ރާއްޖޭގެ ފެހިކަން އިތުރުކޮށް ރުއްގަސް ހިމާޔަތް ކުރުމަށް މުޅިން އައު ގަވައިދެއް އެންވަޔަރަންމެންޓް މިނިސްޓްރީ އިން އެކުލަވާލައިފިއެވެ.
އައު ގަވައިދުގެ ދަށުން އެއްވެސް ރަށަކުން އާންމު ތަނެއްގައި ހެދިފައި ހުންނަ ރުއްގަސް ކެނޑޭނީ އަދި އުފުރައިގެން ގެންދެވޭނީ އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ހުއްދަ ލިބިގެންނެވެ. އަދި ހުއްދަ ހޯދުމަށް ފަހުގައި ވެސް އެ ރުއްގަސް ކެނޑެނީ ރުއްގަސް ހިމެނޭ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލްގެ މުވައްޒަފެއްގެ ހާޒިރުގައި އޭނާގެ ފުރިހަމަ ބެލުމުގެ ދަށުންނެވެ.
މި ގަވައިދުގައި ދަރުގެ ބޭނުމަށް ރުއްގަސް ކެނޑުމުގެ ހުއްދަ ދޫކުރަން ކައުންސިލްތަކަށް އެ ބާރު ވެސް ދީފައިވެއެވެ. ނަމަވެސް އެ ގޮތަށް ދޫކުރެވޭ ހުއްދަތައް ދަފުތަރުކޮށް ކޮންމެ އަހަރަކު ވެސް ދަފުތަރުގެ މައުލޫމާތު އީޕީއޭއަށް ފޮނުވަން ޖެހޭނެއެވެ. އަދި ދަރުގެ ބޭނުމަށް ވެސް ވަކިވަރަކަށް ދިގު މިން ހުންނަ ރުއްގަސް ކެނޑުން މި ގަވައިދުގެ ދަށުން ވަނީ މަނާކޮށްފައެވެ.
ރާއްޖޭގެ ރަށްތަކުގެ ފެހިކަމާއި ގަސްކަރަ ހިމާޔަތްކޮށް ދެމެހެއްޓުމާބެހޭ ގަވާއިދުގެ ނަމުގައި އެންވާރަމެންޓް މިނިސްޓްރީން އިއްޔެ ގެޒެޓުގައި ޝާއިއު ކުރި މި ގަވައިދަށް އަމަލު ކުރަން ފަށާނީ އަންނަ މަހުއެވެ.
މި ގަވައިދު ހެދުމުގެ މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ފެހިކަން އިތުރުކޮށް ދެމެހެއްޓުމަށް ޓަކައި ރުއްގަސް އިންދުން އިތުރުކޮށް އެކަމަށް ހިތްވަރުދިނުމާއި ރާއްޖޭގައި ހުރި ދުވަސްވީ ގަސްގަހާގެހި ހިމާޔަތްކޮށް ދެމެހެއްޓުމާއި އެ ތަކެތި ބެލެހެއްޓުން ހިމެނެއެވެ. އަދި ރުއްގަސް ކެނޑުމާއި އުފުރުމާއި ކޮނެގެން ނެގުމާއި އެއްތަނުން އަނެއް ތަނަށް ގެންދިޔުން ލާމަރުކަޒީ އުސޫލުން ބެލެހެއްޓުމަކީ ވެސް މި ގަވައިދުގެ މަގުސަދެކެވެ.
މިނިސްޓްރީން ނެރުނު ގަވައިދުގައި ފަސް ބާވަތެއްގެ ގަސް ކެނޑުން މަނާކޮށްފައިވެއެވެ. އެގޮތުން ރަށުގެ ހޭޅިފަށުން އެންމެ ގޮނޑުދޮށުގަ އާއި ގޮނޑުދޮށުން އެއްގަމަށް 20 މީޓަރު ފުޅާ މިނުގެ ސަރަހައްދުގެ ތެރޭގައި ހެދިފައި ހުންނަ ގަސްތަކާއި ހިމާޔަތް ކޮށްފައިވާ ރަށްރަށުގައި ހެދިފައިވާ ހުރިހާ ބާވަތެއްގެ ރުއްގަހާއި ހިމާޔަތް ކޮށްފައިވާ ސަރަހައްދުތަކުގައާއި އޭގެ ވަށައިގެންވާ 20 މީޓަރުގެ ފުޅާ މިނުގައި ހެދިފައި ހުރި ރުއްގަސްތައް ހިމެނެއެވެ.