twitterviber whatsapp telegramfacebookyoutube instagram
20th April 2024

މޫސާ ގެފާނާއި ހިޟްރު ގެފާނުގެ ވާހަކަ: ކަހަފު ސޫރަތުން

ހ.މ
May 11, 2022
1

ކަހަފު ސޫރަތުގައި އައިސްފައިވާ ތިންވަނަ ވާހަކައަކީ މާތްﷲ ގެ ރަސޫލާ މޫސާ ޢަލައިހިއްސަލާމް އާއި ގުޅޭ ވާހަކައެކެވެ. މޫސާ ގެފާނަކީ މާތްﷲ ގެ ރަޙްމަތުން ޢިލްމު ލިބިވަޑައިގެން ހުންނެވި ބޭކަލެކެވެ. މޫސާ ގެފާނަށް އެކަލޭގެފާނަށްވުރެ ޢިލްމުގެ ގޮތުން ކުރިއަރައިފައިވާ މީހަކު ނެތްކަމަށް ހީކުރެވުނު ހިނދު، މާތްﷲ އެކަލޭގެފާން އިމްތިޙާން ކުރެއްވިއެވެ.

މޫސާ ގެފާނު މާތްﷲ އެންގެވި ގޮތުގެ މަތިން ދެ ކަނޑު ގުޅޭ ހިސާބަށް ދިޔުމަށް ދަތުރު ފެއްޓެވިއެވެ. ދަތުރުގައި މާތްﷲ ގެ އެންގެވުމަށް މަހެއް ގެންދެވުނެވެ. އެމަސް ކަނޑަށް އަމިއްލައަށް ދާންދެންނެވެ. އެހިސާބުން މާތްﷲ ގެ އަޅުންގެ ތެރެއިން ޚާއްސަ އަޅަކާއި މޫސާ ގެފާނާއި ބައްދަލުވިއެވެ. އެބޭކަލަކަށް މާތްﷲ ގެ ރަޙްމަތުން ޚާއްސަ ޢިލްމެއް އުނގަންނަވައި ދެއްވާފައިވެއެވެ.

އެއީ ޙިޟްރު ގެފާނެވެ. މޫސާ ގެފާނު ޙިޟްރު ގެފާނަށް ދެންނެވިއެވެ. ކަލޭގެފާނަށް ލިބިފައިވާ ޢިލްމުން އުނގެނުމަށް، ތިމަން ކަލޭގެފާނު ކަލޭގެފާނާ ތަބަޢަވެ ހުންނަންތޯއެވެ؟ އެހިނދު ޙިޟްރު ގެފާނު ދެންނެވިއެވެ. ކަލޭގެފާނަށް އެކަމެއްގެ ޙަޤީޤަތް ނޭނގޭ ކަންކަމުގެ މައްޗަށް ކެތް ކުރެވޭނީ ކިހިނަކުންތޯއެވެ؟ މޫސާ ގެފާނު ވިދާޅުވިއެވެ. ﷲ އިރާދަކުރެއްވިއްޔާ ތިމަންކަލޭގެފާނަކީ ކެތްތެރިއެއް ކަމުގައި ވާނަމެވެ. އަދި ނުކިޔަމަންތެރިވެ ވަޑައެއް ނުގަންނަވާނަމެވެ. ޙިޟްރު ގެފާނު ދެންނެވިއެވެ. ކަލޭގެފާނު ތިމަންކަލޭގެފާނާއެކު ވަޑައިގަންނަވަނީނަމަ، އެކަމެއްގެ ހަގީގަތް ބަޔާންކޮށް ދެއްވުމަށް ދާންދެން އެއްވެސް ސުވާލެއް ތިމަންކަލޭގެފާނާ ނުކުރައްވާށެވެ.

އެ ދެބޭކަލުން ނަވަކަށް އަރައިވަޑައިގެންނެވިއެވެ. ނައު ދަތުރު ކުރަމުން ދަނިކޮށް ޙިޟްރު ގެފާނު އެ ނައު ފޫދުއްވާލައިފިއެވެ. މޫސާ ގެފާން އެކަމާއި ގުޅިގެން ދެންނެވިއެވެ. ކަލޭގެފާނު މި ނައު ފޫދުއްވާލީ މީގެ އަހުލުވެރިން ޣަރަޤު ކުރައްވަންތޯ އެވެ؟ ހަމަކަށަވަރުން ތިޔަ ކުރެއްވީ ބޮޑު ނުބައިކަމެކެވެ. ޙިޟްރު ގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނާއެކު ކެތްކުރައްވަން ކަލޭގެފާނަށް ކުޅަދާނައެއް ނުވާނޭ ނުދަންނަވަމުތޯއެވެ؟ މޫސާ ގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނު ހަނދުމަފުޅު ނެތުން ކަމަކަށް ނުހައްދަވާށެވެ.

