އިޒްރޭލުގެ ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެވުން މަނާކުރުމާ ގުޅިގެން ހދ އަތޮޅު ކައުންސިލުން، ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒަށް ޝުކުރު އަދާކުރައްވައި ބަޔާނެއް ނެރެފި އެވެ.
ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒްރޭލުން ދޭ ހަމަލާތައް ހުއްޓާލަން ދެން، އިޒްރޭލު ޕާސްޕޯޓުގައި ރާއްޖެއަށް އެތެރެ ނުވެވޭ ގޮތަށް އިމިގްރޭޝަން ގާނޫނަށް އިސްލާހު ގެންނަން ސަލާމަތީ ހިދުމަތްތަކާ ބެހޭ (241) ކޮމިޓީން ފާސްކުރީ ގިނަ ދުވަސްތަކެއް ވަންދެން އެ މައްސަލަ ނުނިންމާ ކޮމިޓީގައި ބޭއްވުމަށްފަހު އެވެ.
ރައްޔިތުންގެ މަޖިލީހުން ފާސްކުރުމާއެކު އެ ބިލް ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ވަނީ ތަސްދީގު ކުރައްވާފަ އެވެ.
ހދ އަތޮޅު ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ސޮއިކުރައްވައި ނެރުނު ބަޔާނުގައި ބުނެފައިވަނީ، ފަލަސްތީނުގެ ބިމަށް އަރައިގެން ގެދޮރު ސުންނާފަތިކޮށް އެތައް އަނިޔާއެއްދީ ފަލަސްތީނުގެ ކުޑަކުދިންނާއި ރައްޔިތުން މަރަމުންދާ ޔަހޫދީންގެ ހިތް އުފާކޮށް ޗުއްޓީ ހޭދަކުރާ މަންޒިލަކަށް ރާއްޖޭގެ އަމާން ރައްތައް ހުޅުވާލާފައި އޮތް އޮތުން ނިމުމަށް ގެނައުމަށް ރައްޔިތުން އެދި ގޮވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށެވެ.
ރައްޔިތުންގެ އަޑުއަހައި ދުނިޔޭގެ ބޮޑެތި ބާރުތަކުގެ ފިއްތުންތަކަށް ބެއްލުމެއް ނެތި ރައްޔިތުންގެ ވިއްދާ އެއްގޮތަށް ޔަހޫދީންގެ ޕާސްޕޯޓްގައި އެތެރެވުން މަނާކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ނިންމެވި ހިތްވަރުގަދަ އަދި ތާރީހީ ނިންމުމެއްކަން ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.
އެހެންވުމުން އެކަމަށްޓަކާ ހދ އަތޮޅުގެ ރައްޔިތުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާ އަށާއި ދިވެހި ރައްޔިތުންނަށާއި އެކަމުގައި މަސައްކަތްކުރެއްވި ހުރިހާ ފަރާތްތަކަށް ޝުކުރުއަދާކުރާކަމަށެވެ. ބަޔާން ނިންމާފައިވަނީ ފަލަސްތީނަށް ނަޞްރު ދެއްވުމަށް އެދި އެވެ.