ރާއްޖޭގައި އަށް ބާވަތެއްގެ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މިއަދުން ފެށިގެން މަނާވާނެކަން އެންވަޔަރަމަންޓް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ.
މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ތަސްދީގުކުރެއްވި ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާ ބެހޭ ގާނޫނުގެ ދަށުން ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތައް އުފެއްދުމާއި ބާޒާރަށް ނެރުން މަނާކުރުމަށް ނިންމާފައި ވަނީ އެކި މަރުހަލާތަކަށް ބަހާލައިގެންނެވެ.
އެގޮތުން ފުރަތަމަ މަރުހަލާގައި މިއަދުން ފެށިގެން 8 ބާވަތެއްގެ ޕްލާސްޓިކް އުފެއްދުމާއި ބާޒާރަށް ނެރުން މަނާވާނެއެވެ. އެއީ:
ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ޕްލާސްޓިކް ހޮޅި
- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތައްޓާއި ސަމުސާ އާއި ވަޅި އާއި އޫ އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު
- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް ފޮށި
- ބާޒާރުކުރަން ބޭނުންކުރާ 30 ސެންޓިމީޓަރަށް ވުރެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމާއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ (ޑިގްރޭޑަބަލް) ޕްލާސްޓިކް ވެސް ހިމެނޭގޮތަށް)
- ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ، އިމްޕޯޓުކުރާ ސުޕާރީ
- 250 މިލިލީޓަރަށް ވުރެ ކުޑަ އަދި އެއްފަހަރު ބޭނުންކުރެވޭ ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި
- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު
- 50 މިލިލީޓަރާއި 50 މިލިލީޓަރަށް ވުރެ ކުދި ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ އާއި ސައިބޯނީގެ އިތުރުން ކޮންޑިޝަނާ އާއި ލޯޝަން