ޢުމަރު ގެފާނަކީ، އެބޭކަލެއް އިސްލާމުވުމަށް އެދި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް، މާތްﷲ ހަޟްރަތުގައި ދުޢާ ކުރެއްވި މާތް ސަޙާބީއެވެ. އެކަލޭގެފާނަކީ މައްކާގެ ޤުރައިޝް ވަންހައަށް ނިސްބަތްވާ ޤަދަރުވެރި ބޭކަލެކެވެ. އެކަލޭގެފާނުގެ ހިތުގައި އިސްލާމް ދީނުގެ ނޫރު ބިންވަޅު ނެގިގެން ދިޔައީ، ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ކީރިތި ޤުރުއާނުގެ އަލްޙާއްޤަތު ސޫރަތް ކިޔަވާ ވިދާޅުވާ އަޑު އެއްސެވުމަށް ފަހުގައި ކަމަށް އައިސްފައިވެއެވެ. އަދިވެސް ޢުމަރު ގެފާނު އިސްލާމް ވުމާ، އެކަލޭގެފާނުގެ ދަރިކަނބަލުން ފާޠިމަތު ބިންތި ޚައްޠާބު އިސްލާމުވުމާވެސް ގުޅިގެން ވާހަކަތައް އައިސްފައިވެއެވެ.
ޢުމަރު ގެފާނު އިސްލާމްވުމަކީ، ދަތި އުނދަގޫތަކާ އެކު އަޅުކަން ކުރަމުންދިޔަ މުސްލިމުންގެ ޖަމާޢަތަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ. އިސްލާމް ދީނަށް ލިބުނު ނަޞްރެކެވެ. އިސްލާމްކަން ފާޅުނުކުރައްވައި ތިއްބެވި ބޭކަލުންނަށް ލިބުނު ހިތްވަރެކެވެ. އެކަލޭގެފާނު އިސްލާމުވެ ވަޑައިގަތުމުން މައްކާގެ މަގުތަކުގައި އެކަމުގެ އުފާ ފާޅުކޮށް ތަކުބީރު ކިޔައި ހެދިކަމަށްވެއެވެ. އޭގެ ކުރިން ގެފުޅުގައި އަޅުކަން ކުރަން ނުކުޅެދިފައިތިބި މުސްލިމުން ފާޅުގައި އަޅުކަން ކުރަން ފެށިއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުމަރު ގެފާނަށް ޙައްޤާއި ބާޠިލް ވަކިކޮށްދިން ކަލޭގެފާނުގެ ލަޤަބު ޢުމަރު ގެފާނަށް ދެއްވި އެވެ. އެއީ "އަލްފާރޫޤު" މިއެވެ.
ޢުމަރު ގެފާނަކީ އިސްލާމީ އުންމަތުގެ 2 ވަނަ ޚަލީފާއެވެ. އެކަލޭގެފާނުގެ ޚިލާފަތަކީ، ހުރިހާ ރޮނގަކުން ބެލިކަމުގައިވީ ނަމަވެސް މުޅި އިސްލާމީ އުންމަތަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިގެންދިޔަ ޚިލާފަތް ކަމުގައި ޢިލްމުވެރިން ބުނެއެވެ. އެކަލޭގެފާނު ކުރެއްވި މުހިންމު ބައެއް ކަންތައްތަކުގެ ތެރޭގައި، ކީރިތި ރަސޫލާގެ ހިޖުރައާ ގުޅުވައިގެން ހިޖުރީ ތާރީޚް ޖައްސަވަން ފެއްޓެވުން، ޤާޟީ ކަމުގެ މަގާމު އުފައްދަވައި އެމަގާމުތަކަށް މީހުން އައްޔަން ކުރެއްވުން، ރަށްރަށުގެ ވެރިން ކަނޑައަޅުއްވައި މަސްއޫލިއްޔަތު ހަވާލުކުރެއްވުން، އަދިވެސް އިސްލާމް ދީނުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް އެކަލޭގެފާނު ކުރެއްވި އެވެ. މީސްތަކުންނަށް ކުރައްވަން އަންގަވައި ކަންކަމުގައި އެންމެ ފުރަތަމަ އަމިއްލަފުޅަށް ޝާމިލްވެ އެކަމުން ނަމޫނާ ދައްކުވައެވެ. ކަންކަމުގެ ޙަޤީގަތް ހާމަކުރެއްވުމުގައި އެއްވެސް ޖެހިލުންތެރިކަމެއް ހިފެހެއްޓުމެއް ނުގެންގުޅުއްވައެވެ. މުޅި އިސްލާމީ ޚިލާފަތުގެ ވެރިޔަކަށް ހުންނެވި އިރުގައިވެސް އެކަލޭގެފާނުގެ ކިބައިން ބޮޑާވެރިކަމުގެ ނުބައި ސިފައެއް ނުފެނެއެވެ. މީސްތަކުންނަށް ހެޔޮ ޞާލިޙް ބޭކަލެކެވެ.
