ކުރީގައި ގޯއްޗެއް ސާރވޭކުރެވެނީ ހަތަރު މުވައްޒަފުން ވެގެން އެކަމަށް ހަތަރު ގަޑިއިރު ހޭދަކޮށްގެން. އެކަމަކު ޒަމާނީ ވަސީލަތްތަކާއެކު މިހާރު އެ މަސައްކަތް ކުރަނީ ދެ މުވައްޒަފުން ބޭނުންކޮށް، 20 މިނިޓުން ނިންމާލެވޭ.
ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލުގެ އިދާރީ ހިންގުމަށް ހެޔޮ ބަދަލުތަކެއް ގެނެވިފައިވާކަމަށް ކުޅުދުއްފުށީ މޭޔަރު މުހައްމަދު އާތިފް ވިދާޅުވެއްޖެ އެވެ.
ސިޓީ ކައުންސިލްގެ އެއް އަހަރު ފުރުން ފާހަގަކުރުމަށް މިދިޔަ ހަފްތާ ބޭއްވި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މޭޔަރު ވިދާޅުވީ، އެންމެ މުހިންމު އެއްކަމަށްވީ ރައްޔިތުންގެ ހިޔާލުގެ މައްޗަށް އިދާރީ ހިންގުމުގެ ކަންކަން ހަރުދަނާކޮށް ރަށުގެ ތަރައްގީ އެއްމަގުން ދީލާލުމަށް ކަމަށެވެ.
އެހެންވުމުން އެކަން ހާސިލުކުރުމަށް ސިޓީ ކައުންސިލްގެ އިދާރީ އޮނިގަނޑަށް މުވައްޒަފުން އިތުރުކުރެވި، ގާތްގަނޑަކަށް 15 ވަރަކަށް މުވައްޒަފުން ނެގިފައިވާ ކަމަށެވެ. އެކަން ކުރެވުނީ ރައީސުލް ޖުމްހޫރިއްޔާގެ އެހީތެރިކަމާއެކުކަން މޭޔަރު ފާހަގަކުރެއްވި އެވެ.
މުވައްޒަފުން އިތުރުކުރެވި ދެން އެންމެ އިސްކަން ދިން ކަމަކީ ރަށްވެހިކަމުގެ ހިދުމަތްތަކަށް ގެނެވޭ ތަރައްގީ ޒަމާނީ ކުރުމަށް ކަމަށެވެ. އެގޮތުން ރަށްވެހިކަމުގެ ހިދުމަތްތަށް އިތުރަށް ފުރިހަމަކުރުމަށް ކުރަން ޖެހުނު މަސައްކަތްތައްކޮށް، އެ ހިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ނުހަނު އިސްކަމެއް ދިން ކަމަށެވެ.
އެގޮތުން ގެނެވުނު ހެޔޮ ބަދަލުގެ ތެރެއިން މިސާލު ނަގަވަމުން މޭޔަރު ފާހަގަކުރެއްވީ، ގޯތި ސާރވޭކުރުމަށް ހޭދަވާ ވަގުތާއި އެކަމުގައި ބޭނުންކުރާ މުވައްޒަފުންގެ އަދަދު މަދުކުރެވި ވަގުތު ސަލާމަތްކުރެވިފައިވާކަމެވެ. މޭޔަރު ވިދާޅުވީ، ކުރީގައި ގޯއްޗެއް ސާރވޭކުރުމަށް ހަތަރު މުވައްޒަފުން އުޅެ އެއް ގޯއްޗެއް ސާރވޭކުރުމަށް ހަތަރު ގަޑިއިރު ހޭދަވާ ކަމަށެވެ.
"އިރާދަފުޅާއެކު އަޅުގަނޑުމެންގެ މުވައްޒަފުންގެ މަސައްކަތުން އަދި ކައުންސިލަރުންނާއި އަޅުގަނޑުމެން އެންމެ ގުޅިގެން ކުރި މަސައްކަތުން މިހާރު އަޅުގަނޑުމެންނަށް އެއް ގޯތި ސާރވޭކުރަން ނަގަނީ 20 މިނެޓް. ދެ މުވައްޒަފުން ބޭނުންކޮށްގެން. މިއީ އިތުރަށް އަޅުގަނޑުމެންނަށް ގެނެވުނު ވަރަށް ބޮޑު ކުރިއެރުމެއް." މޭޔަރު ވިދާޅުވި އެވެ.
އިދާރީ ހިދުމަތް ހަރުދަނާކުރުމުގެ ގޮތުން ފަންނީ މުވައްޒަފުންނަށް ގުޅުން ހުރި ޕްރޮގުރާމްތައް ހިންގި ޒަމާނީ އާލާތް ހޯދުނު ކަމަށާއި އަދި ހަމައެއާއެކު އިދާރީ ހިންގުމަށް ގެނެވުނުކަން މޭޔަރު ފާހަގަކުރެއްވި އެވެ. އަދި އެކުލަވާނުލެވި ހުރި ގަވައިދުތަކާ އުސޫލުތައް އެކުލަވާލެވިފައިވާއިރު މިހާރުވެސް 17 ގަވައިދެއް އެކުލަވާލުމުގެ މަސައްކަތަށް ކުރަމުންދާކަމަށް މޭޔަރު ވިދާޅުވި އެވެ.
އިންތިހާއަށް ޖާގައިގެ މައްސަލަ ބޮޑު ކައުންސިލް އިދާރާގެ މުވައްޒަފުން އިތުރުކުރިނަމަވެސް ޖާގަ ނެތުމުގެ ސަބަބުން ދަތިތައް ދިމާވާއިިރު އެކަން ހައްލުކުރުމަށް ދެ މަޝްރޫއުއެއް ކުރިއަށްދާކަން މޭޔަރު ވިދާޅުވި އެވެ. އެގޮތުން އޮފީސް ބޮޑުކުރުމުގެ މަޝްރޫއުއެއްގެ އިތުރުން ސިޓީ ކައުންސިލް އިދާރާގެ އާ އިމާރާތެއް ހެދުމަށް އެލްޖީއޭއާއެކު އެއްބަސްވުމެއް ހެދި އެކަމުގެ މަސައްކަތްތައްވެސް ކުރިއަށްދާން މޭޔަރު ވިދާޅުވި އެވެ.