twitterviber whatsapp telegramfacebookyoutube instagram
20th April 2024

ޕްރިޒަން އޮފިސަރަކަށްވުމަށް ރަނުގެ ފުރުސަތެއް، މުސާރަވެސް ރަނގަޅު

އަބްދުލް ވާހިދު ޙަސަން
May 10, 2022
1

ތިއުޅެނީ އަބުރުވެރި މުސާރައެއް ލިބޭ ރަނގަޅު ވަޒީފާއެއް ނުލިބިގެން ހެއްޔެވެ. އެހެންކަމަށްވާނަމަ ޕްރިޒަން އޮފިސަރަކަށްވުން ކިހިނެއްވާނެތޯ އެވެ. މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން މިވަނީ އެ ސާވިސްއާ ގުޅެން ބޭނުންވާ ފަރާތްތަކަށް ރަނުގެ ފުރުސަތެއް ހުޅުވާލާފަ އެވެ.

އެގޮތުން ޕްރިޒަން އޮފިސަރުން ހޯދުމަށް، ދެ ޖިންސަށް 180 ވަޒީފާގެ ފުރުސަތު ހުޅުވާލާފައިވާއިރު ހޯމަދުވަހުގެ ރޭ މިވަނީ ޕްރިޒަން އޮފިސަރުންނަށް ޝައުގުވެރިވާ ފަރާތްތަކަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން މައުލޫމާތު ދިނުމަށް ކުޅުދުއްފުށީގައި ހާއްސަ ސެސަންނެއް ކުރިއަށްގެންގޮސްފަ އެވެ.

ކަރެކްޝަނުން ކުރިއަށްގެންދިޔަ މި ހަރަކާތުގައި ކުޅުދުއްފުށީގައި އުޅޭ އެކަމަށް ޝައުގުވެރިވާ ޒުވާނުން ބައިވެރިވި އެވެ. މި މައުލޫމާތު ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑެޕިއުޓީ ސްޕްރިންޑެންޓް އޮފް ޕްރިޒަންސް މުހައްމަދު ތޮލާލު ވިދާޅުވީ، އެހެން ފަހަރުތަކާ އަޅައި ބަލާއިރު މިފަހަރު ކަރެކްޝަނާ ގުޅެން ފަސޭހަ އިންތިޒާމުތަކެއް ހަމަޖެހިފައިވާ ކަމަށެވެ.

ތިން މަހުގެ ޓްރެއިންގގައި އުޅޭއިރު 6000 ރުފިޔާ އެލެވަންސެއް ދިނުމަށް ހަމަޖެހިފައިވާއިރު ޓްރެއިނިންގ ނިންމާ، ޕްރިޒަން ޕްރައިވެޓަށްވުމުން 15000 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށެވެ. އަދި މީގެ އިތުރުން ކުރިއަށްދާ ވަރަކުން މަގާމާ އެއްވަރަށް މުސާރަ ބޮޑުވާނެކަމަށް ތޮލާލު ވިދާޅުވި އެވެ.

ޕްރިޒަން އޮފިސަރުންނަށް ލިބޭ ބައެއް އިނާޔަތްތައް

- ރާއްޖޭއިންނާއި ރާއްޖޭން ބޭރުން ހިލޭ ބޭސްފަރުވާ.
- އަދާކުރާ މަސައްކަތާ ގުޅިގެން މިހާއަށާއި ގެދޮރަށާއި މުދަލަށް ބަޔަކު ގަސްތުގައި ދޭ ގެއްލުމަކާ ގުޅިގެން އެކަމުގެ ބަދަލު ދިނުން.
- ކެއިން ބުއިން ހަމަޖައްސައިދިނުން.
- އެކޮމޮޑޭޝަން ހަމަޖައްސައިދިނުން.
- ކަނޑައެޅޭ އުސޫލެއްގެ ތެރެއިން އުމްރާ ދަތުރާއި ހޮލިޑޭ ޕެކޭޖް ފޯރުކޮށްދިނުން.

