twitterviber whatsapp telegramfacebookyoutube instagram
27th April 2024

މޯލްޑިވިއަންއިން ޓިކެޓް އަގުބޮޑުކޮށްފި

ނަބީލާ އިސްމާޢީލް
May 1, 2022

ދިވެހި ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަންއިން ވިއްކާ ޓިކެޓްގެ އަގު ބޮޑުކޮށްފިއެވެ.

އެ އެއާލައިނުން ގެނައި ބަދަލާއެކު މިހާރު ރާއްޖޭގެ އެތެރޭގެ މަންޒިލްތަކުން 180 ރުފިޔާ ވަނީ ބޮޑުކޮށްފައެވެ. އެ ބަދަލު ގެނެސްފައިވަނީ މިއަދުން ފެށިގެންނެވެ. އެއާއި އެކު މާލެ - ކުޅުދުއްފުށީ ޓިކެޓެއްގެ މިހާރުގެ އަގު 1294 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

މީގެ ކުރިން 1،333 ރުފިޔާއަށް ހުރި ޓިކެޓުގެ އަގު މިއަދު ހުރީ 1،513 ރުފިޔާއަށް ބޮޑުކޮށްފައެވެ. އަދި 1،222 ރުފިޔާ އަށް ހުރި ޓިކެޓުތަކުގެ އަގުތައް 1402 ރުފިޔާއަށް، 1113 ރުފިޔާއަށް ހުރި ޓިކެޓުތަކުގެ އަގު 1294 ރުފިޔާއަށް ވަނީ ބޮޑުކޮށްފައެވެ.

އެކުންފުނިން ބައެއް މީޑިއާތަކަށް މައުލޫމާތު ދީފައިވާގޮތުގައި ޓީކެޓް އަގުބޮޑުކޮށްފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވާތީ ކަމަށާއި އެގޮތުން، މިދިޔަ މާޗު މަސް ނިމުނުއިރު އެ ކުންފުންޏަށް ޖެޓު ފިޔުލް ލިބެމުން އައި އަގު 40 އިންސައްތައަށް އިތުރުވެފައިވާ ކަމަށެވެ.

އެތެރޭގެ އުދުހުންތަކުގެ އަގު ކުޑަކުރުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ، 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ ވައުދެކެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލިފައިވަނީ ރަޝިއާ އާއި ޔޫކްރޭނާ ދެމެދު މިހާރު ކުރިއަށްދާ ހަނގުރާމައާ ގުޅިގެންނެވެ. އޭގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ތެލުގެ ވިޔަފާރިއަށެވެ.

އެތެރޭގެ އުދުހުންތަކުގެ އިތުރުން ބައިނަލްއަގުވާމީ ދަތުރުތައް ވެސް އަގުބޮޑުވާނެ ކަމަށް އައިލެންޑް އޭވިއޭޝަނުން ބުނެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355