އެކަލޭގެފާނުގެ ޚިލާފަތުގައި ރޭގަނޑު ރަށު ތެރޭގައި އަބަދުވެސް އެއްވެސް ބޭނުމެއް ޖެހިގެން އުޅޭ މީހެއްވޭތޯ ބެލުމަށް ހިންގަވައި ކަމުގައިވެއެވެ. މިގޮތުން ވަރަށްގިނަ މީހުންނަށް ހެޔޮ ފޯރުވައިދީ އުޅުނެވެ. އަދި އެކަލޭގެފާނު ކަނޑައަޅުއްވާފައިވާ އުސޫލުތަކަށް ގެންނަންޖެހޭ ހެޔޮ ބަދަލުތައްވެސް ރަށުގެ މީހުންނާ މިގޮތަށް ބައްދަލުވެ ދައްކާ ވާހަކަތަކުން ހޯއްދަވައި އެގޮތަށް ބަދަލުކުރައްވައެވެ.
އެކަލޭގެފާނުގެ ޙަޔާތްޕުޅުން އަޅުގަނޑުމެންނަށް ވަރަށް ގިނަ ދަރުސްތައް ލިބެއެވެ. އެކަލޭގެފާނުގެ ވަރުގަދަ ޝަޙްޝިއްޔަތާ، މީހުންގެ މެދުގައި ހަރުކަށި ބޭކަލެއްގެ ގޮތުގައި ސިފަކުރެއްވިފައިވީ ނަމަވެސް އެކަލޭގެފާނަކީ ވަރަށް ހިތްތިރި އިޚްލާޞްތެރިވެސް ބޭކަލެކެވެ.
ޤުދުސްގެ މީހުން އިސްލާމީ ދައުލަތުގެ ދަށަށް ދިއުމަށް އެއްބަސްވި ހިނދު، އެކަލޭގެފާނު ވަޑައިގަތުމަށް ދެންނެވުނެވެ. އެކަލޭގެފާނު ދަތުރު ފެއްޓެވީ އެންމެ ސަވާރީއަކާ އެންމެ އެހީތެރިޔަކާ އެކުގައެވެ. ދަތުރުގައި އެއްފަހަރު ސަވާރީގައި ޢުމަރު ގެފާނު، އަނެއް ފަހަރު އެހީތެރިޔާ އަނެއް ފަހަރު ސަވާރީއަށް ލުއި ދެއްވައި އެ ދޭބަކަލުން ހިންގަވަމުން ވަޑައިގެންނެވިއެވެ. ގުދުސްއާ ކައިރިވިއިރު ސަވާރީގައި އިންނެވީ އެކަލޭގެފާނުގެ އެހީތެރިޔާއެވެ. އެކަލޭގެފާނުގެ ދެފައިންޕުޅު ކަށިމައްޗާ ހަމަޔަށް ކިސަޑު ހިރަފުހުންވަނީ ތަތްވެފައެވެ. ސަހަރާގެ ކިސަޑު ގަނޑުތަކުގެ ތެރެއިން އެކަލޭގެފާނުގެ ފައިވާންޖޯޑު ކޮޅު އަތުން ހިއްޕަވައިގެންނެވި އިރު ގުދުސްގެ މީހުން ދޮރޯށި ކައިރިއަށް އެއްވެ ތިއްބެވިތަން ފެނިގެން އިސްލާމީ ލަޝްކަރުގެ އިސް ކޮމާންޑަރު އަބޫ ޢުބައިދާ ގެފާނު ދެންނެވިއެވެ.
ކަލޭގެފާނު ސަވާރީއަށް މިތަނުން އަރުއްވަންވީނުތޯއެވެ. އެހިނދު އެކަލޭގެފާނު ދެންނެވިއެވެ. އަހުރެމެންނީ ކުރިން ދެރަ ނިކަމެތިންނެވެ. އިސްލާމް ދީނުގެ ހިދާޔަތުން އަހުރެމެންނަށްވަނީ މަތިވެރިކަން ދެއްވާފައެވެ. ޢިއްޒަތް ދެއްވާފައެވެ. އިސްލާމް ދީނުގެ ޢިއްޒަތް ނޫން އެހެން އެއްވެސް އިއްޒަތަކަށް އެދޭކަމުގައިވާނަމަ، މާތްﷲ އަހުރެމެން މިއަދުވެސް ނިކަމެތި ކުރައްވާ ހުއްޓެވެ. ގުދުސްގެ ދޮރޯށި ކައިރިއަށް އެއްވެފައިތިބި ގިނަ މީހުން ހީކުރީ ސަވާރީގައި އިންނެވީ ޢުމަރު ގެފާނުކަމަށެވެ.
ނިކަން ދެކިބަލާށެވެ. އޭރު ދުނިޔޭގެ ބާރުތައް ޖެހިލުންވާ އިސްލާމީ އުންމަތުގެ އެންމެ މަތީ ވެރިޔާ ޢުމަރު ގެފާނުގެ މިޢަމަލުފުޅުން އެކަލޭގެފާނުގެ ހިތްތިރިކަމާ، އިޚްލާޞްތެރިކަން ނުހަނު ބޮޑަށް ފާޅުވެގެންދެއެވެ. އަދި އެހާލަތުގައިވެސް ﷲއަށް ބިރުވެތިވެ ކިޔަމަންތެރިވެ ވަޑައިގަންނަވާވަރު ފެނިގެންދެއެވެ.
ޢުމަރު ގެފާނު އަވަހާރަވެ ވަޑައިގެންނެވީ ހިޖުރައިން 23 ވަނަ އަހަރުގައި ޢުމުރުފުޅުން 63 އަހަރުގައެވެ.