twitterviber whatsapp telegramfacebookyoutube instagram
24th April 2024

ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކުރުން: ރައީސް

އަބްދުލް ވާހިދު ޙަސަން
May 28, 2022
1

ސަރުކާރުގެ ބޭނުމަކީ ވީހާވެސް ބޮޑަށް ކައުންސިލްތައް ބާރުވެރިކޮށްގެން ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ މިއަދު ވިއަވަތި ރާއްޖެ ކޮންފަރެންސްގެ ފުރަތަމަ ސެޝަން ޗެއަރކުރައްވައި ސެޝަން ފެއްޓެވުމުގެ ގޮތުން ދެއްކެވި ވާހަކަފުޅުގައެވެ.

މި ސެޝަން އަމާޒުކޮށްފައި ވަނީ ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުމުގެ މައްޗަށެވެ. މި ސެޝަންގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމަށް ސަރުކާރުން ގެންނަވާފައިވާ ބަދަލުތަކާއި އަދި އެ ބަދަލުތަކާއެކުވެސް އަދިވެސް ރަނގަޅުކުރަންހުރި ކަންކަން ހުރިކަން ފާހަގަކުރައްވައި އެކަންކަމުގެ ބައެއް ތަފްސީލުތަކަށް އަލިއަޅުވާލައްވާފައެވެ.

އެގޮތުން ކައުންސިލްތަކަށް ސަރުކާރުން ބްލޮކް ގްރާންޓްގެ ގޮތުގައި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ އިތުރުން ކައުންސިލުތަކަށް އިތުރު އާމްދަނީ ހޯދޭނެ ކަންކަން ފަހިކޮށްދެއްވާފައި ވާކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. އެހެންނަމަވެސް އަދިވެސް ބްލޮކް ގްރާންޑް ދޭ ފޯމިއުލަރއާ ގުޅޭގޮތުންނާއި ކައުންސިލްތަކުގައި އިހްތިސާސްގެ ތެރޭގައި ހުންނަ ތަންތަނުގެ ބޭނުން ފުރިހަމަގޮތުގައި ހިފުމަށް ކުރިމަތިވާ ދަތިތައްފަދަ ކަންކަން އަދިވެސް ކުރިމަތިވާކަން ރައީސް ވިދާޅުވި އެވެ.

އަދި މިކަންކަމާއި އަދި އިތުރަށް ފާހަގަކުރެވޭ ކަންކަމާ މި ކޮންފަރެންސްގައި ފުޅާދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ކޮންފަރެންސްގެ ބައިވެރިން ކިބައިން ރައީސް އެދިވަޑައިގެންނެވި އެވެ.

ކޮންފަރެންސް ފުރަތަމަ ސެޝަންގައި މަސްތުވާތަކެއްޗާއި ގޭންގް ކުށްތަކާއި ދެކޮޅަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކާ ގުޅޭ ޕްރެޒެންޓޭޝަނަކާއި އައިލްސް އާއި ގުޅޭ ޕްރެޒެންޓޭޝަނެއްގެ އިތުރުން އިޖްތިމާއީ ބަދަހި މަދަދުވެރިން،"އިބަމަ" ޕްރޮގްރާމާ ގުޅޭ ޕްރެޒެންޓޭޝަނެއް ހުށަހެޅިގެން ދިޔައެވެ.

މި ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ވެސް އެމަނިކުފާނު ވަނީ މަސްތުވާތަކެއްޗާ ގޭންގް ކުށްތައް އެއީ ރާއްޖެއަށް މިވަގުތު ކުރިމަތިވެފައިވާ އެންމެބޮޑު އިޖްތިމާއީ އެއް މައްސަލައިގެ ދެ ގޮފީގެ ގޮތުގައި ސިފަކުރައްވާފައެވެ.

Kulhudhuffushi Online
Hikifinifenmaage
Maalihaa Magu
H.Dh. Kulhudhuffushi
Tel: 6528355, 7978355