރެޓަރީ ޒީނިޔާ އަހުމަދު ހަމީދެވެ.

ހަލުވި ފެރީގެ ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޒޯން 2 (ނ،ރ،ބ އަދި ޅ) ޒޯން 3 (ކ،އއ،އދ، އަދި ވ) ޒޯން 4 (މ،ފ،ދ،ތ،އަދި ލ) ޒޯން 5 (ގއ އަދި ގދ) ޒޯން 6 (ސ އަދި ޏ) ގައި ހިމެނޭ ރަށްތަކަށް ސްޕީޑް ފެރީގެ ހިދުމަތް ފޯރުކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ފެށިގެންދާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މީގެ އިތުރުން އެމްޓީސީސީން ބުނީ، ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ޒޯންތަކަށް ހިދުމަތްދިނުމަށް ޖުމްލަ 65 ލޯންޗް އުފައްދާ ތައްޔާރު ކުރެވިގެންދާނެ ކަމަށެވެ. އެއާކޯން ކޮށްފައިވާ މިލޯންޗުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރާފޭބޭގޮތަށް އަދި ބަލިމީހުން އުފުލުމަށް ވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ. ލޯންޗުގައި ފާހާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ. މި ހިދުމަތް ހަފުތާއަކު ހަތް ދުވަހު ރައްޔިތުންނަށް ފޯރުކޮށްދެވޭނެއެވެ.

ދެވަނަ އަދި ތިންވަނަ ފިޔަވަހީގެ ދަށުން ޖުމްލަ 149 ޓާމިނަލް އެޅިގެންދާނެއެވެ. މިގޮތުން ޒޯން ޓާމިނަލްގެ ގޮތުގައި 05 ޓާމިނަލްއާއި، 31 ފެރީ ޓާމިނަލްގެ އިތުރުން 113 ފެރީ ސްޓޮޕް ހެދިގެންދާނެއެވެ. މިއިން ކޮންމެ ތަނަކީވެސް ހިދުމަތް ހޯދާ ކަސްޓަމަރުންގެ ފަސޭހައަށްޓަކައި ހެދިގެންދާނެ ތަންތަނެވެ.

މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ފިޔަވަހި ނިމުމާއެކު މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމުގެ މަސައްކަތް ފުރިހަމަވެގެންދާނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، އެކުންފުނީގެ މަޤްސަދަކީ ހެޔޮ އަގުގައި ފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ހިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެ ގޮތުގައި ދެމިއޮތުން ކަމަށް އެކުންފުނިން ބުނެއެވެ.

ހަލުވި ފެރީ ނެޓްވޯކްގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތުގެ ދަށުން، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި ވަނީ ފުރަތަމަ ލޯންޗް ޓެސްޓު ކޮށްފައެވެ.

ފެރީ ހިދުމަތުގެ ފުރަތަމަ ފިިޔަވަހީގެ ދަށުން ގުޅުވާލާނީ ހއ، ހދ އަދި ށ. އަތޮޅެވެ. މި ފެރީ ނެޓްވޯކުގައި ބޭނުންކުރާނީ ދިގުމިނުގައި 47 ފޫޓު ހުންނަ، 40-50 މީހުންގެ ޖާގައިގެ ލޯންޗުތަކެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355