އިންޑިއާގައި ވެރިކަންކުރާ ޕާޓީ ބީޖޭޕީގެ ތަރުޖަމާން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ފުރައްސާރަކުރި މައްސަލަ ދިވެހި ސަރުކާރުން ކުށްވެރިކޮށްފިއެވެ.
އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، އިންޑިއާގެ ސިޔާސީ ޕާޓީއެއްކަމަށްވާ ބީޖޭޕީގެ އޮފިޝަލަކު ދެއްކި ވާހަކަތައް ކުއްވެރިކޮށް ދިވެހި ސަރުކާރުން ނެރުން ބަޔާނުގައި ބުނީ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކާއި، މާތް ރަސޫލާގެ ރިވެތި އުސޫލުތަކާ ދެކޮޅަށް ހިންގާ އެއްވެސް އަމަލެއް ދިވެހި ސަރުކާރުން ބަލައިނުގްނަނާނެކަމަށެވެ. އަދި އެފަދަ ކޮންމެ އަމަލެއްވެސް އެންމެ ހަރުކަށި އިބާރާތުން ދިވެހި ސަރުކާރުން ކުށްވެރި ކުރާކަމަށެވެ.
މި މައްސަލައިގައި މުސްލިމު ގިނަ ގައުމުތަކަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، އެ ވާހަކަތައް ކުށްވެރިކޮށް ބަޔާންތައް ނެރެމުންނެވެ. އޭގެ ތެރޭގައި މުސްލިމް ބޮޑެތި ގައުމުތައް ކަމުގައިވާ ސައުދީ އަރަބިއްޔާ، ކުވައިތު، ގަތަރު، ޕާކިސްތާން، ޖޯޑަން، މިސްރު، އިރާގު ފަދަ ގައުމުތައް ވެސް ހިމެނެއެވެ.
ރާއްޖޭގެ ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އިސްލާމް ދީނާއި ކީރިތި ރަސޫލާ އަށް ފުރައްސާރަކޮށް ކުރާ ކޮންމެ އަމަލެއް ކުށްވެރި ކުރާ ކަމަށެވެ. އަދި ބީޖޭޕީގެ އޮފިޝަލުންތަކެއް ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ބަދު ބަސް ބުނުމަކީ ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ބަޔާނުގައިވެއެވެ.
ކީރިތި ރަސޫލާ އަށް ފުރައްސާރަ ކުރި ބީޖޭޕީގެ އޮފިޝަލުންނާ މެދުގައި ފިޔަވަޅު އަޅާފައިވާތީ އެކަމަށް މަރުހަބާ ކިޔާ ކަމަށް ވެސް ފޮރިން މިނިސްޓްރީގެ ބަޔާނުގައިވެއެވެ.
އިއްޔެ ޕާޓީން ވަކިކޮށް އަނެކަކު މިހާރު ހުރީ ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކޮށްފަ އެވެ. ޕާޓީގެ ހަރަކާތްތަކުން ސަސްޕެންޑްކުރީ ބީޖޭޕީގެ ގައުމީ ސްޕޯކްސްޕާސަންގެ މަގާމުގައި ހުރި ނުޕުރް ޝަރުމާ އެވެ. ޕާޓީން ވަކިކުރީ ވެރިރަށް ނިއު ދިއްލީގައި ހުނަން އެ ޕާޓީގެ މީޑިއާ އިންޗާޖް ނަވީން ކުމާރެވެ.
ބީޖޭޕީން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ އެއްވެސް ދީނެއްގެ ޝަހުސިއްޔަތަކަށް ފުރައްސާރަ ކުރުމަކީ އެ ޕާޓީން ގަބޫލްކުރާ އުސޫލެއް ނޫން ކަމަށެވެ. ޝަރުމާ އާއި ޖިންދާލް ވަނީ އެ މީހުން ދެއްކި ވާހަކަތަކަށް މައާފަށް އެދިފައެވެ.