އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ދެވަނަ ފަހަރަށް މެންޗެސްޓަރ ސިޓީގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑިބްރޭނާ ހޯދިއިރު އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ ސިޓީގެ މަގާމު ފިލް ފޯޑަންއަށް ލިބިއްޖެ އެވެ.
ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު 2019/2020 ވަނަ އަހަރުގެ ސީޒަންގައި ވެސް ހޯދި ޑިބްރޭނާ މިވަނީ މި ސީޒަންގައި ވެސް އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.
ޑިބްރޭނާ ވަނީ ލީގުގައި 15 ލަނޑު ކާމިޔާބުކޮށް 13 ލަނޑުޖަހަން ތަނަވަސްކޮށްދީފަ އެވެ. ޑިބްރޭނާ މިމަގާމު ހާސިލްކުރީ ސިޓީގެ ޔާއޯ ކަންސެލޯ އާއި ލިވަޕޫލްގެ ޓްރެންޓް އެލެކްޒަންޑާ އާނޯލްޑް އަދި މުހައްމަދު ސަލާހުގެ އިތުރުން ވެސްޓް ހޭމްގެ ޖޭރަޑް ބޮވެން އާއި އާސެނަލްގެ ބުކާޔޯ ސާކާ ސައުތުހެމްޓަންގެ ޖޭމްސް ވާޑް ޕްރޯވިސް އަދި ޓޮޓެންހަމް ހޮޓްސްޕާގެ ސޮން ހެއުން މިންއާ ވާދަކޮށެވެ.
ދެފަހަރަށް މި އެވޯޑް ހޯދި 4 ކުޅުންތެރިންގެ ތެރޭގައި ޑިބްރޭނާ ހިމެނުނުއިރު ދެވަނަފަހަރަށް މި އެވޯޑް ލިބުމަކީ ލިބުނު ވަރަށް ބޮޑު ފަހުރެއް ކަމަށް ޑިބްރޭނާ ވަނީ ބުނެފަ އެވެ.
އެންމެ މޮޅު ޒުވާން ކުޅުންތެރިޔާގެ މަގާމު ފޯޑަން. 21 އަށް ލިބުނުއިރު މިދިޔަ ސީޒަންގައި ވެސް މިއެވޯޑް ހޯދީ ފޯޑަން އެވެ. ދެފަހަރަށް ފޯޑަން މިއެވޯޑް ހޯދިއިރު އޭނާ ވަނީ މި ސީޒަނުގައި 9 ލަނޑު ކާމިޔާބުކޮށް 5 ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ.
ޕްރިމިއާ ލީގުގައި އެއް ޕޮއިންޓްގެ ލީޑަކާއެކު އެއްވަނައިގައި މެންޗެސްޓަރ ސިޓީ އޮތްއިރު ލީގުގައި މިރޭ އެސްޓަން ވިލާއާ ދެކޮޅަށް ކުޅޭ މެޗުން އެޓީމު މޮޅުވެއްޖެނަމަ އެޓީމަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. މިމެޗު ފަށާނީ މިރޭ ރާއްޖެގަޑިން 20:00 ގަ އެވެ. މިރޭގެ މެޗުން ސިޓީ ބަލިވެ ވުލްވުސްއާ ދެކޮޅަށް ކުޅޭ މެޗުން ލިވަޕޫލް މޮޅުވެއްޖެނަމަ އެޓީމަށް ވެސް ލީގު ލިބުމުގެ ފުރުސަތު އެބައޮތެވެ.