ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކުލަބުން (ކޭވައިއާރުސީ) އިންތިޒާމުކޮށްގެން ކުޅުދުއްފުށީގައި ބާއްވާ ނެޓްބޯޅަ މުބާރާތް "ކޭވައިއާރުސީ ނެޓްބޯލް ޗެލެންޖް 2022" އަންނަ ހުކުރު ދުވަހު ފަށަން ނިންމައިފި އެވެ.
ކުޅުދުއްފުށީ ޒޯން ސްޓޭޑިއަމްގެ ނެޓްބޯޅަ ކޯޓްގައި ކުރިއަށްގެންދަން ހަމަޖެހިފައިވާ މިމުބާރާތުގައި މިއަހަރު ބައިވެރިވެފައިވަނީ 8 ޓީމަކުންނެވެ.
ދެ ގުރޫޕަކަށް ބަހާލައިގެން ކުޅުމަށް ހަމަޖެހިފައިވާ މިމުބާރާތުގައި މި އަހަރު ބައިވެރިވެފައިވާ ޓީމުތަކަކީ އަފީފުއްދީން އެސްއާރުސީ، 30 ޕުލަސް، އޯކިޑު، މަންޓާ، ޔުނިކް ފުރެންޑްސް، ކުޅުދުއްފުށީ ސިޓީ ކައުންސިލް އާރުސީގެ އިތުރުން ކެޑް އަދި ފައިވް އެވެ.
މިމަހުގެ 13 ން 18 އަށް ކުރިއަށްދާ މިމުބާރާތުގެ ފުރަތަމަ 2 ދުވަހު 4 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު 2 މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު އެވެ. އަދި ރޭގަނޑު 2 މެޗެވެ. މުބާރާތުގެ ސެމީ ފައިނަލް 17 ވަނަ ދުވަހު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި 18 ވަނަ ދުވަހުގެ ރޭ 20:30 ގައި މުބާރާތުގެ ފައިނަލް ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.
ކުޅުދުއްފުށީ ޔޫތް އެންޑް ރިކްރިއޭޝަން ކުލަބަކީ ކުޅުދުއްފުށީގައި ނެޓްބޯޅަ ކުރިއެރުވުމަށް މަސައްކަތް ކުރާ އަދި ކުޅުންތެރިން އުފައްދަން މަސައްކަތްކުރާ ކުލަބެކެވެ.