ޔުނައިޓެޑް ސްޓޭޓްސް އެޖެންސީ ފޮރ އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓް (ޔޫއެސްއެއިޑް) ގެ އެހީގެ ދަށުން ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ހިންގަމުންދާ "ޕްރޮމޯޓިންގ ރެޒީލިއެންސް އިން މޯލްޑިވްސް (ޕްރައިމް)" ޕްރޮޖެކްޓްގެ "ފުނަރަ ޕްރޮގްރާމް"ގެ ދަށުން މެޕްސް ކޮލެޖްގެ ސެޓްފިކެޓް 3 އިން އިންފޮރމޭޝަން ޓެކްނޮލޮޖީ ކޯހުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި އެވެ.
މިކޯހުގައި ކިޔަވާ ދަރިވަރުންގެ ކޯސްފީ އެއްކޮށް ދެއްކުމަށް ހަމަޖެހިފައިވަނީ ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ފަރާތުންނެވެ.
ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން މެޕްސް ކޮލެޖާ ގުޅިގެން ދަރިވަރުންނަށް މިފަދަ ފުރުސަތެއް ހޯދާދިނުމުގެ އެންމެ ބޮޑު އެއް މަގުސަދަކީ އިޖްތިމާއީ އަދި އިގްތިސޯދީގޮތުން ބާރުވެރިވުމަށް ޒުވާނުންނަށް ބޭނުންވާ ހުނަރުތައް އުނގަންނައިދީ، އެފަރާތްތަކަށް އާމްދަނީ ހޯދުމުގެ ފުރުސަތުތައް ފަހިކޮށްދިނުމެވެ.
މެޕްސް ކޮލެޖުން މިކޯހާ ގުޅޭގޮތުން ވިދާޅުވި ގޮތުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއާ ގުޅެން ޝައުޤުވެރިވާ ފަރާތްތަކަށް ލުއިފަސޭހަގޮތަކަށް ކިޔެވުމުގެ ފުރުސަތު ހޯދާދިނުމަށާއި މިދާއިރާއަށް ދަރިވަރުން އަހުލުވެރިކުރުވުމާއެކު ވަޒީފާގެ މާހައުލުގައި އެދަރިވަރުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދިނުމަކީ ޓްރާންޕޭރަންސީ މޯލްޑިވްސްއާއި ގުޅިގެން މިފަދަ ކޯހެއް ހިންގުމުގެ އެންމެ މުހިއްމު އެއް މަގުސަދެވެ. އަދި ހަމައެހެންމެ މިކޯހަކީ އިންފޮރމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އިތުރަށް މަތީ ތައުލީމު ހާސިލްކުރުމަށް އެޅޭ ބިންގަލަކަށްވާނެކަމަށްވެސް މެޕްސް ކޮލެޖުން މައުލޫމާތު ދެއެވެ.
މިކޯހުގައި ބައިވެރިވާ ފަރާތްތަކަށް އިންފޮރމޭޝަން ޓެކްނޮލޮޖީގެ މާއްދާތަކުގެ އިތުރުން ވަޒީފާގެ މާހައުލުގައި މުޢާމަލާތްކުރާނެގޮތްތަކާއި، އެތިކްސް އަދި މަސައްކަތުގެ މާޙައުލުގައި ވަގުތު ބޭނުންތެރިގޮތުގައި ހިފާނެގޮތުގެ އުކުޅުތައް ކިޔަވާދޭނެއެވެ. މީގެއިތުރުން މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް ހާއްސަ އިންޓާންޝިޕް ފުރުސތުތަކެއްވެސް ލިބިގެންދާނެކަމުގައި މެޕްސް ކޮލެޖުން މައުލޫމާތުދެއެވެ.
އުމުރުން 16 އަހަރާއި 35 އަހަރާ ދެމެދުގެ ކޮންމެ ފަރާތަކަށްވެސް މިކޯހުގައި ބައިވެރިވުމުގެ ފުރުސަތު އެބައޮތެވެ. ކޯހުގެ ކިޔެވުން ޖޫން މަހުގެ ފަހުކޮޅު ފެށުމަށް ތައްޔާރީތައް ވަމުން އަންނައިރު، މިކޯހުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކުން 9 ޖޫން 2022 ވަނަ ދުވަހުގެ ކުރިން ކޮލެޖުގެ ވެބްސައިޓް (www.maps.edu.mv) މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމަށް މެޕްސް ކޮލެޖުން އިލްތިމާސް ކުރެއެވެ.
ޔޫއެސްއެއިޑްގެ އެހީގެ ދަށުން ޓްރާންސްޕޭރަންސީ މޯލްޑިވްސްއާއި މެޕްސް ކޮލެޖު ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޯހަކީ އިންފޮރމޭޝަން ޓެކްނޮލޮޖީ ދާއިރާއަށް އަލަށް ވަންނަން ބޭނުންވާ ޒުވާނުންނަށް ރަނުގެ ފުރުސަތެކެވެ.