ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ރާސް ޗެމްޕިއަންޝިޕްގެ ކުޅުދުއްފުށި އެޑިޝަން މިމަހު 27 ގައި ފަށަން ހަމަޖެހިއްޖެ އެވެ.
ކާރު ގިނަ ރަށްރަށުގައި ކާރުގައި ވެސް ބައިވެރިވެވޭ ގޮތަށް އޮންނަ މި އިވެންޓު ފަށަން ހަމަޖެހިފައި ވަނީ މި މަހު ފަހުކޮޅު ކުޅުދުއްފުށިންނެވެ.
ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށް ގެންގޮސް އެކި ސަރަހައްދުތަކުގެ ޗެމްޕިއަނުން ހޮވާ މިމުބާރާތަކީ ރާއްޖޭގައި ބޭއްވޭ އެންމެ ބޮޑު އެއް ރޭސިންގ އިވެންޓެވެ. ހުރިހާ ޗެމްޕިއަނުން އެއްކޮށްލައިގެން ބޮޑު މުބާރާތެއް ބާއްވަން ހަމަޖެހިފައިވާއިރު މުބާރާތުގެ 5 އެޑިޝަނެއް ކުރިއަށްދާނެ އެވެ.
އެއީ ކުޅުދުއްފުށި ސިޓީގެ އިތުރުން އައްޑޫ ސިޓީގައި އަދި މާލެއާއި ލާމުގެ އިތުރުން ފުވައްމުލަކުގައި ބާއްވަން ހަމަޖެހިފައިވާ އިވެންޓްތަކެކެވެ. އަންހެން ފިރިހެން ދެ ޖިންސަށް ހުޅުވާލައިގެން ބާއްވާ މިމުބާރާތަކީ ޑްރެގް ރޭހެކެވެ.
125ސީސީއާއި 135 އަދި 150ސީސީގެ ކެޓަގަރީތަކަށް ބަހާލައިގެން ކުރިއަށްދާ މިމުބާރާތުގެ ކުޅުދުއްފުށި އެޑިޝަން ކުރިއަށްދާނީ މިމަހުގެ 27 އަދި 28 ދެދުވަހު ކުޅުދުއްފުށީ އަމީނީ މަގުގަ އެވެ.
ކުޅުދުއްފުއްޓަކީ ރޭސިންގައި ކާމިޔާބު ރަށެކެވެ. ރޭސިންގ އެސޯސިއޭޝަން އޮފް ދި މޯލްޑިވްސްއިން އެންމެފަހުން ހުޅުމާލޭގައި ބޭއްވި މުބާރާތުގެ ރަންވަނަތައް ހޯދީ ކުޅުދުއްފުށީ ރައިޑަރުންނެވެ. އެއާއެކު މިމުބާރާތަކީ ކުޅުދުއްފުށީގެ ރައިޑަރުންނަށް ބޮޑު ޗެލެންޖަކަށް ވެގެންދާނެ އެވެ.
މިމުބާރާތުގެ ކޮންމެ އެޑިޝަނަކުން ކޮންމެ ކެޓަގަރީއެއްގެ ޗެމްޕިއަނުން ހޮވުމަށްފަހު އެރައިޑަރުން ޖެހޭނީ ބޮޑު މުބާރާތުގައި ވާދަކުރާށެވެ. ބޮޑު މުބާރާތް ވެސް ކުރިއަށްދާނީ ކެޓަގަރީ އުސޫލުންނެވެ. އެމުބާރާތުގައި މުޅި ރާއްޖޭގެ ޗެމްޕިއަނުން ހޮވާނެ އެވެ.
ކުޅުދުއްފުށި އެޑިޝަނުގައި ބައިވެރިވުމުގެ އެންމެ ފަހު މުއްދަތަކީ މިމަހުގެ 15 ވަނަ ދުވަހެވެ. ރޭސިންގ އެސޯސިއޭޝަނުގެ އޮފިޝަލަކު ކޭއޯއަށް މައުލޫމާތުދެއްވި ގޮތުގައި މިމުބާރާތުގެ މަގްސަދަކީ ރާއްޖޭގައި މޮޓޯ ރޭސިންގެ މިކުޅިވަރު ދިރުވާ އާލާކޮށް ކުރިއަށް ގެންދިއުމެވެ.
އަދި ހަމަ ކޮންމެ އަހަރަކު ވެސް މިމުބާރާތް ބާއްވާން މަސައްކަތްކުރާނެކަމަށް ރޭސިންގ އެސޯސިއޭޝަނުން ހާމަކުރެ އެވެ. އަދި ހަމައެއާއެކު ރޭސިންގ އެސޯސިއޭޝަނުން ވަނީ މި އިވެންޓް ކުރިއަށް ގެންދިއުމުގައި ކުޅުދުއްފުށީ ސިޓީ ކައުންސިލާއި ޕޮލިހުގެ އިތުރުން ކުޅުދުއްފުށީ މޮޓޯ ސްޕޯޓްސް (ކޭއެމްއެސް)ގެ ފަރާތުން ލިބެމުންދާ އެއްބާރުލުން ފާހަގަކޮށްފަ އެވެ.