މީގެ އިތުރުން ޕްރިޒަން އޮފިސަރުންގެ ވެލްފެއަރގެ ކަންކަން ކުރިއަށްގެންދިޔުމަށްޓަކާ، ޕްރިޒަން ކޯޕަރޭޓިވް ސޮސައިޓީ (ޕްރިސްކޯ) މުހިންމު ދައުރެއް އަދާކުރާނެ އެވެ. އޭގެ ތެރެއިން ބޭސްފަރުވާ އާއި އުމްރާ ދަތުރާއި ހޮލިޑޭ ޕެކޭޖަކީ ޕްރިސްކޯގެ ފަރާތުން ލިބޭ ހިދުމަތްތަކެވެ.

ޕްރިޒަން އޮފިސަރުންނަށް ދެވޭ މައިގަނޑު ޗުއްޓީތައް

  • އާއިލީ ޒިންމާ ޗުއްޓީ - 10 ދުވަސް
  • ސަލާމުގެ ގޮތުގައި - 30 ދުވަސް
  • ދަރިފުޅުގެ ޚިތާނު ކުރުމާ ގުޅިގެން - 7 ދުވަސް
  • ދަރިއަކު ލިބުމުން - 30 ދުވަސް
  • ބަލިވެ އިނުމާއި ވިހެއުމާ ގުޅިގެން - 6 މަސް
  • އަހަރީ ޗުއްޓީ - 50 ދުވަސް

ޕްރިޒަން އޮފިސަރަކަށްވުމަށްފަހު އެކި ދާއިރާތަކުން ކުރިއަށް ދިޔުމުގެ ފުރުސަތުވެސް ފަހިކޮށްދީފައިވެ އެވެ. އެގޮތުން ކުރިއަށް ދެވޭނެ ދާއިރާތަކަކީ:

  • ހިންގުމުގެ ދާއިރާ
  • ސެކިއުރިޓީ
  • ސަރވައިލަންސް
  • ބަޖެޓް އެންޑް ފައިނޭންސް
  • ޕްރޮކިއުމަންޓް
  • ހިއުމަން ރިސޯސް
  • ސޮފްޓްވެއަރ ޑިވެލެޕްމަންޓް
  • ނެޓްވޯކް އެޑްމިނިސްޓްރޭޝަން
  • ސިސްޓަމް އެޑްމިނިސްޓްރޭޝަން
  • މެއިންޓަނަންސް
  • ތައުލީމީ ދާއިރާ
  • ރިހެބިލިޓޭޝަން
  • ކައުންސެލިންގ
  • ސޯޝަލް ވޯކަރ
  • ކޭސް ވޯކަރ
  • ސައިކޮލޮޖީ
  • ސިއްހީ ދާއިރާ ( ޖެނެރަލް ޑޮކްޓަރުންނާއި ނަރުހުން )
  • ޓެކްނިކަލް ( އިމަރޖެންސީ ސަޕޯޓް ގުރޫޕް )
  • ގާނޫނީ ދާއިރާ
  • ތަހުގީގު
  • އޯޑިޓް
  • ކަސްޓަމަރ ސާވިސް ( ޕްރޮންޓް އޮފީސް )

މީގެ އިތުރުންވެސް ޕްރިޒަން އޮފިސަރުންނަށް ހުރި ފުރުސަތުތަކާ ބެހޭ ގޮތުން ފުޅާ ދާއިރާއެއްގައި މައުލޫމާތުދީފައިވެ އެވެ. އަދި ތިލަދުންމަތިން އެކަށީގެންވާ ވަރަށް ކުދިން ލިބިއްޖެނަމަ އިންޓަވިއުތައް ކުރިއަށްގެންދަން ނިންމާފައިވަނީ ކުޅުދުއްފުށީގައި އެވެ.

މި ވަޒީފާތަކަށް ހޯދަނީ 18 އަހަރާއި 35 އަހަރާ ދެމެދުގެ ޒުވާނުންނެވެ. މި ފަހި ފުރުސަތަށް ޝައުގުވެރިވާ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމާއި ވަނަވަރު އަދި ހުށައަޅަންޖެހޭ ލިޔެކިއުންތަކާއެކު، މި މަހުގެ 26 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް [email protected] އަށް އީމެއިލް ކުރުމަށް ކަރެކްޝަންސްގެ އިއުލާނުގައިވެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355