ޕްރިމިއާ ލީގުގައި ރޭ ކުޅެވުނު މެޗުތަކުގެ ތެރެއިން އާސެނަލާއި ނިއުކާސަލް ބައްދަލުކުރި މެޗުން އާސެނަލް ބަލިވުމުން އެޓީމުގެ ޑިފެންޑަރު ގްރެނިޓް ޒަކާގެ ނުރުހުން އޭނާގެ ޓީމް ކުޅުންތެރިންނަށް އޮއްސާލައިފި އެވެ.
ބިރުގަންނަންޏާ ގޭގައި ތިބުމަށް ރޭގެ މެޗުން އާސެނަލްގެ ފަރާތުން ފެނުނު ކުޅުމާމެދު ހިތްހަމަނުޖެހުން ފާޅުކުރަމުން ޒަކާ އޭނާގެ ޓީމް މޭޓުންނަށް ބުންޏެވެ.
ޒަކާ ދެކުނު ގޮތުގައި އޭނާގެ ޓީމުގެ ކުޅުމުން ފާހަގަވީ ގަދަ ހަތަރެއްގެ މަގާމަކަށް ވާދަކުރުމުގެ ޕްރެޝަރު އެޓީމަށް ހޭންޑަލް ނުކުރެވޭނެ ކަމަށް ކަމަށެވެ. މިމެޗުން އާސެނަލް މޮޅުވިނަމަ ބާކީ އެއް މެޗު އޮއްވައި އެޓީމަށް ލީގު ރޭހުގައި ޓޮޓެންހަމަށް ވުރެ ކުރިއަށް ޖެހިލެވުނީހެވެ.
"އެއްވެސް މީހަކު މިގޭމަށް ތައްޔާރު ނޫންނަމަ ގޭގައި ތިބޭ. އެއްވެސް ކުޅުންތެރިޔެއްގެ އުމުރަކުން މީގައި ވަކި ތަފާތެއް ނޫން. ބިރުގަންނަންޏާ ބެންޗުގައި އިނދޭ ނޫނީ ގޭގައި ތިބޭ. އަހަރެމެން ބޭނުންވަނީ މިތަނަށް އައިސް ކުޅޭނެ މީހުން. މިއީ އަހަރެމެންނަށް އެންމެ މުހިންމު އެއް މެޗު." އާސެނަލްގެ ޑިފެންޑަރު ޒަހާ ބުންޏެވެ.
ބީބީސީ ސްޕޯޓްސްއަށް ދިން އިންޓަވިއުގައި ޒަކާ ބުނީ އަހަރެމެން ބޭނުންވީ ބޮޑު ގޭމެއް ކަމަށާއި އެހެންނަމަވެސް އެގޮތަށް އެކަން ނުވި ކަމަށެވެ. މީހުން އަބަދުވެސް ވާހަކަދައްކަނީ ލީޑަރުންނާއި ބެހޭގޮތުން ކަމަށާއި އަހަރެމެން މިކުޅެނީ ޓެނިހެއް ނޫންކަމަށް އަދި މިއީ ފުޓްބޯޅަ ކަމަށް ޒަކާ ބުނެފައިވެ އެވެ.
މިހާ ބޮޑު ޕްރެޝަރަކަށް އެއްވެސް މީހަކު ތައްޔާރުނޫންނަމަ ގޭގައި މަޑުކުރަން ޒަހާ ބުންޏެވެ. އަދި މިތަނަށް މިގޮތަށް ކުޅެން ނާދެވޭނެ ކަމަށް އޭނާ ބުންޏެވެ. ޒަހާ އިތުރަށް ބުނީ ރޭގައި ޓީމު ފެނުނީ ވަރަށް ގޯސްކޮށް ކަމަށާއި އަދި ޓީމު ކުޅުނީ މުޅިން ތަފާތު ގޭމެއް ކަމަށެވެ. މިގޮތަށް ކުޅެންޏާ ޗެމްޕިއަންސް ލީގުގެ ޖާގައެއް އާސެނަލަކަށް ހައްގެއް ނޫންކަމަށް އޭނާ ބުންޏެވެ.
ހުރިހާ ވެސް މައްސަލައަކީ ޕްރެޝަރު ކަމަށާއި ޕްރެޝަރު ހޭންޑަލް ނުކުރެވެންޏާ އަބަދުވެސް ވާނީ މިމެޗުގައި މިވީ ގޮތަށް ކަމަށް އޭނާ ބުންޏެވެ. އަދި ފެންނަ ފެނުމަށް ޕްރެޝަރާ ދެކޮޅަށް އަހަރެމެންނަށް އެއްވެސް ކަމެއް ނުކުރެވޭކަމަށް އޭނާ ބުނެފައިވެ އެވެ. އަދި މިމެޗުގެ ކުރިން ހުރިހާ ކަމެއް އޮތީ އަހަރެމެންގެ އަތްމަތީގައި ކަމަށާއި އެހެންނަމަވެސް މިހާރު މުޅި މަންޒަރު ބަދަލުވެފައިވާކަން ޒަކާ ފާހަގަކުރި އެވެ.
ރޭގެ މެޗުގައި ނިއުކާސަލް ފުރަތަމަ ލީޑު ނެގީ ދެވަނަ ހާފުގެ ކުރީކޮޅު ބެން ވައިޓް އަތުން ބައިކޮޅަށް ވަން ލަނޑުންނެވެ. އަދި ދެވަނަ ހާފު ފަހުކޮޅު ބްރޫނޯ ގުމަރައެސް ވަނީ ނިއުކާސަލްގެ ލީޑު ފުޅާކޮށްދީފަ އެވެ.
މިމެޗު 2 - 0 ން ނިއުކާސަލް ކާމިޔާބުކުރުމާއެކު އާސެނަލް މިވަނީ ލީގު ރޭހުގައި ޕްރެޝަރަށް ވެއްޓިފަ އެވެ. މިނަތީޖާގެ ސަބަބުން އަންނަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ކުޅޭ މެޗުން އާސެނަލަށް އެވަޓަން ބަލިކުރަން މަޖުބޫރުވާނެ އެވެ. އަދި ރެލިގޭޓްވެފައި އޮތް ނޯވިޗް އަތުން ޓޮޓެންހަމް ބަލިވާން ޖެހޭނެ އެވެ.