ދެން އެދެބޭކަލުންނާ ދިމާވީ ކުޑަ ފިރިހެން ކުއްޖަކާއެވެ. ޙިޟްރު ގެފާނު އެކުޑަ ކުއްޖާ ޤަތުލު ކުރައްވާފިއެވެ. އެއްވެސް ކުށެއް ނުކުރާ މައުސޫމް ކުއްޖެއް މަރާލުމުން އެކަމާއި ސުވާލުނުކޮށް ހުރުމަށް މޫސާ ގެފާނަށް ފަސޭހައެއް ނުވިއެވެ. ޙިޟްރު ގެފާނު އަނެއްކާވެސް މޫސާ ގެފާނަށް ދެންނެވިއެވެ. ތިމަންކަލޭގެފާނާއި އެކުގައި ކެތްކުރެއްވުމަށް އުނދަގޫވާނޭ ނުދަންނަވަންތޯއެވެ؟ މޫސާ ގެފާނު ދެންނެވިއެވެ. މީގެ ފަހުން ކަލޭގެފާނާއި އެއްވެސް ކަމަކާމެދު ސުވާލު ކުރައްވައިފިނަމަ، ކަލޭގެފާނާއެކު ތިމަންކަލޭގެފާނު ނުގެންދަވާށެވެ.

އެބޭކަލުން ކުރިއަށް ވަޑައިގަންނަވަމުން ރަށެއްގެ އަހުލުވެރި ބަޔަކާ ދިމާވިއެވެ. ކާއެތިކޮޅަކަށް އެދެބޭކަލުން އެރަށު މީހުން ގާތު އެދުމުން އެރަށުގެ މީހުން އެދެބޭކަލުންނަށް މެހުމާންދާރީ އަދާކުރެއްވުމަށް އިންކާރު ކުރިއެވެ. އެރަށުން ވެއްޓެން ކައިރިވެފައިވާ ފާރެއް ފެނުނެވެ. އެދެބޭކަލުން އެފާރު ތެދުކުރެއްވިއެވެ. އެހިނދު މޫސާ ގެފާނު ޙިޟްރު ގެފާނަށް ދެންނެވިއެވެ. ކަލޭގެފާނު ބޭނުންފުޅުނަމަ މިކަމުން އުޖޫރައަކަށް އެދެވިދާނެއެވެ. އެހާ ހިސާބުން ޙިޟްރު ގެފާނު ދެންނެވިއެވެ. މިއީ ތިމަންކަލޭގެފާނާއި ކަލޭގެފާނާ ވަކިވުމެވެ.

ކަލޭގެފާނަށް އެކަންކަމާ ކެތްކުރުމަށް ކުޅަދާނަ ވަޑައިނުގެންނެވުނު ކަންކަމުގެ ތަފުސީރު ކިޔައިދެއްވާނަމެވެ. އެންމެ ފުރަތަމަ ހާދީސާގައިވީ ނަވަކީ ކަނޑުގައި މަސައްކަތްކޮށްއުޅޭ މިސްކީނު ބައެއްގެ ނަވެކެވެ. ތިމަންކަލޭގެފާނު އެނައު ހަލާކުކޮށްލަން ގަސްދުކުރެއްވީ، ސަލާމަތުންވާ ކޮންމެ ނަވެއް ފޭރެމުންދާ ރަސްކަލެއް އެނައުގެ ފަހަތުން ވާތީއެވެ. ދެވަނަ ހާދިސާގައި މަރާލެވުނު ކުޑަ ކުއްޖާއާ މެދު ދަންނާށެވެ. އެކުއްޖާގެ މައިންބަފައިންނަކީ ހެޔޮލަފާ މުއުމިނުންނެވެ. އެކުއްޖާގެ ސަބަބުން އެދެމީހުން އުރެދި ކާފިރުވެދާނެ ކަމަށް ތިމަންކަލޭގެފާނަށް ބިރުގަތުމުން، އެކުއްޖާ މަރާލީއެވެ.

ތިމަންކަލޭގެފާނު އެދިވަޑައިގަތީ މާތްﷲ އެކުއްޖާއަށްވުރެ ރަނގަޅު ޞާލިޙު އޯގާތެރި ކުއްޖެއް އެދެމީހުންނަށް ދެއްވުމަށެވެ. އަދި އެންމެ ފަހު ހާދިސާގައިވީ ފާރާއި މެދު ދަންނާށެވެ. އެ ފާރަކީ އެރަށުގައި އުޅޭ ޔަތީމު ދެކުއްޖެއްގެ ފާރެކެވެ. އެފާރުގެ ދަށުގައި އެދެކުދިންނަށްވީ ޚަޒާނާއެއްވެއެވެ. ފަހެ މާތްﷲ އިރާދަކުރެއްވީ އެދެކުދިން ބޮޑުވުމުން، އެކުދިންގެ ޚަޒާނާ ދެއްކެވުމަށެވެ. އެކަލާނގެ ހަޟްރަތުން އޮތް ރަޙްމަތެއްގެ ގޮތުގައެވެ. މިއީ ކަލޭގެފާނަށް ކެތްކުރައްވަން ކުޅަދާނަ ވަޑައިނުގެންނެވުނު ކަންތައްތަކުގެ ތަފްސީރެވެ.

މިވާހަކައިން ލިބިދޭ ޢިބުރަތްތަކުގެ ތެރޭގައި ޢިލްމަކީ މާތްﷲ ގެ ޙަޟްރަތުން ދެއްވާ އެއްޗެއްކަމާ، ކިތަންމެ މައްޗަށް ތިމާ ކިޔެވިޔަސް، ތިމަންނައަށްވުރެ ޢިލްމީ ގޮތުން މޮޅު މީހުންވާނެކަން ދަންނަންޖެހޭކަން އެނގެއެވެ. ބޮޑާވެ ނުގަތުމާ، ހިތްތިރި ކަމާއެކު އުޅެން ދަސްކުރަންޖެހޭކަން އެނގެއެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355